A person reading on a chair by a reflecting pond at sunset in Korgan, Turkey.

އަހުރެން ކިޔުމަށް ލޯބިކުރީ ކިހިނެއްވެގެން!؟

ލިޔުމުގެ ކަންކަމުގައި އުޅޭ މީހަކަށް މިސުވާލު ކުރިމަތި ކުރެވޭހިނދު އެންމެ ފުރަތަމަވެސް ހިތަށް އަރާނީ އޭނާ ދޭނެ ޖަވާބަކީ، ކިޔުމަށް ލޯބިކުރަނީ އަހަރެން ލިޔަން ބޭނުންވާތީކަމަށެވެ! އެހެންނަމަވެސް ޙަޤީޤަތަކީ، އޭނާ ހަމަ އެކަނި ކިޔަނީ ލިޔުމުގެ ބޭނުމުގައި ކަމުގައިވާނަމަ “އޭނާއަކީ މެސެޖް ފޯރުކޮށްދޭ މީހެއް” ފިޔަވައި އިތުރުކަމެއް ކުރާމީހެއް ނޫނެވެ. ނުވަތަ އެއީ އަޞްލު ލިޔުންތެރިއެއް ނޫނެވެ. އެއީ މީހަކު ލިޔާތީ ލިޔާމީހެކެވެ. އޭނާގެ ކުރިން ލިޔުންތެރިންތަކެއް ނެތްނަމަ އޭނާ އެއްގޮތަކަށްވެސް ލިޔުންތެރިއަކަށް ނުވީހެވެ. އޭނާގެ ކުރިން މީހަކު އެއްޗެކޭ ނުބުނިނަމަ ކިޔުންތެރިންނާ މުޚާޠަބުކޮށް ބުނާނެ އެއްޗެއް އޭނާގެ އަތަކު ނުއޮތީހެވެ.

އަހުރެންނަށް ތަޖުރިބާކުރެވިފައިވަނީ، އަހަރެން ވަރަށް ގިނަ ފޮތް ކިޔާއިރު އެފޮތްތައް ކިޔަނީ އެއްވެސް ހާލަތެއްގައި އެ މައުޟޫޢުގައި ލިޔާކަށް ނޫނެވެ. އަހުރެންގެ ކައިރިއަށް އަދީބަކު ޒިޔާރަތްކުރިއިރު އަހުރެން ގެ އޮފީސްތެރޭގައި ފަނިފަކުސައިގެ ޣަރީޒާއާ ގުޅޭގޮތުން ހުރި ބައެއް ފޮތްތައް އޭނާއަށް ފެނުނެވެ. އަދި އެކަމާ ހައިރާންވެގެން އަހުރެންނާ އޭނާ ސުވާލުކުރެއްވިއެވެ! ތިބާއާއި ފަނިފަކުސައާއި ހުރީ ކޮން ގުޅުމެއްހެއްޔެވެ؟ ތިބާލިޔަނީ އަދަބިއްޔާތާއި އެއާ ގުޅޭ މައުޟޫޢުތަކުގައެވެ. އެހެންވީއިރު ޅެމާއި ނަޤްދުކުރުމާއި އިޖްތިމާޢީކަންކަމާއި ފަނިފަކްސައާއި ހުރީ ކޮން ގުޅުމެއްހެއްޔެވެ؟ 

އަހުރެން ބޭނުންނަމަ ވަރަށް ދިގުކޮށް އެކަމުގެ ޖަވާބު ދިނީމުހެވެ. ނަމަވެސް އަހުރެން ބޭނުންވީ އޭގައި ޖަވާބު ހިމެނޭކަމަށް ފެންނަ އެހެންނަމަވެސް އޭގެ ޖަވާބު އޭގައި ނުހިމެނޭގޮތަށް ކޮންމެވެސް ހެއްވާ މަޖާގޮތަކަށް ކުރުކޮށް އެކަމުގެ ޖަވާބު ދިނުމަށެވެ.

މިގޮތުން އޭގެ ޖަވާބުގައި އަހުރެން ބުނީމެވެ. އަހުރެން ސިޔާސަތާ ގުޅޭ ކަންކަމުގައި ލިޔާކަން ތިބާގެ ހަނދާނަކު ނެތްތާއެވެ؟ އެހިނދު އޭނާ ބުންޏެވެ: އާނއެކެވެ. ތިޔަބުނީ ރަނގަޅަށެވެ އަހުރެން އެކަމުގެ މައްޗަކުން ހަނދާނެއް ނެތެވެ! މިދުވަސްވަރު ސިޔާސަތާއި ސިޔާސީ މީހުންނާ ގުޅޭގޮތުން ލިޔާމީހަކަށް ފަނިފަކުސައިގެ ޠަބީޢަތާ ގުޅޭ ގޮތުން އެނގުމަކީ ދޫކޮށްލެވޭވަރު ކަމެއް ނޫނެވެ!

ތަކުރާރުކޮށް އަހުރެން ބުނެފައިވާނެފަދައިން، (އާދަމުގެދަރީންނަށްވުރެ) ދަރަޖައިގެ ގޮތުން ދަށް ދިރޭތަކެއްޗަކީ ޚަލްޤުތަކުންގެ ދެލިކޮޕީއެވެ. ތަންޤީޙުކުރެވިފައިވާ އިޞްދާރުން ޚާލިޤުގެ އިރާދަފުޅު ފާޅުވާ ފަދައިން ދެލިކޮޕީންވެސް އެކަލާނގެ އިރާދަފުޅު ފާޅުވާން ހުންނާނެއެވެ. ބައެއްފަހަރު ތަންޤީޙުކުރެވުމަށްފަހު ފެންނަވަރަށްވުރެ ފާޅުކަން ބޮޑުގޮތެއްގައި ދެލިކޮޕީން ނިޔަތް ފާޅުވުމަކީ ވެދާނެ ކަމެކެވެ. ކިޔާމީހަކު ފަނިފަކުސައާ ގުޅޭ ފޮތެއް މުޠާލަޢާކުރުމަކީ އެމައުޟޫޢުގައި ލިޔުމުގެ ގޮތުން މުޠާލަޢާކުރި ކުރުމެއްކަމުގައި ކޮންމެހެން ވުން ލާޒިމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ އެ މުޠާލަޢާކުރަނީ ފިޠުރަތުގައި ވަންހަނާވެފައިވާ ކަންކަމާއި އެކަންކަމުގެ އަޞްލު ފެށިގެން އަންނަގޮތްތަކުގެ ތެރެއަށް ފީނުމަށްޓަކައެވެ. އޭރުން މިވެނި އެވެނި އިޙްސާސެއް އުފެދެނީ ކިހިނެއްކަން އޭނާއަށް އެނގޭނެއެވެ. މީގެ ސަބަބުން މި މައުޟޫޢު ފިޔަވައި އެހެން މައުޟޫޢެއްގައި ލިޔާއިރުގައިވެސް އިޙްސާސްކުރެވޭ ކުރެވުމާއި، ތަޢުބީރުކުރުން ސީދާވުން ގާތްވާނެއެވެ.

ހަމަ އެފަދައިން މަޝްހޫރު ޅެން ބައިތެއްގައި ތާރީޚު ކިޔާމީހަކު ޖަވާބުދިން ފަދައިން އެސުވާލަށް ޖަވާބުދޭކަށްވެސް އަހުރެން ބޭނުމެއް ނުމެ ނޫންމެއެވެ. އެ ބައިތަކީ:

ومن وعى التاريخ في صدره :: أضاف أعمارا إلى عمره

އަދި ތާރީޚު ރަނގަޅަށް ފަހުމުވެއްޖެ މީހާ އޭނާގެ ޢުމުރުގެ ތެރެއަށް އެތަކެއް ޢުމުރެއް އިތުރުކޮށްފިއެވެ.

އިތުރުކުރެވުނު ޢުމުރަކީ އަހަރުތަކެއް އިތުރުކޮށްދޭ އެއްޗެއްކަމުގައި ވުމުގެ ބަދަލުގައި ޙަޔާތަށް މިންވަރެއް އިތުރުކޮށްދޭ އެއްޗެއްކަމުގައި ވެގެން ނޫނީ، ނުވަތަ ހިނގާފައިވާ ހާދިސާތަކެއްގެ ޚަބަރުތަކާއި އެ ހާދިސާތައް ހިނގި އަހަރުގެ ޢަދަދުގެ ބަދަލުގައި ޙިއްސާއި ފިކުރާއި ޚިޔާލުގެ މިންވަރެއް އިތުރުކޮށްދޭ އެއްޗެއްކަމުގައިވެގެން ނޫނީ ޢުމުރެއްގެ ތެރެއަށް ޢުމުރު އިތުރުކުރުމަކީ މުހިއްމުކަމެއް ނޫނެވެ.  އިޙްސާސްކުރުމާއި ފިކުރުކުރުމާއި ޚިޔާލު ކުރުމުގެ ހިނދުކޮޅެއްވެސް ސަތޭކަ އަހަރު ނުވަތަ އެތަކެއްސަތޭކަ އަހަރާ އެއްވަރުވާނެއެވެ. އެތަކެއް ޚަބަރަކާއި، އެތަކެއް ޢަދަދެއް ރެކޯޑުކުރެވިފައިވާ ކެސެޓް ރޯލެއްކަމުގައި ނޫނީ އެފަދަ އަހަރުތައް ނުވެއެވެ.

ހަމަ ހިލާ އަހުރެން ކިޔަނީ ލިޔާކަށް ނޫނެވެ. އަދި އަހުރެން ކިޔުމަށް ލޯބިކުރަނީ ޙިސާބު ޢަދަދުން ޢުމުރެއް އިތުރުކުރާކަށްވެސް ނޫނެވެ. އޭގެ ބަދަލުގައި އަހުރެން ކިޔުމަށް ލޯބިކުރަނީ އަހުރެންނަށް ލިބިފައިވަނީ އެންމެ ޙަޔާތެއްކަމުގައިވާތީއެވެ. އެންމެ ޙަޔާތެއް އަހުރެންނަކަށް ނުފުދެއެވެ. އަދި އަހުރެންގެ މުޅި ޟަމީރުގައި ހިނގާ ހުރިހާކަމެއް ހިލުވާލުމަކަށްވެސް އެންމެ ޙަޔާތެއް ނުފުދެއެވެ.

އިންސާނެއްގެ ޢުމުރުގެ ތެރޭގައި އެއް ޙަޔާތަށްވުރެ ގިނަ ޙަޔާތް ލިއްބައިދޭ އެއްޗަކީ ކިޔުން ފިޔަވާ އެހެން އެއްޗެއް ނޫނެވެ. އެހެނީ ޙިސާބުގެ މިންގަނޑުން ބަލައިގެން ޢުމުރު ދިގުނުވިނަމަވެސް އެއީ ޙަޔާތުގެ ފުންކަން އިތުރުކޮށްދޭ އެއްޗެކެވެ.

ތިބާގެ ފިކުރަކީ އެންމެ ފިކުރެކެވެ.

ތިބާގެ ޝުޢޫރަކީ އެންމެ ޝުޢޫރެކެވެ.

ތިބާއާ ހަމައިގައި މަޑުޖައްސާލައިފިނަމަ ތިބާގެ ޚިޔާލަކީވެސް އެންމެ ފަރުދެއްގެ ޚިޔާލެކެވެ.

އެކަމަކު ތިބާގެ ފިކުރާއި އެހެން ފިކުރެއް ގުޅުވައިފިނަމަ، ނުވަތަ ތިބާގެ ޝުޢޫރާ އެހެން ޝުޢޫރެއް ގުޅުވައިފިނަމަ ނުވަތަ ތިބާގެ ޚިޔާލާ އަނެކާގެ ޚިޔާލު ގުޅުވައިފިނަމަ، އެހިސާބުން އެފިކުރު ދެފިކުރަށް ނުވަތަ އެ ޝުޢޫރު ދެޝުޢޫރަށް، ނުވަތަ އެ ޚިޔާލު ދެ ޚިޔާލަށް ހަމަ އެކަނި ބަދަލުވަނީއެއް ނޫނެވެ.

އެކަން ވަނީ އެހެންނެއް ނޫންކަން ޔަޤީނެވެ. މިގޮތަށް ފިކުރެއް ގުޅޭގުޅުމަކީ އޭގެ ބާރާއި ފުންމިނާއި ތަނަވަސްކަމުގެ ގޮތުން އެތަކެއް ސަތޭކަ ފިކުރަކަށް ބަދަލުވެގެންދާ ދިއުމެކެވެ. މީގެ މިސާލު، އިޙްސާސްކުރެވޭ، ލޮލަށް ފެންނަ ދުނިޔެއިން ތަޖުރިބާކުރެވެއެވެ. އަދި ހަމަ އެހެންމެ ޝުޢޫރާއި ޢާޠިފީ ދުނިޔެއިންވެސް އިޙްސާސްކުރެވެއެވެ.

ފެންނަ ކަންކަމަށް ބަލާއިރު، ދެލޯގަނޑު ދޭތެރޭގައި އިށީނދެ އިންނަ މީހާއަށް ފެންނާނީ އެކެއް ދެމީހެއްގެ ސޫރައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާއަށް ހުރިހާ ދިމާލަކުންވެސް ފެންނާނީ އޭނާގެ ނަޒަރު ހުސްވަންދެން ތަކުރާރުވެ ގުޅިފައިވާ އެތަކެއް ސޫރައެކެވެ.

ޢާޠިފީ އަދި ޝޫޢޫރުގެ ދުނިޔެގައި އިންސާނާގެ ނަފްސުގައި ހިމެނޭ އެންމެ ބާރުގަދަ އިޙްސާސަކަށް ބަލާއިރު ފެންނަނީ ދެހިތެއްގެ ދެމެދުގައި ބަދަލުކުރެވޭ ލޯބީގެ ގުޅުމެވެ… އެއީ ކީއްވެހެއްޔެވެ؟ އެހެނީ އެހެން މީހުންގެ އިހްސާސް އެއްކަމަކާ ގުޅިފައިވީނަމަވެސް އެދެމީހުން ކުރާނީ އެއްމެ އިޙްސާސެއް ނޫނެވެ.

އެދެމީހުން ކުރާނީ އެކެއް ދެ އިޙްސާސެއް ނޫނެވެ. އެދެމީހުންކުރާނީ އެތަކެއް ގުނަ އިތުރު އިޙްސާސްތަކެކެވެ. އެދެމީހުންގެ މި އިޙްސާސްތައް ގުޅި ލާމެހި އިތުރުވެގެން ގޮސް ދިރިތިބި އެންމެހައި ނަފްސުތަކަށް ތަނަވަސްވެގެން ދާވަރުވާނެއެވެ.

މިއީ ދެ ލޯގަނޑު ދިމާވުމުން ކަންވެގެން ދާގޮތެވެ. އަދި ދެހިތެއް ގުޅުމުން ކަންވާގޮތެވެ. އެއްކަމެއްގައި ނަފްސުގެ އެތަކެއް ރަހަބިއްލޫރިއެއް ދިމާވުމުން ކަންވާނެ ގޮތަކާމެދު ވިސްނާލީންހެއްޔެވެ؟

އަދި އެތަކެއް ޟަމީރަކާއި ފިކުރު ދިމާވުމުން ކަންވާނެގޮތަކާމެދު ވިސްނާލީންހެއްޔެވެ؟

އެއްފިކުރަކީ ވަކިން އޮންނަ ފެން އާރެކެވެ.  

ގުޅިފައިވާ ފިކުރުތަކުގެ މިސާލަކީ ކުދި ފެން އާރުތައް ގޮސް ކަނޑާ ގުޅި ޖަމާވުމުގެ މިސާލެވެ. އެކުވި ފިކުރާއި އެކަހެރި ފިކުރާއި ދެމެދުގައި ހުރި ތަފާތަކީ ތަނަވަސް ކަނޑުގައިވާ ބާރުއޮޔާއި، ހަނި އައްސޭރިއެއްގައި ހިފެހެއްޓިފައި ހުންނަ ރާޅުގެ ފަރަޤެވެ.

ބައެއް މައުޟޫޢުތަކަށް ދެވިފައި ހުންނަ ސުރުޚީގެ ސަބަބުން ބޭރުފުށަށް ފެންނަ ފެނުމުގައި ތަފާތުތަކެއް ހުރެދާނެއެވެ. ނަމަވެސް އޭގެ އަޞްލަށް ރުޖޫޢަކޮށްފިނަމަ ސުރުޚީގެ ދަށުގައި އޮންނަ އެންމެ ދުރު މައުޟޫޢަކީ އެންމެ ކައިރި މައުޟޫޢަށްވެގެން ދެއެވެ.

ފަނިފަކުސައިގެ ޣަރީޒާތަކަކީ ދީނުގެ ފަލްސަފާއާ ކޮން ގުޅުމެއް އޮތް އެއްޗެއްހެއްޔެވެ؟

ހަޖޫކިޔާފައި އޮންނަ ޅެމަކާއި، އަދި ލޯބީގެ ޅެމަކާއި، ދީނުގެފަލްސަފާއާ ދެމެދު އޮތީ ކޮންގުޅުމެއް ހެއްޔެވެ؟

އަދި އިންޤިލާބުކުރުމާއި އިޞްލާޙީ ޙަރަކާތައިގެން ތެދުވުމުގެ ތާރީޚާ ވަކިވަކި ޅެންޅެމާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟

މީހެއްގެ ހަޔާތާ ގުޅޭގޮތުން ލިޔެފައި ހުންނަ ބަޔޮގްރަފީއާއި އުއްމަތުގެ ތާރީޚަކާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟

ބޭރުފުށަށް ފެންނަ ފެނުމަށް ބަލާއިރު، މިއީ، ހުޅަނގާއި އިރާ ދެމެދު، އަދި އުތުރާއި ދެކުނާ ދެމެދު ގައިވާ ފަރަޤު ހުރި މައުޟޫޢުތަކެކެވެ. ޙަޤީޤަތަކީ، އެއީ ޙަޔާތާ ގުޅުންހުރި މާއްދާތަކެކެވެ. މިހުރިހާ ފެންއާރެއް ފެށިގެން އަންނަނީ އެއް މަޞްދަރަކުންނެވެ. އަދި އެނބުރި ރުޖޫޢަވަނީވެސް ހަމަ އެކައްޗަކަށެވެ.

ފަނިފަކުސައިގެ ޣަރީޒާތަކުގެ ބަޙުޘަކީ ދިރުމުގެ ފެށުމާ ގުޅޭ ބަޙުޘެކެވެ.

ދީނުގެ ފަލްސަފާއަކީ އަބަދީ ޙަޔާތާ ގުޅޭގޮތުން ކުރެވޭ ބަޙުޘެކެވެ.

ލޯބީގެ ޅެމެއް ނުވަތަ ހަޖޫކިޔުމުގެ ޅެމަކީ ލޯތްބާއި އަބާއްޖަވެރިކަމުގެ ހާލަތުގައި އިންސާނާގެ ޙަޔާތުން ލިއްބައިދޭ ދެފިލާވަޅެވެ.

އަދި އިންޤިލާބުކުރުމާއި އިޞްލާޙީ ޙަރަކާތައިގެން ތެދުވުމާ މި ދެކަމަކީ، އެތަކެއް މިލިޔަން މީހުންގެ ނަފްސުގައި ދިރުން އާލާކޮށްދޭ ޝުޢޫރުތަކެއް ހިލުވާލާ ކަމެކެވެ. އަދި މާތް މީހެއްގެ ސީރަތަކީ މީސްތަކުންގެ ތެރެއިން މޮޅުމީހެއްގެ ހަޔާތް ހުށަހަޅައިދޭ ހުށަހެޅުމެކެވެ.

މިއީ މުޅިންވެސް އެއްކަނޑަކަށް އެއްވާ ރާޅުތަކެކެވެ. އަދި މި ރާޅުތައް އަހަރެމެނައިގެން ދަތުރުކޮށްފައި ދަނީ މާ ކަނޑަށެވެ.

ކިޔުމަކީ ހޮބީއަކަށް ހެދި އިރު މިހުރިހާ ކަމަކާ ގުޅޭގޮތުން ހޯދާ ބެލުމައިގެން އުޅެވޭނެކަން އަހުރެންގެ ތަޞައްވުރަކަށް ނާދެއެވެ. ނުވަތަ ކިޔުމުގެ ހޮބީ އުފެދުނީ މިކަމަށް އޮތް ޝައުޤުވެރިކަމެއްގެ ސަބަބުންކަމެއް އަހުރެންނަކަށް ނޭނގެއެވެ.

ނަމަވެސް ކިޔުމަކީ ހޮބީއަކަށް ހެދިއްޖެއެވެ. އަދި އަހުރެން ކިޔާ ބައެއް މައުޟޫޢާ މެދުގައި ވިސްނަމެވެ. ބުނެވިދިޔަ ޝާމިލު ގުޅުން ފިޔަވައި އިތުރު ގުޅުމެއް އަހުރެންނަކަށް ނުފެނުނެވެ. ކޮކާލަކާ ބެހޭގޮތުން ކިޔާ ކިޔުމާއި، އަލްމަޢައްރީއާއި ޝެކްސްޕިޔަރ އާ ބެހޭގޮތުން ކިޔާ ކިޔުމުގައި ހުންނަ ގާތްކަމަކީ މިބުނެވުނު ޝާމިލު ގުޅުމެވެ.

އަހުރެން ފޮތްދެކެ ލޯބިވަނީ އަހުރެން ދުނިޔެއަށް ޒާހިދުވުމަކުން ނޫނެވެ.

އެކަމަކު އަހުރެން ފޮތްދެކެ ލޯބިވަނީ އަހުރެންނަށް އެންމެ ޙަޔާތެއް ނުފުދޭތީއެވެ .. މީހަކު ކިތަންމެ ގިނައިން ކެޔަސް އޭނާއަށް ކެވޭނީ އެންމެ މަޢިދާއެއްގެ ޖާގައަށެވެ. ކިތަންމެ ވަރަކަށް އުނުފޭރާން ލިޔަސް އޭނާއަށް އުނުފޭރާން ލެވޭނީ އެންމެ ހަށިގަނޑެއްގައެވެ. ކިތަންމެވަރަކަށް ޤައުމުތަކަށް ދަތުރުކުރި ނަމަވެސް ދެތަނެއްގައި އެއްފަހަރާ ހުރުމުގެ ކުޅަދާނަކަމެއް އިންސާނާއަކަށް ލިބިގެނެއް ނުވެއެވެ. ނަމަވެސް ފިކުރާއި ޝުޢޫރާއި ޚިޔާލުގެ ކޮއްތާއެކު އެއް ޢުމުރުގައި އެތަކެއް ޙަޔާތެއް އެއްކޮށްލުމުގެ ކުޅަދާނަކަށް އޭނާއަށް ލިބިގެންވެއެވެ. އޭނާގެ ފިކުރާއި ޝުޢޫރާއި ޚިޔާލު އެތައް އެތައް ގުނައަކަށް އިތުރުކުރުމަކީ ދެލޯގަނޑު ދޭތެރޭގައި ހުއްޓި ހުންނަ އިރު ސޫރަ އިތުރުވާފަދައިން އަދި ދެމީހެއްގެ ދެމެދުގައި ބަދަލުކުރެވޭ ލޯބީގެ ޝުޢޫރުތައް އިތުރުވާފަދައިން އިންސާނާއަށް ކުރެވިދާނެކަމެކެވެ.

މިއީ މަޙްމޫދު ޢައްބާސް އަލްޢައްޤާދު ކިޔާ ޢިލްމުވެރި އަދީބެއްގެ ލިޔުމެއްގެ ތަރުޖަމާއެކެވެ. މި ފަދަ ލިޔުންތައް ދިވެހި ބަހަށް ގެންނަ އިރު ޢަރަބި ބަސްފަދަ މުއްސަދި ބަހަކުން ލިޔެފައި ހުންނަ ބަލާޣީ ހަމަތަކާއި ލިޔުންތެރިކަމުގެ މުއްސަނދިކަން ހުރިގޮތަށް، ކިޔާލަން ފަސޭހަކޮށް ގެނައުމަކީ އެހާ ފަސޭހަކަމަކަށް ނުވެ ހިނގައިދާނެއެވެ. މިދަންނަވާ އެއްޗެއް އިތުރަށް ހާމަކޮށްލުމުގެ ގޮތުން އެއް ޢިބާރާތެއް ތަފްޞީލުކޮށްލަދީ ކުޑަކުޑަ ވާހަކައެއްގެ ސިފައިގައި ހުށަހަޅާލާނަމެވެ.

ތަފްޞީލުކޮށްލަދިނުމަށް އިޚްތިޔާރުކުރި ޢިބާރާތަކީ މިއީއެވެ. “ކިޔުމަކީ ހޮބީއަކަށް ހެދި އިރު މިހުރިހާ ކަމަކާ ގުޅޭގޮތުން ހޯދާ ބެލުމައިގެން އުޅެވޭނެކަން އަހުރެންގެ ތަޞައްވުރަކަށް ނާދެއެވެ. ނުވަތަ ކިޔުމުގެ ހޮބީ އުފެދުނީ މިކަމަށް އޮތް ޝައުޤުވެރިކަމެއްގެ ސަބަބުންކަމެއް އަހުރެންނަކަށް ނޭނގެއެވެ.” ވާހަކައިގެ ސިފައިގައި މިޢިބާރާތުގައި ބުނާ އެއްޗެއް އަޑުއައްސަވާލައްވާށެވެ!

ސާރާއަކީ ޢުމުރުން 13 އަހަރުގެ އަންހެން ކުއްޖެކެވެ. އެއްދުވަހެއްގައި ވަކި ލަނޑުދަނޑިއެއް ނެތި ސްކޫލުގައި ހުރި ލައިބްރަރީއަށް އޭނާ ވަނެވެ. ލައިބްރަރީގެ ހަރުން ފޮތެއް ނަގައިގެން އައިސް އިށީނދެ ކިޔަން ފަށައިފިއެވެ. ކިޔަން ފެށުމާއެކު ވަގުތު ދާ ނުދާގޮތެއް ނޭނގި ވަށައިގެން ހުރި ކަންކަމުގެ މަތިން ހަނދާން ނެތިއްޖެއެވެ. އަދި އޭނާއަށް އިހުސާސްވާންފެށީ ފޮތަށް އޭނާ އެނގޭކަމެވެ. ކިޔަމުންދިޔަ ވާހަކަ ލިޔުނުމީހާއަށް ސާރާގެ ހިތުގެ ތެރޭގައި ހުރިއެއްޗެއް އެނގިގެން ލިޔެފައި އޮތްކަހަލައެވެ. ދުވަސްތައް ވޭތުވަމުން ދިޔައެވެ. ކިޔުމަކީ ސާރާ ކޮންމެދުވަހަކުވެސް ކުރާހިތްވާ ކަމަކަށްވެއްޖެއެވެ. ނަމަވެސް އެއީ ކިހިނެއްވެގެންކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާ ބުނަމުންދިޔައީ މިހެންނެވެ: އަހަރެން ހަމަ ކިޔާ ހިތްވަނީއެވެ. އަހަރެންނަށް އިހްސާސްވަނީ އެހެން ޢާލަމެއްގައި ދިރިއުޅެމުންދާކަމަށެވެ. ނަމަވެސް އަހަރުތަކެއްފަހުން ސާރާއަށް ޙަޤީޤަތް އެނގެންފަށައިފިއެވެ. އޭނާ ކިޔަން ފެށީ އޭނާގެ ހިތުގައި އުފެދެމުންދިޔަ ގިނަ ސުވާލުތަކަކަށް ޖަވާބު ހޯދުމަށްކަން އޭނާއަށް އިހްސާސްވާން ފެށިއެވެ. އޭނާ ކިޔަންފެށީ އޭނާގެ ހިތަށް އެކަނިވެރިކަން އިހްސާސްވާންފެށުމުން އޭނާއާ އެއްގޮތް ފަރާތެއް ހޯދުމުގެ ބޭނުމުގައިކަންވެސް އެނގުނެވެ. އޭނާ ކިޔަންފެށީ ދިރިއުޅުމަކީ ކޮބައިކަން ދެނެގަތުމުގެ ބޭނުމުގައެވެ. އަދި އޭނާގެ އަމިއްލަ ނަފްސު ދެނެގަތުމަށްޓަކައެވެ. މިއީ އިސްވެ ދިޔަ ޢިބާރާތް ދެނެގަތުމުގެ ފަސޭހައަކަށް ހުށަހަޅާލި ޚިޔާލީ ހާދިސާއެކެވެ.

Scroll to Top