އިސްލާމީ ޝަރީޢަތް ދިރާސާކުރުމަށް ބޭނުންވާނެ އަސާސީ ކަންކަން (5)

ފުރަތަމަ ފަޞްލު: އިސްލާމްދީން އައުމުގެ ކުރިން ޢަރަބިން: އެބައިމީހުންގެ އިޖްތިމާޢީ އަދި ޤާނޫނީ ޙާލަތު.

ތަމްހީދެއް

ޢަރަބިންގެ އަޞްލު ވަޠަނަކީ، އޭޝިޔާގެ ދެކުނު ހުޅަނގުނގައި އޮންނަ ބިމުގެ ސަރަހައްދެވެ. އުތުރުން އިން ވަކިކުރަނީ ޝާމުކަރައިގެ ބާދިޔާއެވެ. އިރުމަތިން ޢަރަބި ގަލްފާއި ޢުމާނުގެ ކަނޑެވެ. އަދި ދެކުނުން އިންޑިޔާ ކަނޑެވެ. ހުޅަނގުން ރަތް ކަނޑެވެ. މި ސަރަހައްދަށް ނަންދެވިފައިވަނީ، އެބައިމީހުންނަށް ނިސްބަތްކޮށް ޢަރަބި ޖަޒީރާ ނުވަތަ ޢަރަބި ޝިބުހު ޖަޒީރާގެ ނަމުންނެވެ. އެއީ އެމީހުން އަސްލު ވަޒަންކަމުގައިވާތީއެވެ. އަދި އެބައިމީހުންގެ ތެރެއިން ބައެއް މީހުން ދިރިއުޅެމުން ދިޔައީ ޢަރަބި ޖަޒީރާއިން ބޭރުގައެވެ. ޚާއްޞަގޮތެއްގައި ޝާމުކަރައިގެ ބާދިޔާގައެވެ.

ބައެއް މީހުން ދެކޭގޮތުގައި ޢަރަބިންނާއި އެބައިމީހުންގެ ވަށައިގެންތިބި މީހުން ރުޖޫޢަވަނީ އެއް އަޞްލަކަށެވެ. ނަމަވެސް ޢަރަބިންގެ މައްޗަށް ބަދަވީ ދިރިއުޅުން ވެރިވެފައިވާއިރު، ފުރާތާއި ނީލަކޯރުގެ ވާދީގައި ދިރިއުޅޭ މީހުން ވެގެން ގޮސްފައިވަނީ ރަށްވެހި ދިރިއުޅުން އުޅޭ ބަޔަކު ކަމުގައެވެ.

ޢަރަބިންގެ ނަސަބާ ގުޅޭ ކަންކަން ދިރާސާކުރާ ފަރާތްތަކުން ޢަރަބިން ނިސްބަތްކުރަނީ މައިގަނޑު ދެ ދަރިފަސްކޮޅަކަށެވެ. އެއީ ޤަޙްޠާނީންނަށާއި ޢަދުނާނީންނަށެވެ. ޤަޙްޠާނީންނަކީ ޤަޙްޠާނުގެ ނަސްލުން އައިސްފައިވާ މީހުންނެވެ. އެއީ ދެކުނުގެ ޢަރަބިންނެވެ. ޔަމާނީންނަކީ އެމީހުންގެ ނަސްލުން އައިސްފައިވާ ބަޔެކެވެ. އަދި ޢަދުނާނީންނަކީ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނުންގެ ނަސްލުން އައިސްފައިވާ މީހުންނެވެ. އެއީ އުތުރުގެ ޢަރަބިންނެވެ. ޙިޖާޒުގެ އަހުލުވެރިންނަކީ މި ނަސްލުން އައިސްފައިވާ މީހުންނެވެ. ޢަރަބިންގެ ހުރިހާ ޤަބީލާތަކެއް ކަފިވެގެންގޮސްފައިވަނީ، މި ބޮޑު، ދެ ދަރިފަސްކޮޅުންނެވެ. 

ދެކުނުގެ ޢަރަބިންގެ މައްޗަށް ވެރިވެފައިވަނީ، ރަށްވެހިކަމާއި ހަމަޖެހޭ ދިރިއުޅުމެވެ. އެއާ ޚިލާފަށް އުތުރުގެ ޢަރަބިންގެ މައްޗަށް ވެރިވެފައިވަނީ، ބަދާވަތުގެ ސިފައާއި އެއްތަނުން އަނެތްތަނަށް ނަޤުލުވުމާއި، އެއްތަނެއްގައި ހަމަޖެހިގެން ނުތިބުމުގެ ސިފައެވެ. ދެކުނުގެ ޢަރަބިންނަށް ލިބިފައިވާ ބައެއް ނިޢުމަތްތަކުގެ ތެރެއިން ދަނޑުބިންތަކާއި، ހަމަޖެހޭ ދިރިއުޅުމަށް ބޭނުންވާ ކަންކަމަށް ކީރިތި ޤުރުއާނުގައިވަނީ އިޝާރާތްކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ: (لَقَدْ كَانَ لِسَبَإٍ فِي مَسْكَنِهِمْ آيَةٌ جَنَّتَانِ عَن يَمِينٍ وَشِمَالٍ كُلُوا مِن رِّزْقِ رَبِّكُمْ وَاشْكُرُوا لَهُ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ) [سبأ: 15] މާނައީ: “ހަމަކަށަވަރުން، سبأ ގެ أهل ވެރިން އުޅުނުތާނގައި، އެއުރެންނަށް ކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެއްވިއެވެ. (އެއީ) ދެ ބަގީޗާއެކެވެ. (އެރަށުގެ) ކަނާތްފަރާތުންނާއި، ވާތްފަރާތުންނެވެ. (އަންގަވާފަދައެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ދެއްވި رزق ން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ވެރިވާށެވެ! (ތިޔަބައިމީހުންގެ ރަށަކީ) ރަނގަޅު، މޮޅު ރަށެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.”

ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރީގެ ދުވަސްވަރަށް ނަންދެވިފައިވަނީ ޖާހިލއްޔަ ޒަމާނުގެ ނަމުންނެވެ. އަދި މި ދުވަސްވަރުގައި އުޅުނު ޢަރަބިންނަށް މިކަން ނިސްބަތްކުރެވެއެވެ. އަދި އެމީހުންނަށް ކިޔެނީ ޖާހިލިއްޔަ ޒަމާނުގެ ޢަރަބިންނެވެ.

އަންނަނިވި ބައިތަކުގައި ވާހަކަ ދައްކާނީ އިސްލާމް ދީން އައުމުގެ ކުރިން ޢަރަބިންގެ އިޖުތިމާޢީ ޙާލަތު އޮތްގޮތާ ބެހޭގޮތުންނެވެ. އެއަށްފަހު ޢަރަބިންގެ ޤާނޫނީ ޙާލަތު އޮތްގޮތާއި އަދި އެކަމަށް އިސްލާމްދީނުން ކޮށްފައިވާ އަސަރާބެހޭގޮތުންނެވެ. ވިދިވިދިގެން ދެ މަބްޙަޘު މިކަމަށް ޚާއްޞަ ކުރެވޭނެއެވެ.

ފުރަތަމަ މަބްޙަޘު: ޢަރަބިންގެ އިޖުތިމާޢީ ޙާލަތު

އިސްލާމްދީން އައުމުގެ ކުރިން، މަދު ބަޔަކު ފިޔަވައި، ގިނަ ޢަރަބިން ދިރިއުޅެމުން އައީ ބަދަވީ ދިރިއުޅުމެކެވެ. އެމީހުންނަކީ ބަދަވީންނެވެ. މަދު ބައެއް ދިރިއުޅެމުން އައީ ޔަމަނު، ޔަޘްރިބު (މަދީނާ)، އަދި މައްކާ ފަދަ ރަށްވެހި ސަރަޙައްދުތަކާއި ރަށްތަކާއި ސިޓީތަކުގައެވެ. މި މީހުންނަށް ކިޔަނީ ހަޟަރީން (ރަށްވެހިން) އެވެ. ޢަރަބިންގެ ތެރެއިން ބަދަވީން ދިރިއުޅެމުން އައީ ބާދިޔާގައެވެ. އެމީހުން ދިރިއުޅުމުގައި ހިފާފައިވާ އާދައަކީ ފެނާއި ވިނަ ހޯދުމަށްޓަކައި އެއްތަނުން އަނެއްތަނަށް ނަޤުލުވެ ދަތުރުފަތުރުކުރާ ދިރިއުޅުމެކެވެ. އަދި އެމީހުން ދިރިއުޅެމުން ދިޔައީ، ކެހެރީގެ ގޭގެޔާއި ފޭލިގޭގައެވެ. އެބައިމީހުންގެ ދިރިއުޅުމުގައި ބަރޯސާވަނީ، ގެރިބަކަރިއާއި ޖަމަލުން ފައިދާވާ ތަކެތީގެ މައްޗަށެވެ. ހަމަ އެހެންމެ ދިރިއުޅުމުގެ ވަސީލަތެއްގެ ގޮތުގައި ހަނގުރާމައިގެ މައްޗަށްވެސް އެމީހުން ބަރޯސާވިއެވެ. މިގޮތުން އެއް ޤަބީލާ އަނެއް ޤަބީލާއަށް ހަމަލާދީ ހަދައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަލިވާ ބައެއްގެ އަތުގައި ހުންނަ މުދަލާއި ނަޢަމު ސޫފިތައް މޮޅުވާ ބަޔަކު ޣަނީމާ ކުރެއެވެ. އަދި އެބައިމީހުންގެ އަންހެނުން އަޅުންނަށް ހަދައެވެ. މި ދިރިއުޅުމާއި ހަނގުރާމައާއި ހަމަލާތައް ބަދަލުކުރުމުގެ އާދަކާދައިގެ ސަބަބުން ބަދަވީން ވެފައިވަނީ ރަށްވެހިންނަށްވުރެ ހަނގުރާމައިގައި ކުޅަދާނަ އަދި ހިތްވަރުގަދަ ބަޔަކަށެވެ.                   

ބަދަވީންގެ އާދަކާދައިގެ ތެރޭގައި، ވިޔަފާރިއާއި ދަނޑުވެރިކަމާއި ޞިނާޢީ މަސައްކަތުން އެއްކިބާވެތިބުން ހިމެނެއެވެ. އަދި މިބާވަތުގެ މަސައްކަތްތަކާމެދު އެމީހުން ދެކެނީ ނިކަމެތިކަމުގެ ނަޒަރަކުންނެވެ. އަދި މިބާވަތުގެ މަސައްކަތްތަކަކީ، އެބައިމީހުންނާ ނޭކަށޭނަ ދަށުދަރަޖައިގެ މަސައްކަތްތަކެއްކަމުގައި ދެކި، މިބާވަތުގެ މަސައްކަތްކޮށެއް ނޫޅެއެވެ. ނަމަވެސް ރަށްވެހިންނެކޭ އެއްފަދައިން ޅެންވެރިކަމާއި، ޚިޠާބު ދިނުމާއި، މިސާލު ބަހާއި އެނޫންވެސް ޢަރަބިބަހުގެ ފަންނަށް އެބައިމީހުންނެކޭ އެއްފަދައިން ބަދަވީންނަކީވެސް މަޝްހޫރު ބައެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ރިވާކުރުމާއި، މިއެންމެހައި ކަންކަމުގައި ވެސް އެބައިމީހުންނަކީ ފާހަގަކޮށްލެވޭފަދަ ގޮތެއްގައި މަޝްހޫރުކަން ހޯދާފައިވާ ބައެކެވެ. އަދި އެބައިމީހުންނަކީ ފަލަކީ ޢިލްމުންވެސް ކޮންމެވެސް މިންވަރެއް ދަންނަ ބައެކެވެ. ވާރޭ ވެހޭ މޫސުމާއި، ވައިޖެހޭ މިސްރާބުވެސް އެބައިމީހުން ދަނެއެވެ. މިކަންކަން އެބައިމީހުންނަށް ދަސްވެފައިވަނީ އެބައިމީހުން ދަތުރުފަތުރުކޮށް އެއްތަނުން އަނެއްތަނަށް ނަޤުލުވެ އުޅުމުގެ ތެރޭގައި ލިބިފައިވާ ތަޖުރިބާއިންނެވެ.

ބަދަވީންނާއި ޚިލާފަށް، ކުރިންވެސް ބަޔާންވެދިޔަގޮތަށް ރައްވެހިން ދިރިއުޅެނީ ސިޓީތަކުގައެވެ. ސިޓީތަކުގައި ދިރިއުޅެން ފަށައި ވިޔަފާރިއާއި ދަނޑުވެރިކަން އެބައިމީހުން ކުރިއެވެ. އެބައިމީހުންނަކީ ބަދަވީންނަށްވުރެ މަތީ ދަރަޖައެއްގައި ތިބި، އެބައިމީހުންނަށްވުރެ ތަހުޒީބު ބަޔެކެވެ. ވިޔަފާރީގެ ބޭނުމަށް ޤުރައިޝުން ޝާމުކަރައަށާއި ޔަމަނަށް ދަތުރުކުރުމުގެ ޢާދައޮތްގޮތަށް އިޝާރާތްކޮށް ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. (لِإِيلَٰفِ قُرَيْشٍ إِۦلَٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ فَلْيَعْبُدُوا رَبَّ هَٰذَا ٱلْبَيْتِ ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفِ‏) [القريش: 1-4] މާނައީ: “قريش ވަންހައިގެ މީހުން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. ފިނި މޫސުމާއި ހޫނު މޫސުމުގެ ދަތުރުގައި އެއުރެން އެކުވެރިކުރެއްވި ކަމަށްޓަކައެވެ. ފަހެ، މި ގެފުޅުގެ ވެރިރަސްކަލާނގެއަށް އެއުރެން އަޅުކަން ކުރާހުށިކަމެވެ! އެކަލާނގެއީ، ބަނޑުހައިހޫނުކަމުގައި ވަނިކޮށް އެއުރެންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައި ވަނިކޮށް އެއުރެންނަށް އަމާންކަންދެއްވި ރަސްކަލާނގެއެވެ.” (ނުނިމޭ)

ނޯޓު: ދެން އޮންނަ ބައިގައި އޮންނާނީ މި މަބްޙަޘު ކުރިއަށް ގެންދިއުމެވެ. މަބްޙަޘެއްގައި އެއްލިއުމަކަށް ކަނޑައެޅިފައި އޮންނަ ޢަދަދަށްވުރެ ދިގުވުމުން މި މަބްޙަޘު ގެނެސްދޭނީ ބައިބަޔަށް ބަހާލައިގެންނެވެ. ދެން އަންނަ ބައިގައި އެބައިމީހުންގެ އިޖުތިމާޢީ ނިޒާމުގެ އަސާސާއި އޭގެ ބައެއް ސިފަތަކާ ގުޅޭގޮތުން ގެނެސްދެވޭނެއެވެ.

Scroll to Top