އެބައިމީހުންގެ އިޖްތިމާޢީ ނިޒާމުގެ އަސާސްތަކާއި ބައެއް ސިފަތައް:
ޢަރަބިންނަކީ ތަފާތު އެކި ޤަބީލާތަކަކަށް ބެހިފައިވާ ބައެކެވެ. އެ މީހުންގެ އިޖްތިމާޢީ ނިޒާމު ބިނާވެފައިވަނީ، ޤަބީލާއަށް ނިސްބަތްވާ އަސާސްތަކާއި އޭގެ އަފްރާދުންގެ މެދުގައި ފެތުރިފައި އޮތް ޤަބީލާއަށް ތަޢައްޞުބުވުމުގެ މައްޗަށެވެ. ޤަބީލާއަކީ ދައުލަތެއް ނުނެވެ. އަދި ސިޔާސީގޮތުން އުފެދިފައި އޮތް ޖަމާޢަތެއްވެސް ނޫނެވެ. އޭގެ ބަދަލުގައި އެއީ ގާތްތިމާގެ ކަމާއި، ލޭގެ ގުޅުމުގެ މައްޗަށް ބިނާވެފައިވާ އިޖްތިމާޢީ ޙަރަކާތެކެވެ. މި ޙަރަކާތުގެ މެމްބަރުން އެމީހުންގެ ވެރިމީހާއަށް ކިޔަމަންވަނީ އިޚްތިޔާރީ ކަމެއްގެ ގޮތުގައެވެ. އެއީ އެމީހުންނާ އޭނާއާ ދެމެދު އޮންނަ ނަސަބުގެ ގުޅުމާއި، އޭނާގެ ކިބައިން ފާހަގަވާ ހިތްވަރުގަދަކަމާއި، ދީލަތިކަމާއި، ވެރިކަމުގެ ގޭތެރޭގައި އުފަންވެފައިވާތީ، މިކަންކަމުގެ މައްޗަށް ބިނާކޮށެވެ. ޤަބީލާއަށް ތަޢައްޞުބުވުމުގެ ނަތީޖާއެއްގެ ގޮތުން، ނަސަބާމެދުގައި އެއްބަޔަކު އަނެއްބަޔަކު ފަޚުރުވެރިވުމާއި، ޙައްޤާއި ބާޠިލުގައިވެސް އެކަކު އަނެކަކަށް އިންތިހާއަށް ނަޞްރުދިނުން ހިމެނެއެވެ. ޤަބީލާއެއްގެ މީހަކު އަނެއް ޤަބީލާއެއްގެ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ކުޅަޔަސް، އަނިޔާލިބުނު މީހާއަށް ނަޞްރު ދިނުމާއި، ކުށްކުރި މީހާއާއި އެމީހާގެ ޤަބީލާގެ ކިބައިން ބަދަލުހިފުމަށް ވަގުތުން ތެދުވެއެވެ. ހަމަ އެފަދައިން ކުށްކުރި މީހާގެ ޤަބީލާއިންވެސް، އޭނާ ދިފާޢުކޮށް އޭނާއަށްޓަކައި ޢާދާވާތްތެރިވެއެވެ. ކުށްކުރި ފަރާތަކީ އަނިޔާވެރި ބާޣީއެއްކަމުގައި ވިޔަސްމެއެވެ. ޤަބީލާގެ އެކަކު އަނެކަކަށް ނަޞްރުދިނުމަކީ، ނަސަބާއި ލޭގެ ގުޅުމާއި ހަމައިގައި ހުއްޓިފައި އޮންނަ ކަމެއް ނޫނެވެ. މީގެ އިތުރުން، التبني އާއި، الحلف ގެ ސަބަބުން ނުވަތަ الموالاة ގެ ސަބުން ނުވަތަ الجوار ގެ ސަބަބުންވެސް ޤަބީލާގެ ތެރޭގައި ހިމެނިގެން ދެއެވެ. ތަބައްނީ ކުރުމަކީ (ދަރިއަކަށް ހެދުމަކީ) ޢަރަބިންގެ ތެރޭގައި އަށަގެންފައި އޮތް އާދައެކެވެ. އެއީ ތަބަންނީ ކުރާ ފަރާތާއި ތަބަންނީ ކުރެވޭ ފަރާތާއި ދެމެދުގައި ނުވަތަ ތަބައްނީ ކުރެވޭ ފަރާތް ތަމްސީލުކުރާ ފަރާތާއި ދެމެދުގައި ވެވޭ ޢަޤްދެކެވެ. އަދި އަލްޙިލްފާއި އަލްމުވާލާތު ހިނގަނީ، މުވާލާތުގެ ނުވަތަ ޙިލްފުގެ ޢަޤްދެއްކޮށްގެންނެވެ. މިގޮތުން ޢަޤްދު ކުރެވޭ ދެފަރާތުންކުރެ އެއްފަރާތުން އަނެއްފަރާތާއި މުޚާޠަބުކޮށް دمي دمك وهدمي هدمك وترثني وأرثك (އަހުރެންގެ ލޭ އޮހޮރުވާލުމަކީ ތިބާގެވެސް ލޭ އޮހޮރުވާލުމެވެ. އަދި އަހުރެން މަޢާފުކޮށްފި ލެޔަކީ ތިބާވެސް މާފުކޮށްފި އެއްޗެކެވެ. އަދި އަހުރެންމެން އެކަކު އަނެކަކަށް ވާރުތަވާނެއެވެ.) މިހެން ބުނެ، އެއްބަޔަކު އަނެއް ބަޔަކަށް ނަޞްރުދިނުމާއި ދިފާޢުކުރުމާއި، ޙައްޤާއި ބާޠިލުގައިވެސް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ކަމޭހިތުމުގެ މައްޗަށް ހުވާކޮށް އެއްބަސްވުން ޢަޤުދުކުރެއެވެ. ޖިވާރު ނުވަތަ އަމާންކަމާއި ރައްކާތެރިކަން ދޭގޮތަކީ، މީހަކު ނުވަތަ ބަޔަކު އެބައިމީހުންގެ ކައިރިއަށް ރައްކާތެރިކަމައިގެން އަތުވެއްޖެނަމަ، ޤަބީލާގެ ރައީސް ނުވަތަ ޤަބީލާގެ ބޮޑުންކުރެ ބޮޑަކު އެބައިމީހުންނަށް ރައްކާތެރިކަން ދެނީއެވެ.
ހަނގުރާމައަކީ ވަރަށް ގިނައިން ޤަބީލާތަކުގެ މެދުގައި ހިނގާ ކަމެކެވެ. ވަރަށް ކުޑަކުޑަކަމަކާވެސް ހަނގުރާމައެއް ފެށިދާނެއެވެ. މިސާލަކަށް އެއް ޤަބީލާއެއްގެ މީހަކު އަނެއް ޤަބީލާގެ މީހަކަށް އަނިޔާއެއް ދިނަސް ޤަބީލާއަށް ތަޢައްޞުބުވުމުގެ ތެރެއިން ދެ ޤަބީލާގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިދާނެއެވެ. ހަނގުރާމަކުރުމާއި ފޭރުމާއި މުދަލުގެ މައްޗަށް ވެރިވެގަތުމާއި މިފަދަ ކަންކަމަކީ، ތަބީޢީ އަދި ޒަރޫރީ ކަންކަންކަމާއި، އެއީ ހިތްވަރުގަދަ ކަމުގެތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި އެބައިމީހުންގެ އާދަކާދަ ބަލައިގަންނަ ކަންކަމެވެ. ހަމަ އެފަދައިން ޤަބީލާގެ މީހަކަށްޓަކައި އަނެއް ޤަބީލާގެ ކިބައިން ބަދަލުހިފުމަށް އެދުމަކީވެސް އާދަކާދަ ބަލައިގަންނަ ކަމެކެވެ.
ހަމަ އެފަދައިން ބަދަވީ ދިރިއުޅުމާއި، އެ ދިރިއުޅުމުގެ ދަތިކަމާއި، އެންމެން ތަބާވާ ވެރިކަމެއް ނެތުމާއި، ހަނގުރާމައަކީ ދިރިއުޅުމުގެ ވަސީލަތެއްގެ ގޮތުގައި ހަދާފައި އޮތުމަކީ، ޤަބީލާތަކުގެ މެދުގައި ހަނގުރާމަހިނގުމަށާއި، ގަދަފަދަމީހާ ބަލިކަށިމީހާގެ މައްޗަށް އަނިޔާވެރިވުމަށް މަގުފަހިވި ކަންކަމެވެ.
މިހެންވެ، ބައެއް ޤަބީލާތަކުން، އެބައިމީހުންގެ ތެރެއިން ބަޔަކަށް ހަމަލާއެއް ދެވިއްޖެނަމަ ޞުލްޙަވުމަށާއި، އެއްބަޔަކު އަނެއްބަޔަކަށް ނަޞްރުދިނުމަށްޓަކައި، އިއްތިޙާދުވެއެވެ. އެބައިމީހުން ހަނގުރާމައަށް ދެވިހިފާފައި ތިބުމާއެކުވެސް، ޙުރުމަތްތެރިވެގެންވާ މައްސަރުތައްކަމުގައިވާ ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް ރަޖަބު މަހުގައި ހަނގުރާމަކުރުން ޙަރާމްވުމާއި، ހަނގުރާމައިގެ ޙާލަތު ނިމުމަކަށް ގެނައުމަކީ އެބައިމީހުންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ޤަބީލާތަކުގެ މެދުގައި ހަނގުރާމަތައް ގިނަވުމަކީ، ފިރިހެނުންގެ މަޤާމު މަތިވެރިކުރަށް ފަށައި، އަންހެނުންގެ މަޤާމު ދަށްކުރުމަށް މެދުވެރިވި ސަބަބެކެވެ. އެއީ އަންހެނާއަށްވުރެ ހަނގުރާމަކުރުމުގައި ފިރިހެނާ ކުޅަދާނަވުމުގެ ސަބަބުންނެވެ. ހަނގުރާމައިގައި ސީދާ ހަރަކާތްތެރިވާ ފަރާތަކީ ފިރިހެން މީހާއެވެ. މިގޮތުން އަހަށް ސަވާރުވެ ކަނޑިހިފާ ޢަދުއްވުން ދުރުކޮށް ޣަނީމާ ހޯދާ، ޤަބީލާގެ ޝަރަފު ދިފާޢުކުރާމީހަކީވެސް ފިރިހެން މީހާއެވެ. މީގެ މައްޗަށް ތަރުތީބުވި ނަތީޖާއަކީ، އަންހެންމީހާގެ މަޤާމު ދަށްވެ އޭނާގެ ޙައްޤުތައް ގެއްލި ވާރުތަ މުދަލުންވެސް މަޙްރޫމުވުމެވެ. މިހެންވެ ހަނގުރާމައިގެ އަސީރުންގެ ގޮތުގައި އެކަނބަލުން ހައްޔަރުވެދާނެކަމުގެ ބިރަށް ބައެއް ޤަބީލާތަކުގެ މެދުގައި އަންހެން ކުދިން ދިރިތިއްބާ ވަޅުލުން ޢާންވިއެވެ. މިކަމުގައި އުފުލައިނުގަނެވޭހާ ލަދުވެތިކަމާއި، އިސްދަށަށްޖަހާލަންޖެހޭފަދަ ފަޟީޙަތެއް އެކުލެވެއެވެ.. މި ނުބައި އާދައަށް އިޝާރާތްކޮށް ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (وَإِذَا الْمَوْءُودَةُ سُئِلَتْ بِأَيِّ ذَنبٍ قُتِلَتْ) [التكوير: ٨ – ٩] މާނައީ: “އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤال ކުރައްވާ ހިނދެވެ. އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟” ހަމަ އެފަދައިން އެއިން މީހެއްގެ އަންބަކު ފިރިހެން ކުއްޖަކު ނުވިހާ އަންހެން ކުއްޖަކު ވިހައިފިނަމަ އޭނާ ދިރި ދުނިޔޭގައި ބަހައްޓާނީތޯ ނުވަތަ ނޫންތޯ ނިންމުމުގައި އުފެދޭ ފުން ހިތާމައާއި ހައިރާންކަމާއި ދެފުށު އުޅުން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ: (وَإِذَا بُشِّرَ أَحَدُهُم بِالْأُنثَى ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيمٌ ، يَتَوَارَى مِنَ الْقَوْمِ مِن سُوءِ مَا بُشِّرَ بِهِ أَيُمْسِكُهُ عَلَى هُونٍ أَمْ يَدُسُّهُ فِي التُّرَابِ أَلَا سَاءَ مَا يَحْكُمُونَ) [النحل: ٥٨ – ٥٩] މާނައީ: “އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خبر ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حال ގައެވެ. އެމީހާއަށް ދެވުނު خبر ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ.” ލަދުވެތިކަމާހުރެ ދިރިތިއްބާ ކުދިން ވަޅުލާފަދައިން ފަޤީރުކަމާއި ޙާޖަތްތެރިކަމުގެ ސަބަބުންވެސް ދިރިތިއްބާ ވަޅުލައެވެ. އަދި މިގޮތަށް ވަޅުލާ ކުދިންގެ ތެރޭގައި އަންހެން ކުދިންނާއި ފިރިހެން ކުދިންވެސް ހިމެނެއެވެ. މާތް ވަޙީކުރައްވާފައި ވެއެވެ: (وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا) [الإسراء: ٣١] މާނައީ: “އަދި فقير ވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ! އެކުދިންނަށާއި، އަދި ތިޔަބައިމީހުންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެ ދަރިން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ.”
ޢަރަބިންގެ ކިބައިގައި ހަނގުރާމަކުރުމާއި، ދިރިތިއްބާ އަންހެންކުދިން ވަޅުލުމާއި، ޤަބީލާއަށް ތަޢައްޞުބުވުން ފަދަ ނުބައި ސިފަތައް ހުރި ފަދައިން އެބައިމީހުންގެ ކިބައިގައި ތަޢުރީފު ޙައްޤު ރިވެތި ގޮތްތަކާއި ސިފަތައްވެސް ހުއްޓެވެ. މިސާލަކަށް ދީލަތިކަމާއި، ހިތްވަރުގަދަކަމާއި، ވަފާތެރިކަމާއި، އަނިޔާގެ ކުރިމަތީގައި ބޯނުލެނބުމާއި، ތެދުވެރިކަމާއި، އަވަށްޓެރިޔާ ހިމާޔަތްކުރުމާއި، ބަދަލު ހިފެން އޮއްވައި ޢަފޫކުރުމާއި، މިނޫންވެސް މިފަދަ އެތައް ސިފައެކެވެ. ހަމަ އެހެންމެ އެމީހުންގެ ތެރޭގައި މެހެމާންދާރީ އަދާކުރުމުގެ ރީތި ސިފަވެސް އޮތެވެ. އެމީހުން ޤަބޫލުކުރާގޮތުގައި މެހެމާނާއަށް އަދާކުރަންޖެހޭ ޙައްޤެއް އޮވެއެވެ. އަދި މި ޙައްޤާމެދު އިހުމާލުވެ ފަރުވާކުޑަކުރުމާއި، އޭނާއާ އަޅާނުލައި ހުރުމަކީ، އެއްޤަބީލާއިން އަނެއް ޤަބީލާއަށް ވާރުތަވަމުން އައި އާދަކާދައާ ޚިލާފުވުމެކެވެ.
ދެން އޮންނަ ބައެއްގައި ގެނެސްދޭނީ، އެބައިމީހުންގެ އިޖުތިމާޢީ ޙާލަތަށް އިސްލާމްދީނުގެ ސަބަބުން ކޮށްފައިވާ އަސަރާ ގުޅޭގޮތުންނެވެ. (ނުނިމޭ)

