އަބޫބަކުރުގެފާނު ވަޑައިގެން ނެތީސް ހިނގާފައިވާ މުރްތައްވުމުގެ ހާދިސާއެއް! (3)

މި ދީން ފެތުރުމުގެ ސިއްރު

އިސްލާމީ ޤައުމުތަކުގައި މި ދީން ފެތުރުނީ ކިހިނެއްވެގެން ހެއްޔެވެ؟

މުސްލިމުންގެ ވަޒަނުގައި މުސްލިމުންނާ ހަނގުރާމަކުރުމުގެ ކުޅަދާނަކަން މި ދީނަށް ލިބުނީ ކިހިނެއްވެގެންހެއްޔެވެ؟

ބުއްދިއާއި ނަފްސުގެ މައްޗަށް ވެރިވެގަތުމުގެ މިހާބޮޑު ބާރުވެރިކަމަކަމެއް މި ދީނަށް ލިބުނީ ކިހިނެއްވެގެންހެއްޔެވެ؟ އެހުރިހާ ކަމެއްގެ ޖަވާބު ހޯދުމަށް، ފުންކޮށް ފުރިހަމައަށް ވިސްނަން ޖެހެއެވެ. އަދި ފުޅާ ދާއިރާއެއްގައި ދިރާސާކުރަންވެސް ޖެހެއެވެ.

މީލާދީން 19 ވަނަ ޤަރުނުގައި ދަޢުވަތުދިނުމުގައްޔާއި، ޢަޤީދާގެ ގޮތުންނާއި، ވިސްނުން ބަހައްޓާގޮތާއި ޢިލްމީގޮތުން އިސްލާމީ ދުނިޔެ ނިކަމެތިވެގެން ދިޔައެވެ. އެގޮތުން އިސްލާމީ ދުނިޔެއިން ވަރުބަލިކަމާއި މުސްކުޅިކަމުގެ ޢަލާމާތްތައް ފެންނަން ފެށިއެވެ. އިސްލާމްދީނަކީ ޢުމުރުންދުވަސްވުމާއި މުސްކުޅިކަން ދަންނަ ދީނެއް ނޫނެވެ. އެއީ އިރެކޭ އެއްފަދައިން އައު، އަދި ޤަދީމީ އަދި ޒުވާންވެސް އެއްޗެކެވެ. ނަމަވެސް މުސްކުޅިވެ ގައިބާރުދޫވެ ނިކަމެތިވެފައިވަނީ މުސްލިމުންނެވެ. ޢިލްމު ފުޅާވެ ތަނަވެސްވެގެން ގޮސްފައެއް ނުވެއެވެ. ފިކުރާއި އުފެއްދުންތެރިކަމުގައި އީޖާދީ ގޮތްތަކެއް ނުހުރެއެވެ. ވިސްނުމުގައި އާދަޔާޚިލާފު ތޫނުފިލިކަމެއް ނުހުރެއެވެ. އަދި ދަޢުވަތުދިނުމުގައި ފޯރިއެއް ނުހުރެއެވެ. އަދި އިސްލާމްދީނާއި އެދީނުގެ ޚާއްޞަ ސިފަތައް ހުށައަޅައިދޭއިރު ރީތި، އަދި އަސަރުކުރާގޮތަށް ހުށަހަޅައިދޭތަންވެސް ވަރަށް މަދުން ނޫނީ ނުފެނެއެވެ.

ކިޔަވައިގެން ތިބި ޒުވާނުންނާއި އެބައިމީހުންގެ ވިސްނުމަކާއި ދީން ހުށަހަޅައިދޭގޮތަކާއި ދިމައެއް ނުވެއެވެ. އެއީ އުއްމަތުގެ މާދަމާއެވެ. އުއްމީދީ ޖީލެވެ.

އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީންކަމާއި، ތާއަބަދަށް ދެމިއޮންނާނެ ރިސާލަތުކަން އެބައިމީހުންނަށް ޤަބޫލުކުރެވޭ މިންވަރަށް ވިސްނައިދިނުމުގެ މަސައްކަތެއް ނުކުރެވެއެވެ. އަދި ކީރިތި ޤުރުއާނަކީ އޭގެ ޢަޖައިބުތަކަށް ނިމުމެއްނެތް، ދެމިގެންވާ މުޢުޖިޒާތެއްކަމާއި، އޭގެ ޚަޒާނާ ހުސްވުމެއް ނެތްކަމާއި، އޭގެ އައުކަމަށް ބާވުމެއް ނެތް އެއްޗެއްކަން ޤަބޫލުކުރެވޭ ގޮތަށް އަންގައިދިނުމަކަށްވެސް މަސައްކަތެއް ނުކުރެވެއެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި ރަސޫލާއަކީ އެންމެ މަތިވެރި މުޢުޖިޒާތްކަމާއި، އެއީ އެންމެހައި ޖީލުތަކުގެ ރަސޫލާކަމާއި، އެންމެހައި ޒަމާންތަކެއްގެ އިމާމުކަން ޤަބޫލުކުރެވޭ ގޮތަށް އަންގައިދިނުމަކަށްވެސް މަސަކްތެއް ނުކުރެވެއެވެ. އަދި އިސްލާމީ ޝަރީޢަތަކީ، ތަޝްރީޢުކުރުމުގެ ޙުއްޖަތްކަމާއި، އެއީ ދިރިއުޅުމުގެ ކަންކަމާ ފައިހަމަކުރުމަށް އެކަށޭނަ، އަދި ދިރިއުޅުމުގެ މަޤްޞަދުތައް ހާސިލުކޮށް އެކަންކަން ކުރިއަށްދާގޮތް ރަނގަޅުތޯ ބެލުމަށް އެކަށޭނަ ޝަރުޢީ ނިޒާމެއްކަން ޤަބޫލުކުރެވޭ ސިފައެއްގައި އަންގައިދިނުމަކަށްވެސް މަސައްކަތެއް ނުކުރެވެއެވެ. އަދި އީމާންކަމާއި، ޢަޤީދާއާއި އަޚްލާޤާއި ރޫޙީ ޤިޔަމްތަކަކީ ހެޔޮ ރަށްވެހިކަމަކާއި މާތް ޖުމްތަމަޢެއްގެ އަސާސްކަން ޤަބޫލުކުރެވޭ ބީދައަކުން ބުނެދިނުމުގެ މަސައްކަތްވެސް ކުރެވިފައެއް ނުވެއެވެ. ވަސީލަތްތަކާއި އާލަތްތައް ފިޔަވައި އެހެން އެއްޗެއް (މިހާރު މިއޮތް) އައު ޙަޟާރަތަކަށް ލިބިގެން ނުވާކަމާއި، އަދި ނަބިއްޔުންގެ ތަޢުލީމަކީ، ޢަޤީދާއާއި، އަޚްލާޤާއި ދިރިއުޅުމުގެ މަޤްޞަދުތަކުގެ މަޞްދަރުކަމާއި، އަދި ވަސީލަތްތަކާއި މަޤްޞަދުތައް އެއްކުރުމުން ނޫނީ ރަނގަޅު މިންހަމަ މަދަނިއްޔަތެއް ނުލިބޭނެކަންވެސް ޤަބޫލުކުރެވޭ ހަމައަކުން ބުނެދިނުމުގެ މަސައްކަތްވެސް ނުމެ ކުރެވެއެވެ.  

ޔޫރަޕުން އެފަލްސަފާއެއް ލިޔެ އެއްކުރުމާއި، އެ ތަހުޛީބުކުރުމަށްޓަކައި، ބޮޑެތި ފަލްސަފާވެރިންނާއި، އެޒަމާނުގައި އަރާތިބި ޢިލްމުވެރިން އެތަކެއް ބުރައެއް އުފުލާފައިވާ ފަލްސަފާވެރިކަން މެދުވެރިކޮށް މި ދަނޑިވަޅުގައި އަހަރެމެންނަށް އެބައިމީހުން ހަމަލާދިނެވެ. އަދި އިންސާނީ ފިކުރަށް ދެވޭނެ އެންމެ ދުރުހިސާބަކީ އެއީ ކަމާއި، އަދި އެއީ ދިރާސާތަކާއި އޭގެ ތެރެއިން އިޚްތިރިޔާރުކުރެވޭ ރައުޔުތަކާއި ކަންކަމާއި، އިންސާނީ ވިސްނުމުގެ ނަތީޖާއާއި، ފުންވިސްނުމުގެ ޚުލާޞާކަމުގައި، ބަލަން ހުންނަ މީހާއަށް ހީވާގޮތަށް އެ ފަލްސަފާގައި ޢިލްމީ ކުލައިން ކުލަ ޖައްސާފައި ވެއެވެ. އޭގެ ތެރޭގައި ތަޖުރިބާގެ މައްޗަށް ބިނާވާ ކަންކަމާއި، އޮބްޒަވޭޝަން (ހޯދާބެލުން) ގެ މައްޗަށް ބިނާކޮށް ތަޖުރިބާތަކުން ޔަޤީންވާކަންކަމާއި، އިފްތިރާޟުކުރުމާއި، ދަލީލެއްނެތް ކަންކަމާއި، ޚިޔާލާއި ވަހުމުގެ މައްޗަށް ބިނާވާ ކަންކަންވެސް ހިމެނެއެވެ. ހަމަ އެހެންމެ އޭގެ ތެރޭގައި ޙައްޤާއި ބާޠިލާއި އެނގުމާއި ނޭނގުމާއި، ފެންނަމުންދާ ޙަޤީޤަތްތަކާއި، ޅެންވެރިކަމުގެ ޚިޔާލާތުގެ މައްޗަށް ބިނާވެފައިވާ ކަންކަންވެސް ހިމެނެއެވެ. ޅެމަކީ، އެމުނި އެކުލެވުމާއި ކާފިޔާގެ މައްޗަށް އެކަނި ހުއްޓިފައި އޮންނަ އެއްޗެއް ނޫނެވެ. އެއީ ފަލްސަފާއާއި ޢިލްމުގައިވެސް އޮންނަ އެއްޗެކެވެ. 

މި ފަލްސަފާތަށް އައީ، އެކި ޤައުމުތައް ފަތަޙަކުރި ޔޫރަޕުގެ ފާތިޙުންނާ (އިސްތިޢުމާރީ ބާރުތަކާ) އެކުގައެވެ. އެގޮތުން މި ފަލްސަފާތަކަށް އިންސާނީ ނަފްސުތަކާއި ބުއްދި ކިޔަމަންގަނެ ތަބާވިއެވެ. އަދި އިސްލާމީ ޤައުމުތަކުގައި ތިބި ތަޢުލީމީ މީހުން އެ ސަގާފަތް ގަބޫލުކުރިއެވެ. އޭގެ ތެރޭގައި އެ ފަލްސަފާ އެނގޭ މީހުން ތިއްބެވެ. އެއީ ދާދި މަދުބައެކެވެ. އަދި އެ ފަލްސަފާ ނުދަންނަ މީހުންވެސް ތިއްބެވެ. ބޮޑު އަޣުލަބިއްޔަތަކީ އެއީއެވެ. ނަމަވެސް އެ ފަލްސަފާއަށް އީމާންވާ އެންމެން ތިބީ އޭގެ ސިޙުރުން ސިޙުރު ޖެހިފައެވެ. އެ ފަލްސަފާއަކީ ތަންދޮރު ދަތުމާއި ވިސްނުން ތޫނު ކަމެއްކަމުގައި މީގެ އަވާގައި ޖެހިފައި ތިބި މީހުން ގަބޫލުކުރެއެވެ. އަދި އެއީ ކިޔަވައިގެން ތިބި މިނިވަނުންގެ ޝިޢާރެއްކަމުގައިވެސް ދެކެއެވެ.   

މިގޮތުގެ މަތިން ވަކި ދީނެއް ޤަބޫލުނުކުރުމާއި މުރުތައްދުވުން، އިސްލާމީ ކަންކޮޅުތަކުގައި ޢާންމުވެގެންދިޔައީ، މައިބަފައިންނާއި، ތަރުބަވީ މުދައްރިސުންނާއި، ދީނަށް ޣީރަތްތެރިވި މީހުން އެފަލްސަފާ ފަތުރައިގެންނެއް ނޫނެވެ. އެބައިމީހުންނަކީ ބުދަށް ސަޖިދަކޮށް، ޠާޣޫތަށް ކަތިލައި އުޅުބައެއް ނޫނެވެ. މުރްތައްދުވެއްޖެކަމަށް، ނުވަތަ ކުރުފުރވެއްޖެކަމަށް ނުވަތަ ޒިންދީޤަކަށް ވެއްޖެކަން، ދެނެގަތުމުގައި ކުރީ ޒަމާނުގައި ބަލަނީ އެޒާތުގެ ކަންކަމަށެވެ.

މުނާފިޤުކަމާއި ދީން ޤަބޫލުނުކުރުން

އިހުޒަމާނުގައި ދީން ދޫކޮށްދާ މީހުންނަކީ، އިސްލާމީ މުޖްތަމަޢު ދޫކޮށް، އެބައިމީހުން އަލަށް ވަން ދީނުގެ މުޖްތަމަޢާ ގުޅި، އެބައިމީހުންގެ ޢަޤީދާއާއި، އެބައިމީހުން (ގެ) (ދީން) ބަދަލުވިކަން ހިތްވަރުހުރެގެން ޞަރީޙަކޮށް އިޢުލާނުކުރާ ބައަކުކަމުގައި ވިއެވެ. އަދި އެބައިމީހުންގެ އައު ޢަޤީދާގެ ޙައްޤުގައި ގެއްލިގެންދިޔަ ކޮންމެކަމެއް ތަޙައްމުލް ކުރެއެވެ. އަދި އެބައިމީހުންނަށް ލިބެމުންދިޔަ ޙައްޤުތަކާއި އިމްތިޔާޒުތައް ދެމެހެއްޓުމަށްޓަކައި ކުރީގެ މުޖްތަމަޢުގައި ތިބުމަށް މާބޮޑަށް ބޭނުންވެގެންނެއްވެސް ނޫޅެއެވެ.

އިންސާނީ މުޖްތަމަޢުގެ ތެރެއިން ހަމަ އެކަނި ޢަޤީދާއެއްގެ މައްޗަށް ޤާއިމުވެފައިވާ މުޖްތަމަޢަކީ އިސްލާމީ މުޖްތަމަޢުކަމަށް ވެފައި އެ ޢަޤީދާއާ ނުލައި އިސްލާމީ މުޖްތަމަޢަކަށް ނުވާއިރުގައިވެސް، މިއަދު އިސްލާމްދީނާ އޮތް ގުޅުން ކަނޑާލާ މީހާ، އިސްލާމީ މުޖްތަމަޢާ ގުޅުން ކަނޑާލާކަށް ބޭނުމެއް ނުވެއެވެ. އެބައިމީހުން ގަދައަޅާ މަސައްކަތްކުރަނީ، އެބައިމީހުންގެ (އިޖްތިމާޢީ) މަޤާމުގައި ތިބެ މުޖްތަމަޢުގެ އިތުބާރު ލިބިގަތުމަށެވެ. އިސްލާމްދީން ކަށަވަރުކޮށްދޭ ޙައްޤުތައްވެސް ލިބިގަތުމަށެވެ. މިއީ އިސްލާމީ ތާރީޚު ދެކެފައިނުވާ އާދަޔާ ޚިލާފު ހާލަތެއްކަން ކަށަވަރެވެ.

ޖާހިލިއްޔަ ތަޢައްޞުބާއި އެކަމާ ގުޅޭކަންކަމަށް ދީނެއްގެ ދަރަޖަ ލިބުން

ވަރަށް ފާޅުގައި އިސްލާމްދީން އެކަންކަމާ ހަނގުރާމަކޮށް، އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ވަރަށް ބާރުލައްވަވައި ޞަރީޙަބަހުން ދެކޮޅު ހެއްދެވި، ޖާހިލިއްޔަ ޠަބީޢަތާއި އަސާސްތައް އޭރު ހުއްޓެވެ. އެގޮތުން ލެޔާއި ވަޠަނާއި ޖިންސުގެ ގޮތުން އެކަތިކަނޑަކަށްވުމުގެ މައްޗަށް ބިނާވެފައި އޮތް ޖާހިލިއްޔަ ތަޢައްޞުބަކީ މީގެ މިސާލެކެވެ. މި ޢަޞަބިއްޔަތުގެ ކަންކަމަށް މާތްކޮށް ހިތުމުގައި ހައްދުފަހަނަ އެޅުމާއި، އެކަން ދިފާޢުކުރުމާއި، އޭގެ ދިދައިގެ ދަށުގައި ހަނގުރާމަކުރުމާއި، އޭގެ އަސާސްތަކުގެ މައްޗަށް މުޖްތަމަޢު ބެހި، އެއީ ދީނެއްގެ ގޮތުގައި އަދި ޢަޤީދާއެއްގެ ގޮތުގައި ވެގެންދާތީ ތިބާއަށް ފެންނާނެއެވެ. އަދި ހަމަ އެހެންމެ ބުއްދިއާއި ނަފްސާއި ފުރާނައާއި އަދަބިއްޔާތުގައި ތަކި ހިއްޕާލައި، ޙަޔާތުގެ މަޢުރިފާވެރިކަމަކީވެސް އެއީކަމުގައި ވެގެންދާތީ ތިބާއަށް ފެންނާނެއެވެ. ޝައްކެއް ނެތްގޮތުގައި، އެކަމުގެ ފުންކަމާއި، މޫލާފައި ހުރި މިންވަރާއި ބާރުވެރިކަމާއި އޭގެ އަސަރު ޢާންމުވެފައި އޮތް ގޮތަށްބަލާއިރު، އެއީ ދީނާ ވާދަކޮށް، އިންސާނާ އަޅުވެތިކޮށް، ނަބީބޭކަލުންގެ ބުރަ މަސައްކަތް ނާކާމިޔާބުކޮށް، އިންސާނީ ޙަޔާތާ ގުޅިފައިވާ އަޅުކަމާއި، ރޫޙީ ޝިޢާރުތަކުގުގެ މައްޗަށް ޙުކުމްދާރަކަށް ވުމަށް އައިސްފައިވާ ދީނަށް އިންކާރުކޮށް، އެއްބަޔަކު އަނެއް ބަޔަކާ ހަނގުރާމަކުރާ ބައެއްގެ ގޮތުގައި ދުނިޔެ ބައިބައިކޮށް، އެއް އުއްމަތެއްގެ ގޮތުގައި ވަޙީބަސްފުޅު އައިސްފައިވާ އުއްމަތް އެތަކެއް އުއްމަތްތަކަކަށް ބައިކޮށްލާ އެއްޗެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَإِنَّ هَٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا رَبُّكُمْ فَٱتَّقُونِ ‎) (المؤمنون: 52) މާނައީ: “އަދި ހަމަކަށަވަރުން، މިއީ އެއް أمّة އެއް ކަމުގައިވާ، ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ބިރުވެތިވެ، تقوى ވެރިވާށެވެ!” (ނުނިމޭ)

Scroll to Top