ކޮށްލާނެ ދުޢާއެއް ލިޔަލަ ދީބަލާށެވެ!
މިއީ މީހުން ބައެއްފަހަރު އެދޭ އެދުމެކެވެ. ދުޢާ ދަންނަވަނީ ހެއްދެވި ފަރާތަށެވެ. ދުޢާ އިޖާބަކުރެއްވުމަކީވެސް އެފަރާތަށް މިލްކުވެވޮޑިގެންވާ ކަމެކެވެ. މިހެންކަމާއެކު އެއްލަފްޒަކުން ދުޢާކުރާ ދެމީހެއްގެ ދުޢާ އިޖާބަވުން ތަފާތުވެއެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟ ﷲ ވަޙީކުރައްވަނީ وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ “އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.” މިއާޔަތަށް ވިސްނާލުމުން އެނގެނީ ކުއްތަންވިވަރަކަށް ދުޢާ އިޖާބަވުން ގާތްކަމެވެ. ވީމާ ލަފްޒަށްވުރެ ބޮޑު ސަމާލުކަމެއް ދޭންވީ ދުޢާކުރުމުގެ ފިޤުހު އިތުރުކޮށް ދުޢާކުރުމުގެ ޝަރުޠުތައް ފުރިހަމަކޮށް ކުއްތަންވެ ދުޢާކުރުމަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއްޝަރުޠަކީ ދުޢާކުރުމަށްފަހު އެދުޢާ އިޖާބަ ނުކުރައްވައިގެން ލަސްވެގެން ނޫޅުމެވެ. އެކަލާނގެއަށް ދުޢާ ދަންނަވައިފިނަމަ އެދުނު ކަމެއް ފުއްދަވައިދެއްވުމާއި، އެއަށްވުރެ ހެޔޮކަމެއް މިންވަރުކުރެއްވުމާއި އާޚުރަތަށް ރައްކާތެރިކޮށްދެއްވުމާއި މިތިންގޮތުންކުރެ ގޮތަކުން މާތް ﷲ އޭނާގެ ދުޢާ އިޖާބަ ކޮށްދެއްވައެވެ. ވީމާ ދުޢާކުރުންމަތީގައި ދެމިތިބަމާތޯއެވެ؟ މީގެ މާނައަކީ ލަފްޒުގެ އަސަރެއް ނެތްވާހަކައެއް ނޫނެވެ. ވަކި ލަފްޒެއް ހޯދާނަމަ އެންމެ އައުލާވެގެންވަނީ ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާކުރުމެވެ.