ލާދީނިއްޔަތުގެ ދީން
އެ ފަލްސަފާގެ އަހުލުވެރިން އެއަށް ދީނެއްގެ ނަންދިނުމަށް ދެކޮޅުހެދިއަސް، މި ދީނަކީ ކޮބާތޯ ސުވާލުކޮށްލާނަމެވެ؟ އެއީ ކައުނު ހެއްދެވި، ޢަލީމުވަންތަ، އެކައުނުގައިގައިވާހާކަމެއް މިންވަރުކުރައްވާ އެކަންކަމުގެ މައްޗަށް މަގުދެއްކެވިކަންމަށް އިންކާރުކުރުމެވެ. އަދި އާޚުރަތްދުވަހަށާއި ހަށިތައް މަޙްޝަރުކުރެވޭނެކަމަށާއި ސުވަރުގެއާއި ނަރަކައާއި، ޘަވާބާއި ޢިޤާބަށް އިންކާރުކުރުމެވެ. އަދި ނަބީކަމާއި ރަސޫލުކަމަށާއި ސަމާވީ ޝަރީޢަތްތަކަށާއި ޝަރުޢީ ޙުދޫދުތަކަށް އިންކާރުކުރުމެވެ. އަދި އެންމެ މަތިވެރި ރަސޫލާއަށް ކިޔަމަންގަތުން އެންމެހައި ޚަލްޤުތަކުންގެ މައްޗަށް ފަރުޟުކުރައްވާ، ހިދާޔަތާއި ބާއްޖަވެރިކަން އެކުލެވިގެންވަނީ އެކަލޭގެފާނަށް ތަބާވުމުގައިކަމަށް އިންކާރުކުރުމެވެ. އަދި އިސްލާމީ ރިސާލަތަކީ ދެދުނިޔޭގެ ބާއްޖަވެރިކަމާއި ދިރިއުޅުމުގެ އެންމެ ފުރިހަމަ އެންމެ ހެޔޮމަގު ޔަޤީންކޮށްދޭ އެންމެފަހުގެ ދެމިގެންވާ ރިސާލަތްކަމަށް އިންކާރުކުރުމެވެ. އަދި އެއީ އެނޫން ދީނެއް ﷲ ޤަބޫލުނުކުރައްވާނެ، އަދި އެނޫން ދީނެއްގައި ޢާލަމްތަކުގެ ބާއްޖަވެރިކަން އެކުލެވިގެންނުވާ ދީނެއްކަމަށް އިންކާރުކުރުމެވެ. ނުވަތަ ދުނިޔެ ހެއްދެވިގެންވަނީ އިންސާނާއަށްޓަކައި ކަމާއި، އިންސާނާ ޚަލްޤުކުރެއްވި ފަރާތަކީ ﷲ ކަމަށް އިންކާރުކުރުމެވެ.
މިއީ، ގިނަ އިސްލާމީ ޤައުމުތަކުގެ ދިރިއުޅުމުގެ ކަންކަމުގެ ލަގަން އެބައެއްގެ ބާރުގެ ދަށުގައި އޮންނަ، މަތީފަންތީގެ ތަޢުލީމީ ބައެއްގެ ދީނެވެ. އެހުރިހާ އެންމެނަކީ މިދީނަށް އީމާންވުމާއި އެއަށް ހުންނަ ފޯރީގައި އެއްދަރަޖައެއްގައި ތިބި ބަޔަކު ކަމުގައި ނުވިއަސް، އަދި އޭގެ ތެރޭގައި އިސްލާމް ދީނަށް އުޅޭ އެދީނަށް އީމާވެގެން ތިބި ބަޔަކު ތިބިކަމާމެދުގައި އެއްވެސް ޝައްކެއް ނެތަސް، ހިތާމައާއެކު ދަންނަވަންޖެހެނީ، މިފަންތީގެ ގިނަމީހުންގެ ދީނަކީ މާއްދީ ދީންކަމެވެ. އަދި އިލްޙާދުގެ މައްޗަށް ބިނާވެފައިވާ ހުޅަނގުގެ ދިރިއުޅުމުގެ ފަލްސާކަމެވެ.
އެއީ މުރުތައްދުވުމެވެ. ތަކުރާރުކޮށް ބުނަމެވެ. މިކަމަކީ އިސްލާމީ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅާހަމައަށް ވެރިވެފައިވާ ކަމެކެވެ. އަދި ޢާއިލާތަކާއި ގޯތިގެދޮރަށް މިހަނގުރާމައިގެ އަސަރު ކޮށްފިއެވެ. އަދި ޔުނިވަރސިޓީތަކާއި ކުއްލިއްޔާތަކާއި ޘާނަވީ މަދަރުސާތަކާއި އެކި މުއައްސާތަކާ ހަމައަށްވެސް މީގެ އަސަރުވަނީ ކޮށްފައެވެ. ﷲ ސަލާމަތްކުރައްވައިފި އަޅަކު މެނުވީ ތަޢުމީލީ ކޮންމެ ޢާއިލާއެއްގައިވެސް މިދީނަށް އުޅޭ ނުވަތަ މިދީންދެކެ ލޯބިވާ ނުވަތަ މި ދީން މަތިވެރިކުރާ ކޮންމެވެސް ބަޔަކު އުޅެއެވެ. އަދި އޭނާއާ ސުވާލުކޮށްފިނަމަ ނުވަތަ އޭނާއާ އެކު އުޅޭނަމަ، ނުވަތަ އޭނާއަށް އަސަރުކުރާކަހަލަ ކަމެއްކޮށްފިނަމަ، އޭނާއަކީ ﷲ އަށް އީމާވާ މީހެއް ނޫންކަން ނުވަތަ އާޚުރަތްދުވަހަށް އީމާންވާ މީހެއް ނޫންކަން، ނުވަތަ އޭނާއަކީ ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނަށް އީމާންނުވާ ފަރާތެއްކަން، ނުވަތަ ދެމިހުންނަނިވި މުޢުޖިޒާތެއް ގެ ގޮތުގައި އަދި ޙަޔާތުގެ ދުސްތޫރެއްގެ ގޮތުގައި ކީރިތި ޤުރުއާނަށް އީމާންނުވާ ފަރާތެއްކަން ތިބާއަށް އެނގޭނެއެވެ. އެމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހާވެސް ބުނާނީ، މިބާވަތުގެ މައްސަލަތަކާމެދުގައި ފިކުރުހިންގާ މާބޮޑު ސަމާލުކަމެއް ނުދޭކަމަށެވެ.
މިއީ މުސްލިމުންގެ ސަމާލުކަން ލިބިފައިނުވާ، އަދި އެމީހުންގެ ފިކުރު އެކަމުގައި މަޝްޣޫލުކުރަން ބޭނުން ނުވާ މުރުތައްދުވުމެކެވެ. އެހެނީ މިފަދަ މީހަކު ޗާޗަކަށް ނުވަތަ ފައްޅިއަކަށްވެސް ނުވައްނާނެއެވެ. އަދި އޭނާ މުރުތައްދުވެ އެއްދީނުން އަނެއްދީނަށް ބަދަލުވިކަން އިޢުލާނެއްވެސް ނުކުރާނެއެވެ. އަދި އެކަން ޢާއިލާގެ ސަމާލުކަމަކަށްވެސް ނާންނާނެއެވެ. ޢާއިލާއިން އޭނާއާ ގުޅުން ކަނޑާލައި ދުރެއްވެސް ނުކުރާނެއެވެ. އޭގެ ބަދަލުގައި ޢާއިލާގެ ތެރޭގައި އުޅެ ޢާއިލީ ޙައްޤުތައްވެސް ލިބެއެވެ. އަދި ފަހަރުގައި ޢާއިލާގެ މައްޗަށް ބާރުފޯރުވާ ފަރާތަކަށްވެސް އެފަރާތް ވެދާނެއެވެ. ހަމަ އެހެންމެ މުޖްތަމަޢުންވެސް އެކަމަށް ސަމާލުކަންދީ، އޭނާ ޒިންމާދާރުކުރުވާ އަދި ފާޑުކިޔައެއްވެސް ނުހަދައެވެ. އަދި މުޖްތަމަޢުން އެކަހެރިކޮށެއްވެސް ނުމެހަދާމެއެވެ. އޭގެ ބަދަލުގައި މުޖްތަމަޢުގައި ދިރިއުޅެ މުޖްތަމަޢަކުން ލިބެންވާ ޙައްޤުތައްވެސް އޭނާއަށް ލިބި މުޖްތަމަޢުގެ ބާރުވެރި މީހަކަށްވެސް އެފަދަ މީހާ ވެދެއެވެ.
މިއީ އަބޫބަކުރުގެފާނު އެކަން ހައްލުކުރެއްވުމަށް ވަޑައިގެން ނެތް މައްސަލައެކެވެ.
އެއީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު މައްސަލައެވެ. އެއީ އިސްލާމީ އުއްމަތުގެ އެންމެ ބޮޑު މައްސަލައެވެ. ފެތުރެމުންދާ މުރުތައްދުވުމެކެވެ. މި މުރުތައްދުވުން އިސްލާމީ މުޖްތަމަޢާ ހަނގުރާމަކުރަމުންދާއިރު އެއްވެސް މީހަކު އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ޢިލްމުވެރިންނާއި ދީނީ މީހުން މިކަމާ ކަންބޮޑުވެގެންނެއް ނޫޅެއެވެ. އިހުގައި ބުނެ އުޅެއެވެ: “قضية ولا أبا حسن لها” (އަބޫ ޙަސަން އެކަން ޙައްލުކުރެއްވުމަށް ވަޑައިގެން ނެތް މައްސަލައެކެވެ.” އަހުރެން މިބުނަނީ قضية ولا أبا بكر لها އެވެ. މާނައަކީ “އަބޫބަކުރުގެފާނު އެކަން ހައްލުކުރެއްވުމަށް ވަޑައިގެން ނެތް މައްސަލައެކެވެ.”
މިއީ ހަނގުރާމައަކަށް ބޭނުންވާ އަދި ޢާންމުން ކައްކުވާލުމަކަށް ނުވަތަ އިންގިލާބަކަށް ނުވަތަ ބާރުގެ ބޭނުންކުރުމަކަށް ބޭނުންވާ މައްސަލައެއް ނޫނެވެ. އޭގެ ބަދަލުގައި ބާރުގެ ބޭނުންކުރުމަކީ ގޯސްވެ ހިލިގަންނާނެކަމެކެވެ. އިސްލާމް ދީނަކީ ތަފްތީޝީ ކޯޓުތަކާއި[1] އަނިޔާވެރިކަން ދަންނަ ދީނެއް ނޫނެވެ. އެކަމަށްޓަކައި ބޭނުންވާނީ ޢަޒްމަކާއި ޙިކުމަތްތެރިކަމެވެ. އަދި ކެތްތެރިކަމާއި ތަޙައްމުލްކުރުމެވެ. މީގެ އިތުރުން މި މައްސަލައަށް ބޭނުންވަނީ މިކަން ދިމާވަނީ ކިހިނެއްވެގެންތޯ ބަލައި ދިރާސާކުރުމަށެވެ. (ނުނިމޭ)
[1] ތަފްތީޝީ ކޯޓުތަކަކީ ކޮބާހެއްޔެވެ؟ ތަފްތީޝީ ކޯޓުތަކަކީ (inquisition courts) ޔޫރަޕުގައި، ޚާއްޞަކޮށް މިޑީވަލް އޭޖް (ތާރީޚީ ގޮތުން ވަކި ދުވަސްވަރެއް) ގައި އަދި އޭގެ ފަހުން އިސްތިސްނާއީ ގޮތެއްގައި ކަނީސާގައި ފާޅުވި ޤަޟާއީ މުއައްސަސާއެކެވެ. މީގެ ބޭނުމަކީ ބިދުޢަތަކާއި ޢަޤީދާއާ ޚިލާފު ކަންކަމާއި ސިޙުރުވެރިކަން ފަދަ ކަންކަން ނައްތާލުމެވެ. އަދި ކަނީސާއަށް ނުވަތަ ދީނީ މުއައްސަސާއަށް ނުރައްކަލެއްކަމަށް ގަބޫލުކުރެވޭ ފަރާތްތަކާ ކުރިމަތިލުމެވެ. މި މުއައްސާ ތާރީޚީގޮތުން އެތައް ސިފައަކަށް ބަދަލުވެގެން ދިޔައެވެ.


