އިސްލާމީ ތާރީޚާމެދު އާ ނަޒަރަކުން: އިސްލާމީ ތާރީޚު އޮޅުވާލުން (6)

ބައެއް ހާދިސާތަކަށް ދީފައިވާ ތަފްސީރުތަކާއި، ބައެއްކަންކަމުގެ ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަން ސިފަކުރެވޭނީ، އެންމެ ކުޑަމިނުން ނުބައިކަމާއި، ނުނިޔަތުގެ ގޮތުގައެވެ.              

މިކަމާގުޅޭ މިސާލުތަކަކީ، ގުނާ ޢަދަދުކުރެވޭވަރަށް ވުރެ ގިނަ އެއްޗެކެވެ.

“تاريخ الإسلام” މިފޮތުގެ 1 ވަނަ ޖުޒުއުގައި 216 ވަނަ ޞަފްޙާގައި دكتور حسن إبراهيم حسن ލިޔެފައިވާ އެއްޗެއްގެ ނައްޞު އޮތްގޮތަށް ކިޔާލަމާ އަންނާށެވެ!

“.. އޭގެ ފަހުން އަބޫބަކުރުގެފާނު ސަމާލުކަން ދެއްވީ އެތެރޭގެ ފިތުނައާއި، ދާޚިލީ އިންގިލާބުގެ ހުޅުގަނޑު ނިއްވާލެއްވުމަށެވެ. އެއީ ޤައުމުން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކައިގެން ޢަރަބިން މަޝްޣޫލުކުރުވުމަށްޓަކައެވެ. އޭރުން އަމުރުކުރައްވާފައިވާގޮތަށް އިސްލާމްދީން ފެތުރުމަށް މަގުފަހިވެގެންދާއިރު، އަނެއްކޮޅުން ޢަރަބިންގެ ކިބައިގައި އަށަގެންފައިވާ ހަނގުރާމައިގެ ލޯބީގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފިގެންދާނެތީއެވެ. މިހެންވެ މުރުތައްދުވީމީހުންގެ މައްޗަށް ކުރެއްވި ހަނގުރާމަ ހަމަ ނިމުމާއެކު އެކަލޭގެފާނުވަނީ، ލަޝްކަރަކަށްފަހު ލަޝްކަރެއް ފޮނުއްވާ އެލަޝްކަރުތަކަށް ބޭނުންވާނެ އެހީތެރިކަން ފޯރުކޮށްދެއްވައި، ރަށްތައް ފަތަހަކުރައްވާ އެތަންތަނުގައި އިސްލާމްދީން ފަތުރުއްވަވާފައެވެ.”

އެއަށްފަހު ޑޮކްޓަރ السيد عبد العزيز سالم ގެ “الدولة العربية” މިފޮތުން، އިސްލާމީ ފުތޫޙާތްތަކަށް އެހީތެރިވި ކަންކަން ޢަދަދުކުރަމުން ބުނެފައިވާ އެއްޗެއް ކިޔާލަމާ އަންނާށެވެ!. އެފޮތުގެ 466 ވަނަ ޞަފްޙާގައި އޭނާ ބުނެފައިވަނީ:

“އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ސުވަރުގެވަޑައިގަތުމާއި ގުޅިގެން، އުފެދުނު ހުސްކަން ފުރުއްވުމަށް އަބޫބަކުރުގެފާނު އެދިވަޑައިގަތް ގަތުމަކީ، އިންސާނީ އިޙްސާސާ ގުޅިފައިހުރި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ސުވަރުގެވަޑައިގަތުމަކީ، މުޅި ދައުލަތުގެ ބިންގާ ގުޑިގެންދިޔަ ކަމެކެވެ. ޚިލާފަތަށް ވާދަކުރުމާއި މުރުތައްދުވުމުގެ ޙަރކާތަށް މިކަމުގެ ސަބަބުން މަގުފަހިވެގެން ދިޔައެވެ. އަބޫބަކުރުގެފާނުގެ ޙިކުމަތާއި، ބުއްދިވެރިކަން ނެތްނަމަ އަލުން ޢަރަބިން އެކަތިގަނޑަކަށްހަދާ، އަރިއަޅާލައިފައިވާ ބިނާ އެއްތެދެއް ނުކުރެވުނީހެވެ. ބެލެވޭގޮތުގައި އަބޫބަކުރުގެފާނު ބުރަވެވަޑައިގަތީ، މުރުތައްދުވުމުގެ ޙަރަކާތް މުލުން ލުހެލި ބާރުވެރިކަން އައު އެހެން ކަންތައްތަކެއްގައި މަޝްޣޫލުކުރުވުމަށެވެ. އެއީ ޢަރަބިންނަށް ހުސްކަމެއް އަންނަ ކޮންމެ ހިނދެއްގައި އެބައިމީހުން ކުރުމަށް އާދަވެފައި ތިބި ފިތުނަވެރި ޢަމަލުތަކަށް ޖާގަނުދިނުމަށްޓަކައެވެ. މުރްތައްދުވިމީހުންނާ ކުރި ހަނގުރާމައިގައި ފެނިގެންދިޔަ އާދަޔާޚިލާފު ހަކަތައާއި ކުޅަދާނަކަމާއި ކެރިފޯރުންތެރިކަން ޅަފަތުގައި އޮތް އިސްލާމީ ދައުލަތުގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ހަނގުރާމައިގެ އެހެން މަޝްރޫޢުތަކެއްގައި ބޭނުންކުރުމަށްވުރެ ވަކިން މުނާސަބުގޮތެއް އެކަލޭގެފާނަކަށް ފެނިވަޑައެއް ނުގެންނެވިއެވެ.” މިއީ އަކުރުން އަކުރަށް އެ ޢިބާރާތް އޮތްގޮތެވެ.

މިކަން ސިފަކޮށްފައި އޮތްގޮތުން އަދި މިހާ ސާފުކޮށް ފެންނަ އޮތްކަމެއްގައި އިތުރު ފާޑުކިޔުމެއް ބޭނުންވާނެހެނެއް ހިއެއް ނުވެއެވެ.1 ފޮރުވިފައިވާ ސިއްރު، މި ދެމުއައްރިޚުން ދެނެގަންފައިމިވަނީ ވަރަށް ވިސްނުންތެރިކަމާއެކުގައެވެ. (މިކަން މިގޮތަށް ކުރުމަކީ، އެހެންމީހަކު ކުރުމަށް ހިތަށްވެސް ނާރާނެހާ ނުސިޔާނުގޮތެކެވެ. އަދި މިފަދަ މީހުން ވަރަށް ގިނަވެސް މެއެވެ.) ތެދުމަގުލިބިވަޑައިގެން ހުންނެވި މި ޚަލީފާގެ ހިތްޕުޅުގައި ފޮރުވިފައި އޮތް އެއްޗެއް އެބައިމީހުންނަށް އެނގިއްޖެއެވެ. އަދި އެކަލޭގެފާނަށް ސިޔާސީ މުޙައްނިކެއްގެ ލަޤަބާއި ސިޔާސީ މާހިރެއްގެ ލަޤަބު އަރުވައިފިއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގެ ތެރޭގައި ފޮރުއްވަވާފައި އޮތް އެއްޗަކާއި، އެކަލޭގެފާނުގެ އެކުވެރިންނާއި މުސްތަޝާރުންގެ ހިތްތަކުގައި ފޮރުއްވަވާފައި އޮތް އެއްޗެއްވެސް އެބައިމީހުން ހަމަލޮލުން ދެކެފިއެވެ. އަދި އެކަލޭގެފާނުގެ ދައުލަތުގެ އިރާއި ހުޅަނގުން އޮތް އަވައްޓެރިންނާއެކު ކުރައްވާނެ ހަނގުރާމަތައް އުފައްދަވައިފިއެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން އެތަކެއް ހާސް ޞަޙާބީން މިހަނގުރާމައިގެ ތެރެއަށް އެކަލޭގެފާނު ވައްދަވައި، ޤަތުލުކުރުމާއި ފަނާކުރުމުގެ ތެރެއަށް އެބައިމީހުން ހުށަހަޅުއްވައިފިއެވެ. އެއީ އެކަލޭގެފާނުގެ ވެރިކަމުގެ ބާރު ދެމެހެއްޓުމާއި، ދައުލަތް ހަމަމަގުގައި ބޭއްވުމަށްޓަކައި، އެތެރޭގެ ކޯޅުންތަކުން އެބޭކަލުން އެކަހެރި ކުރެއްވުމަށްޓަކައި އެކަލޭގެފާނު ކުރެއްވިކަމެއްކަމާއި، އަދި އެކަލޭގެފާނަށްފަހު ވަޑައިގެން ބޭކަލުންނަށް އެމަގުދެއްކެވިކަމާއި، އަދި އެކަލޭގެފާނު މަގުދެއްކެވިގޮތަށް، ޢަމަލުކުރެއްވުންމަތީ އެބޭކަލުން ދެމިތިއްބެވިކަމާއި، ފާރިސީ އަދި ރޯމަނުންގެ ރަސްރަސްކަލުންނާއި މުސްލިމުންނާ ދެމެދު އޮތް ކޯޅުމުގެ ތެރޭގައި ދެމިތިބުމާއި، މިކަންކަމަކީ އެބައިމީހުންގެ އުއްމަތުގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށް ކުރެއްވި ކަމެއްކަން މުއައްރިޚުންނަށް އެނގިއްޖެއެވެ. އެއީ މުއައްރިޚުން ބުނެފައިވާގޮތަށް ލަޝްކަރުގެ ސަމާލުކަން އެކަނި ނަގާލުމަށް ކުޅަކަމެކޭ ބުނާކަށް އަހުރެން ނެތީމެވެ. މުޅި އުއްމަތް ވަނީ ޖިހާދަށް ނިކުމެފައެވެ!!

މި މަތިވެރި ދެ މުއައްރިޚުންގެ ނާދިރު ތޫނުފިލިކަމަށްޓަކައި އެފަރާތްތަކަށް ތަހުނިޔާ ކިޔުމަށްފަހު، އެމީހުންނާ ސުވާލުކޮށްލުމުގެ އިޛުނައަކަށް އެދެމެވެ:

އުއްމަތުގެ މީހުން އުއްމަތުގެ ޚަލީފާއާ އެންމެ ކަވި ތަފްޞީލުތަކާ ބެހޭގޮތުން ބަހުސްކޮށް، ކުދިބޮޑު އެންމެހައި ކަންކަމާ ގުޅޭގޮތުން ސުވާލުކޮށް އުޅުނު ދުވަސްވަރެއްގައި، އަދި ދުނިޔެ ދެކެފައިނުވާގޮތެއްގެ މަތިން މަޝްވަރާއާއި މިނިވަންކަން އޮތް ދުވަސްވަރެއްގައި، މި މުއައްރިޚުންނަށްވެސް އެކަމާ އިންކާރު ނުކުރެވޭ މިންވަރަށް މިސިފަތައް އަށަގެންފައި އޮއްވައި މި ހަނގުރާމަތަކުގެ ބޭނުމާ ބެހޭގޮތުން ޚަލީފާއާ ސުވާލެއްކޮށްލުމުގެ ވިސްނުމެއް އުއްމަތުގެ ހަމަ އެކެއްގެ ސަމާލުކަމަށްވެސް ނައީހެއްޔެވެ؟!

އެއަށްފަހުކޮށްލަން ބޭނުންވާ ސުވާލަކީ، ހަނގުރާމަތަކަކީ އުއްމަތްތަކުގެ ސަމާލުކަން ނަގާލުމަށް ބޭނުންކުރެވިދާނެ ވަސީލަތެއްހެއްޔެވެ؟! އަހަރެންނަށް ހީވަނީ އެ މުއައްރިޚުން މިކަން އެ ޤިޔާސްކުރަނީ، ފުޓުބޯޅައާއި އެނޫންވެސް އެފަދަ ކަންކަން މެދުވެރިކޮށް އެބައިމީހުންގެ ރައްޔިތުންގެ ސަމާލުކަން ގެއްލުވާލާ މީހުންގެ މައްޗަށްކަމަށެވެ!!

“މަކަވެއްލީ”2 ގެ ފިކުރާ އެއްގޮތަށް ޢަމަލުކުރި ވެރިންނާއި، އޭނާގެ ފިކުރު އުފުލި ދަރިވަރުންގެ ކިބައިން މިފަދަ ސިޔާސަތުތައް ޖާއިޒުވެގެންވާނަމަ، ތެދުމަގު ލިބިވަޑައިގެން ހުންނެވި ޚަލީފާއެއްކަމުގައިވާ (އަބޫބަކުރު) އައްޞިއްދީޤު އާއި އެކަލޭގެފާނަށްފަހު ވަޑައިގެން އިތުރު އެކަލޭގެފާނުގެ ޚަލީފާއިންގެ ކިބައިން މިފަދަ ސިޔާސަތު ހިނގުމަކީ ޖާއިޒު ކަމެއްހެއްޔެވެ؟

ޙާދިސާތަކާއި ޢަމަލުތައް ތަފްސީރުކުރުމުގެ ފާސިދު މިސާލުތަކުގެ ތެރޭގައި، “ޖަމަލު” ގެ ދުވަހު (يوم الجمل) ޢާއިޝަތުގެފާނު ނުކުންނެވި ނުކުންނެވުމާބެހޭގޮތުން ބުނެވިފައިވަނީ، އެކަމަނާ ޢަލީގެފާނުގެ މައްޗަށް އިންޤިލާބުކުރައްވާ އެކަލޭގެފާނުގެ މައްޗަށް ނުކުމެވަޑައިގެން ނުކުމެވަޑައިގަތުމަކީ، އިފްކުގެ ހާދިސާއިން ފެށިގެން އެކަމަނާގެ ހިތްޕުޅުގައި އިމާމު ޢަލީގެފާނަށް އޮތް ރުޅިވެރިކަމާއި ނަފްރަތު ފާޅުކުރެއްވުމުގެ ގޮތުން ކުރެއްވި ކަމެއްކަމުގައެވެ.

މިފަދަ އަނެއް މިސާލަކީ، މާތް ﷲ އެދެބޭކަލުންނަށް ރުއްސުންލެއްވި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު ހަމަ މި ހަނގުރާމައިގައި ނުކުންނެވި ނުކުންނެވުމަކީ، އެ ދެބޭކަލުން ބައެއް ސަރަހައްދުތަކުގެ ވެރިކަމަށް ބޭނުންވެވަޑައިގެން ތިއްބަވަނިކޮށް، ޢަލީގެފާނު ބައެއް ސަރަހައްދުތަކަށް ވާލީންނާއި ޢާމިލުން ޢައްޔަންކުރެއްވިއިރު އެދެބޭކަލުން އެކަންކަމަށް އިސްކުރައްވާފައި ނުވާތީ، އެކަމުގެ ރުޅިވެރިކަމާއި ނަފްރަތުގައި ނުކުންނެވި ނުކުންނެވުމެއްގެ ގޮތުގައި މާނަކޮށްފައިވާ ވުމެވެ. (ބައްލަވާ: ޑޮކްޓަރ ޢަލީ އިބްރާހީމް ޙަސަން ގެ التاريخ الإسلامي العام މިފޮތުގެ ޞަފްޙާ 262 ބައްލަވާށެވެ. މިއީ މިކަމާ ގުޅުންހުރި މިޞްރުގެ ޔުނިވަރސިޓީތަކުގެ ފޮތްތަކުގައިވެސް ހުރި ގޮތެވެ.) އަދި (دكتور حسن إبراهيم حسن ގެ تاريخ الإسلام 1/372) ބައްލަވާށެވެ!

އަދި އޭގެ ތެރެއިން ބައެއް މީހުން ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު ގެ ނުކުމެވަޑައިގަތުން މާނަކޮށްފައިވަނީ، އެ ދެބޭކަލުން ފުތޫޙާތްތަކާއި ހަނގުރާމަތަކުން ގިނަގުނަ މުދާ އެއްކުރައްވާފައިވާތީ، ޢަލީގެފާނުގެ ތެދުވެރިކަމާއި، ސާބިތުކަމާހުރެ އެމުދަލާމެދު ބިރުވެތިވެވަޑައިގަތުމެވެ. نبيه عاقل އޭނާގެ “خلافة بني أمية” މި ފޮތުގެ 23 ވަނަ ޞަފްޙާގައި ބުނެފައިވަނީ: “ޢަލީގެފާނާ ގުޅޭގޮތުން ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު ގެންގުޅުއްވި ސިޔާސަތާ ގުޅޭގޮތުންނާއި، އަދި ބައިޢަތު ހިފުމުގެ ކުރިއާއި، ބައިޢަތުހިފުމުގެ ފަހުން މި ސިޔާސަތަށް އައި ބަދަލާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށްޓަކައި، ޣުޘްމާނުގެފާނާމެދުގައި އޮތް ހިތްހަމަނުޖެހުންތަކާ ގުޅިގެން އަހަރެމެން މީގެ ކުރިން ދެއްކިވާހަކައިގެ ހަނދާން އާކޮށްލަންޖެހެއެވެ. ޚާއްޞަގޮތެއްގައި މި ހިތްހަމަނުޖެހުންތައް ހިނގިއިރު އިޤްތިޞާދީ ޙާލަތު އޮތްގޮތާ ގުޅޭގޮތުންނެވެ. އެއީ ފުތޫޙާތުތައް ހުއްޓުމަކަށް އައިފަހުން މައްކާގައި އިހު އޮތް އަރިސްތަޤްރާޠީ3 ވިޔަފާރީގެ ޙަރަކާތްތައް ފެށި، މި ޙަރަކާތްތައް ޙިޖާޒުކަރައިން ބޭރު ރަށްތަކަށް ނަޤުލުވެ، އެތަންތަނުގައި ޤުރައިޝުންގެ ބައެއް ބޮޑުންނާއި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު މުއްސަނދިކަމެއް ލިބިގެން ދިޔައެވެ. ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު ހޯއްދަވާފައިވާ މުދަލާއި، ތަކެއްޗާއި، ބިންބިމާއި، އަޅުންނާ ގުޅޭގޮތުން މީގެ ކުރިން އަހަރެމެންވާނީ މިސާލު ޖަހާފައެވެ. މީގެ ސަބަބުން މި ދެބޭކަލުންނަކީ މުދާވެރިންކަމުގައިވެ، އެދެބޭކަލުން އެދޭގޮތެއްގެ މަތިން އަދި އެބޭކަލުންގެ މަޞްލަޙަތާ އެއްގޮތަށް ދައުލަތުގެ ކަންކަންކުރާނެ ފަރާތެއްގެ އަތްމަތީގައި ވެރިކަން އޮތުމަކީ ވަރަށް މުހިއްމުކަމަކަށް ވެގެންދިޔައެވެ. ޢަލީގެފާނަކީ، ޘާބިތުކަންމަތީ ހުއްނަވާ އަދި ތެދުމަގުގައި ހުންނަވާ ދީންވެރި ބޭކަލެކެވެ. މިހެންވެ އެބޭކަލުންގެ މާއްދީ މަޞްލަޙަތާ ދެމެދު ހުރަހަކަށްވާނެކަން މި ދެބޭކަލުންނަށް ކުރިއާލައި އެނގިވަޑައިގަންނަވައެވެ. މި ދެބޭކަލުން އިސްލާމްދީނަށް ދޮށީކަމާއި، އަދި ޢުމަރުގެ ފާނުގެ ޒަމާނުގައި ޝޫރާގެ ކަންކަމުގައި އުޅުއްވާފައިވާތީ، މި ދެބޭކަލުންކުރެ ބޭކަލަކަށް ޚަލީފާކަން ލިބިއްޖެނަމަ، އެދެބޭކަލުންގެ ކަންކަމުގައި ފަސޭހަވެގެންދާނެކަމުގެ ޔަޤީންކަން ލިބޭނެއެވެ. އަދި ޢަލީގެފާނު ފަދަ ބޭކަލެއްގެ ޚަލީފާކަމުގައި މިކަން ޔަޤީނެއް ނުވާނެއެވެ.”

މިކަން އޮތީ މިހެންހެއްޔެވެ..! ޠާހިރުކަމާއި ބަރީއަކަމުގެ ވެރި އުއްމުލް މުއުމިނީނަ  ޢާއިޝަތުގެފާނާއި އެކުގައިވަނީ، ހެޔޮވެގެންވާ “ޠަލްޙަތުގެފާނު” (طلحة الخير) އަދި އިތުރު އެކަލޭގެފާނުގެ حواري “ޒުބައިރުގެފާނު” އެވެ. އެދެބޭކަލުންނަކީ ސުވަރުގެވަޑައިގަންނަވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާ ދެބޭކަލުންވެސް މެއެވެ. އަމިއްލަ ބޭނުމަށްޓަކައި ނުވަތަ ފަރުދީ އެދުމަކަށް ނުވަތަ މާއްދީ މަޞްލަޙަތަކަށްޓަކައި މި ތިންފަރާތުން އެތަކެއްހާސްމީހުން ޤަތުލުވެގެންދިޔަ ހަނގުރާމައެއް ކުރެއްވިކަމުގައި ބުނަނީހެއްޔެވެ!!(ނުނިމޭ)4

  1. މު އައްރިޚުން ލިޔެފައިވާ އެއްޗަކަށް ފާޑުކިޔަންޖެހޭވަރަށްވުރެ ސާފުކަމަށް މުއައްލިފު ވިދާޅުވުމަށްފަހުވެސް ކިޔުއްވާފައިވާ މި ފާޑުކިޔުމަކީ، އޭގައި މާލާމާތް އެކުލެވޭގޮތަށް ދެއްވާފައިވާ ރައްދެކެވެ. މިއީ ބައެއް ލިޔުންތެރިން ގެންގުޅުއްވާ އުސްލޫބެކެވެ.   ↩︎
  2. ނިކޮލޯ މަކަވެއްލީ (Niccolò Machiavelli) އެއީ އިޓަލީގެ މުފައްކިރެއް އަދި ސިޔާސީ ލީޑަރެކެވެ. “Il Principe.” (The Prince) ކިޔާ މަޝްހޫރު ފޮތެއް އޭނާ ލިޔެފައި ވެއެވެ. މި ފޮތަކީ ހުޅަނގުގެ ސިޔާސީ ފިކުރަށް އެންމެ ބޮޑު އަސަރެއް ފޯރުވާފައިވާ އެއް ފޮތެވެ. އެފޮތުގައި އާނާ ގޮވާލާފައިވަނީ، ކާމިޔާބު ވެރިޔަކަށްވާން ބޭނުންވާނަމަ މަކަރުވެރިއަކަށްވާންޖެހޭނެއެވެ. އަދި އަޚްލާޤެއް ނުވަތަ ދީނެއްގައި ހިފައިގެން ނުވާނެއެވެ. އެއީ އެކަންކަމަކީ އޭނާގެ ސިޔާސީ މަޞްލަޙަތަށް ބުރޫއަރާނެ ކަންކަންކަމުގައި ވާތީއެވެ. އެ ފޮތުގައި އޭނާ ބުނެފައި ވެއެވެ. އޭނާގެ ބާރާއި ދައުލަތް ހިމާޔަތްކުރުމަށް މަގުފަހިވާނަމަ، ވެރިޔަކަށް ހުންނަ މީހާ މަކަރުވެސް ހަދާފާނެއެވެ. އަދި ޣަދަރުވެރިވެ ޤަތުލުވެސް ކޮށްފާނެއެވެ. އަދި އަނިޔާވެރިވެސް ވެދާނެއެވެ. އޭނާގެ ފިކުރުގެ ޚުލާޞާގެ ގޮތުގައި މަޝްހޫރުވެފައިވަނީ “ލަނޑުދަނޑިއަކަށް ވާސިލުވުމަށްޓަކައި ކޮންމެ ވަސީލަތެއްވެސް ހުއްދަވާނެއެވެ.” ↩︎
  3. الأرستقراطية / Aristocracy އަރިސްޓޮކްރަސީއަކީ ވެރިކަމުގެ ނިޒާމެކެވެ. މި ނިޒާމުގައި ބާރުވެރިކަން އޮންނަނީ މަތީ ދަރަޖައިގެ މީހުންގެ ނުވަތަ މުއްސަނދިންގެ ނުވަތަ ނަސަބުގެ ގޮތުން މަތިވެރިކަން އޮންނަ މީހުންގެ އަތުގައެވެ. މީގެ މާނައަކީ، އެއީ ރައްޔިތުންގެ ވެރިކަމެއް ނޫނެވެ. މީގެ ބަދަލުގައި ވެރިކަމުގެ އާރާއި ބާރު އޮންނާނީ މިބުނެވުނު ގިންތީގެ މަދު ބައެއްގެ އަތުގައެވެ. މިބައިމީހުންނަކީ އެންމެ މަތިވެރި އަދި މޮޅު މީހުންކަމުގައި މުޖްތަމަޢުވެސް ދެކެއެވެ. އެބައިމީހުންގެ މަތިވެރި ނަސަބުގެ ސަބަބުން ނުވަތަ މުދާވެރިކަމުގެ ސަބަބުން ނުވަތަ ތަޢުލީމުގެ ސަބަބުން ނުވަތަ ނުފޫޒުގެ ސަބަބުންކަމުގައިވެސް ވެދާނެއެވެ. މިއީ މަތީ ފަންތީގެ މަދުބަޔަކު ވެރިކަމާއި މުދަލާއި އިމްތިޔާޒުތައް ހޯދައިގެން ވެރިކަންކުރާ ނިޒާމެކެވެ.   ↩︎
  4. މި ޢިބާރާތުގައި ޠަލްޙަތުގެފާނާއި ޒުބައިރުގެފާނާ ދެބޭކަލުން ސިފަކުރެވިފައި މިވަނީ، ނަބަވީ ބަސްފުޅުގެ އަލީގައެވެ. އަދި ޢާއިޝަތުގެފާނަށް ދެވިފައިވާ ސިފައަކީ، ކީރިތި ޤުރުއާނުގައި އެކަމަނާގެ ޠާހިރުކަމާއި ކުށެއް ނެތްކަން ބަޔާންކުރައްވާ ބަރީއަކުރައްވާފައިވާތީ ސިފަކުރެވިފައިވާ ސިފަކުރުމެކެވެ. އަދި މި ޢިބާރާތް ސުވާލެއްގެ ސިފައިގައި އޮތްނަމަވެސް ޙައިރާން މާކު ބޭނުންކުރެވިފައި މިވަނީ، މިއީ ޙައިރާންކުރުވަނިވި ވާހަކައަކަށްވެފައި ސުވާލުގެ ސިފައިގައި އޮތް އޮތުމަކީ ޖަވާބު ހޯދުމުގެ ސުވާލެއްގެ ބަދަލުގައި ޙައިރާންކަން ބަޔާންކުރަން އޮތް ޢިބާރާތަކަށްވާތީއެވެ. ↩︎
Scroll to Top