މިއީ، އިންޑިއާގެ މަޝްހޫރު ޢާލިމެއްކަމުގައިވާ “ردة ولا أبا بكر لها” މި މައުޟޫޢަށް ލިއުއްވާފައިވާ ލިއުއްވުމެއްގެ ތަރުޖަމާއެވެ.
އައު މުރުތައްދުވުމެއް
މުރްތައްދުވުމުގެ އެތަކެއް ހާދިސާއެއް އިސްލާމީ ތާރީޚު ދެކެފައި ވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ މުރުތައްދުވުމަކީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ސުވަރުގެވަޑައިގަތުމަށްފަހު ޢަރަބި ޤަބީލާތައް މުރްތައްދުވި ހާދިސާއެވެ. އެއީ ތާރިޚު އެފަދަ މިސާލެއް ދެކިފައިނުވާ އީމާންކަމަކާއި، ޢަޒުމަކާއެކު، އޭގެ ޅަފަތުގައި އަބޫބަކުރުގެފާނުގެ މަސައްކަތުން ނެތިކޮށްލެއްވި މުރުތައްދުވުމުގެ ރޯޅިއެކެވެ. އޭގެ އަނެއް ހާދިސާއަކީ، މުސްލިމުން ސްޕެއިނުން ނެރެލުމަށްފަހު ހިނގާދިޔަ ނަޞާރާދީނަށް ވެއްދުމުގެ ޙަރަކާތެވެ. މި ޙަރަކާތް ހުޅަގުނގެ ބައެއް ޤައުމުތަކުން ވެރިވެގަން އެކި ކަންކޮޅުތަކުންވެސް ފެނިގެން ދިޔައެވެ. މިގޮތުން އެތަންތަނުގައި ފާދިރީންނާއި “މިޝަނަރީން” ވަރަށް ބޮޑަށް ޙަރަކާތްތެރިވަމުން ދިޔައެވެ. އަދި ހަމަ އެހެންމެ މީގެ އަނެއް ހާދިސާއަކީ، އިންޑިޔާގައި، ވިސްނުންކޮށި، އަދި ނަފްސު ނިކަމެތި މުސްލިމުން އިސްލާމްދީން ދޫކޮށް ބްރަހްމަނިޒަމް ނުވަތަ އާރިޔަން ދީނަށް އެނބުރުމަށް މެދުވެރިވި އާދަޔާ ޚިލާފު ހާދިސާތަކެވެ. ނަމަވެސް މިއީ ވަރަށް ނާދިރުގޮތެއްގައި ހިނގި ހާދިސާތަކެކެވެ. ސްޕޭނުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއަށް މުރުތައްދުވުމެކޭ ކިޔޭނަމަ އެކަން ފިޔަވައި، ޙަޤީޤަތުގައި މުސްލިމުންގެ ތާރީޚުގައި ޢާންމުވެގެންވާ މުރުތައްދުވުމެއް ހިނގާފައިވާކަން އެނގިފައެއް ނުވެއެވެ. އެއީ، ދީނީ ތާރީޚު ލިޔާމީހުންވެސް އިޢުތިރާފުވެފައިވާ ފަދައިންނެވެ.
މިހުރިހާ ހާދިސާއެއްގައިވެސް ދެސިފައެއް އެކުލެވިގެންވެއެވެ. އޭގެ ތެރެއިން އެއްސިފައަކީ، މުރްތައްދުވާމީހުންނާމެދު މުސްލިމުންގެ ފަރާތުން ކުރިމަތިވާ އިންތިހާއީ ނަފްރަތެވެ. ދެވަނަ ސިފަޔަކީ އިސްލާމީ މުޖްތަމަޢުން އެކަހެރިވެފައިވެފައި ވުމެވެ.
މިގޮތުން ދީންދޫކޮށް މުރުތައްދުވާ ކޮންމެ މީހަކީވެސް މުޖްތަމަޢުގެ އިންތިހާއީ ނަފްރަތު އެމީހަކަށް ރައްދުވާ އަދި ކަމުގެ ޠަބީޢަތް ނިޔާކުރާގޮތުން އޭނާ ދިރިއުޅޭ އިސްލާމީ މުޖްތަމަޢުން އެކަހެރިވެގެން ދެއެވެ. އަދި މުރުތައްދުވުމާއެކު އޭނާއާއި އޭނާގެ ޢާއިލާއާ ދެމެދު އޮންނަ ގާތްތިމާގެ ކަމުގެ ގުޅުމާއި އެންމެހައި ގުޅުންތައް ކެނޑިފައިވާ މީހެއްކަމުގައި ވެގެން ދެއެވެ. އަދި މުރުތައްދުވުމަކީ މުޖްތަމަޢަކުން އެހެން މުޖްތަމަޢަކަށް ބަދަލުވެގެންދާ ދިއުމެކެވެ. އަދި ރިއުޅުމަކުން އެހެން ދިރިއުޅުމަކަށް ބަދަލުވެގެން ދާ ދިއުމެކެވެ. އަދި ޢާއިލާއިން އޭނާއާ ގުޅުން ކަނޑާލައި އޭނާ ދޫކޮށްލާ އޭނާ އެކަހެރިކޮށްލައެވެ. އަދި ކައިވެނީގެ ސަބަބުން އުފެދޭ ޢާއިލީ ގުޅުމެއް، ކައިވެންޏެއް، އުޚުއްވަތްތެރިކަމުގެ ގުޅުމެއް، އެކަކު އަނެކަކަށް ވާރުތަކުރުމެއްވެސް ނުއޮވެއެވެ. އަދި މުރުތައްދުވުމުގެ ޙަރަކާތްތަކުގެ ސަބަބުން މުސްލިމުންގެ މެދުގައި (ނިޒާމާ) ދެކޮޅުހެދުމާއި، ދީންތަކުގެ މެދުގައި އަޅާކިޔުމާއި، އިސްލާމް ދީން ދިފާޢުކުރުމުގެ ރޫޙު އާލާވެގެން ދެއެވެ. އިސްލާމީ ކަންކޮޅުތަކުންކުރެ ކޮންމެ ކަންކޮޅެއްގައިވެސް، މުސްލިމު ޢިލްމުވެރިންނާއި، އިސްލާމްދީނަށް ގޮވާލާ އަދި ގަލަން އުފުލާ ފަރާތްތަކުން މުރުތައްދުވުމުގެ ހާދިސާތަކަށް ފޯރިއާއެކު ރައްދު ދިނުމުގެ ހާދިސާތައް ފާޅުވެ އެކަމުގެ ސަބަބުތައް ހޯދަން ފެށިއެވެ. އަދި އިސްލާމްދީނުގެ ރީތި ސިފަތަކާއި ޚާއްޞަކަންކަން ހުށަހަޅާންފެށިއެވެ. އަދި މިކަމާގުޅިގެން ނުރުހުމާއި ދެކޮޅު ހެދުމާއި ކަންބޮޑުވުމުގެ ވަރުގަދަ ރާޅު ބާންޏެއް ވެރިވެގެން ދިޔައެވެ. މި ހާދިސާތައް ވެގެންދިޔައީ މުސްލިމުންނަށް ހުއްޓުން ގެނުވައި ހުރަސްއެޅިގެން ދިޔަ ކަމަކަށެވެ. އަދި މިކަމަކީ ޚާއްޞަ މީހުންނާއި ދީނަށް ޣީރަތްތެރި މީހުންގެ އިތުރުން ޢާންމުކޮށް ދެކެވޭ ވާހަކައަކަށްވެ ޢާންމުންގެ ސަމާލުކަން ހުއްޓުނު ކަމަކަށްވެގެން ދިޔައެވެ. މުރުތައްދުވުމުގެ ހާދިސާތަކުގެ މަދުކަމާއި އާދަކޮށް ހިނގާކަމެއްކަމުގައި ނުވިނަމަވެސް އަދި އެކަމުގެ އަސަރެއް މުސްލިމުންގެ ދިރިއުޅުމަށް ނުކުރިނަމަވެސް، މިއީ މުރުތައްދުވުމުގެ ހާދިސާތަކުގައި ސިފަޖެހިގެންދިޔަގޮތެވެ.
އެއީ މީގެ ކުރިން ދެކެފައިވާ މުރުތައްދުވުމުގެ ހާދިސާތައް ފަނޑުކޮށްލާފަދަ މުރުތައްދުވުމެވެ. އެއީ އޭގެ ބާރުގަދަކަމާއި، ޢާންމުވެފައިވާ މިންވަރާއި ވަރުގަދަ ކަމުގެ ސަބަބުންނެވެ.
ނަމަވެސް ފަހަކަށް އައިސް މުޅި އިސްލާމީ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ފެތުރިގެން ދިޔަ މުރުތައްދުވުމުގެ ޙަރަކާތެއް އިސްލާމީ ދުނިޔެއަށް ތަޖުރިބާކުރަންޖެހުނެވެ. އެއީ މީގެ ކުރިން ދެކެފައިވާ މުރުތައްދުވުމުގެ ހާދިސާތައް ފަނޑުކޮށްލާފަދަ މުރުތައްދުވުމެވެ. އެއީ އޭގެ ބާރުގަދަކަމާއި، ޢާންމުވެފައިވާ މިންވަރާއި ވަރުގަދަ ކަމުގެ ސަބަބުންނެވެ. އަދި މިކަމުން އެއްވެސް ކަންކޮޅެއް މިންޖުވެގެން ނުވެއެވެ. އަދި މުސްލިމުންގެ ޢާއިލާތަކުގެ ތެރެއިން ވަރަށް މަދު ޢާއިލާޢެއް ނޫނީ މިކަމުން ސަލާމަތްވެގެންވެސް ނުވެއެވެ. މިއީ އިސްލާމީ ޤައުމުތަކުގެ މައްޗަށް ހުޅަނގުގެ ޤައުމުތަކުން ކުރި ސިޔާސީ އަދި ޘަޤާފީ ހަނގުރާމައަށްފަހު އައި މުރުތައްދުވުމެކެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުﷲ ގެފާނުގެ ޒަމާނުއްސުރެން ފެށިގެން މިއަދާހަމައަށްވެސް އިސްލާމީ ތާރީޚުގައި އިސްލާމީ ދުނިޔެއަށް ފާޅުވި އެންމެ ބޮޑު މުރުތައްދުވުމެވެ.
އިސްލާމީ ޢުރުފުގައާއި، ޝަރްޢީ އިޞްޠިލާޙުގައި މުރުތައްދުވުމަކީ ކޮބާހެއްޔެވެ؟ އެއީ އެއްދީނުން އަނެއް ދީނަށް ބަދަލުވުމެވެ. އެއް ޢަޤީދާއިން އަނެއް ޢަޤީދާއަށް ބަދަލުވުމެވެ. އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ގެނެސްދެއްވި ތަކެއްޗަށް އިންކާރުކުރުމެވެ. އަދި އެކަލޭގެފާނުގެ ކިބައިން މުތަވާތިރުކޮށް އައިސްފައިވާ ކަންކަމަށާއި، އިސްލާމް ދީނުން ކޮންމެހެން އެނގެންޖެހޭކަމަށް ސާބިތުވެފައިވާ ކަންކަމަށް އިންކާރުކުރުމެވެ.
މުރުތައްދުވާ މީހާ ކުރަނީ ކޮންކަމެއްހެއްޔެވެ؟ އޭނާ ކުރާކަމަކީ، މުޙައްމަދިއްޔަ ރިސާލަތަށް އިންކާރުކުރުމެވެ. އަދި މަސީޙީ ދީނަށް ނުވަތަ ޔަހޫދީ ދީނަށް ނުވަތަ ބްރަހްމީ ދީނަށް ބަދަލުވަނީއެވެ. ނުވަތަ ދީން ގަބޫލުނުކޮށް ފޮނުއްވުނު ރިސާލަތްތަކާއި ވަޙީއާއި މަޙްޝަރުކުރެވޭނެކަމަށް އިންކާރުކުރަނީއެވެ. މިއީ އިހުގެ ދުނިޔެ ނުވަތަ ޤަދީމީ މުޖްތަމަޢުތައް މުރުތައްދުވުމުގެ މާނަ ދަންނަ ގޮތެވެ. އިސްލާމްދީން ދޫކޮށް މުރުތައްދުވާ މީހަކު މިސާލަކަށް ނަޞާރާ ދީނަށް ވަދެއްޖެނަމަ ކަނީސާއަށް ގޮސްއުޅެއެވެ. އަދި ބްރަހްމީ ދީނަށް ވަދެއްޖެނަމަ، ހައިކަލަށް ނުވަތަ ބުދުފައްޅިއަށް ވަދެއެވެ. މިކަން މިގޮތަށް ހިނގާކަން އެންމެންނަށް އެނގެއެވެ. އަދި އޭނާއަކީ މީސްތަކުންގެ މެދުގައި ވަކި ފާހަގައެއް ލެވިފައިވާ އިނގިލި ދިމާކުރެވޭ މީހެކެވެ. އަދި އެމީހެއްގެ ކިބައިން މުސްލިމުންގެ އުއްމީދު ކެނޑިފައިވާ ފަރާތެކެވެ. ޢާންމުގޮތެއްގައި އޭނާގެ މުރުތައްދުވުމަކީ ސިއްރެއްގެ ގޮތުގައި ބެލެވޭކަމެއް ނޫނެވެ.
ހުޅަނގުން އިސްލާމީ އުއްމަތަށް ގެނައި ފަލްސަފާ
ދީނުގެ އަސާސްތަކަށް އިންކާރުކުރުމާއި، މިދުނިޔެ ހިންގެވުމުގެ ބާރުވެރިފަރާތަށް އިންކާރުކުރުމާއި، މިދުނިޔެ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވާ، އެކަލާނގެ ބާރުވެރިކަމުގެ ދަށުގައި މިކައުނު ތަދުބީރުކުރެއްވުން އޮތް، ހުރިހާކަމެއް ދެނެވޮޑިގަންނަވާ ބާރުވެރިފަރާތަށް އިންކާރުކުރުމާއި، ޣައިބުގެ ދުނިޔެއަށް އިންކާރުކުރުމާއި، ވަޙީއާއި ނަބީކަމާއި، ސަމާވީ ޝަރީޢަތްތާއި ރޫޙީ އަދި ޚުލުޤީ ޤިޔަމުތަކަށް އިންކާރުކުރުމުގެ މައްޗަށް ބިނާވެފައިވާ ފަލްސަފާތަކެއް ހުޅަގުން އިސްލާމީ ޤައުމުތަކަށް ގެނެސްފައި ވެއެވެ. އޭގެތެރޭގައި، ދިރިހުރުމާއި، އެކިއެކި ދިރޭތަކެތި އުފެދިގެން އައިގޮތާއި އެތަކެތި ބަދަލުވުމާގުޅޭ ކަންކަމާއި، އަޚްލާޤާއި ގުޅޭ ކަންކަމާއި، ޢިލްމުއްނަފްސާއި ގުޅޭ ކަންކަމާއި، އިޤްތިޞާދީ އަދި ސިޔާސީ މައުޟޫޢުތަކާ ގުޅޭ ކަންކަން ހިމެނެއެވެ. މި ފަލްސަފާތަކުގެ މެދުގައި އޭގެ ބާވަތްތަކާއި ލަނޑުދަނޑިތަކާއި އޭގެ އަސާސްތަކުގައި ކިތަންމެ ތަފާތެއް ހުރިނަމަވެސް، އިންސާނާއާއި ކައުނާ ގުޅޭ ކަންކަމުގައި އެހުރިހާ ފަލްސަފާތަކެއް ގޮސް ހުއްޓެނީ މާއްދިއްޔަތުގެ ނަޒަރިއްޔާގެ މައްޗަށެވެ. އަދި މި ދެފަރާތާ ގުޅޭ ހާދިސާތަކާއި ކަންކަން ބަޔާންކުރެވިގެންދަނީވެސް މާއްދީގޮތެއްގައެވެ.
މި ފަލްސަފާތައް އިސްލާމީ މުޖްތަމަޢުގެ އެންމެ ފުނަށް ވަދެގެން ދިޔައެވެ. އަދި ތާރީޚީ ގޮތުން އެފަލްސަފާތައް ވެގެންދިޔައީ އިސްލާމް ދީނަށްފަހު ފާޅުވި އެންމެ ބޮޑު، އަދި އޭގެ މޫތައް އެންމެ ފުނަށް ފެތުރިގެން ގޮސްފައިވާ، ބުއްދިއާއި ހިތަށް އެންމެ ބޮޑު އަސަރެއް ކުރުވި ދީނަށެވެ. އަދި އިސްލާމީ ޤައުމުތަކުގައި ތިބި ޘަޤާފީގޮތުންނާއި ބުއްދީގެ ގޮތުން އެންމެ ހޮވާލެވޭ އެންމެ މޮޅެތި މީހުންވެސް އެދީނާ ދިމާއަށް އެނބުރުނެވެ. އަދި ފަސޭހަކަމާއެކު އެދީން ބަލައިގަތެވެ. އަދި މުސްލިމަކު އިސްލާމްދީނަށް އުޅޭހެން އަދި މަސީޙީއަކު މަސީޙީދީނަށް އުޅޭހެން އެންމެ ފުރިހަމަ މާނައިގައި އެބައިމީހުން އެދީނަށް އުޅެމުން ދިޔައެވެ. އަދި އެއަށްޓަކައި އެއަށް ތަބާވާމީހުން މަރުދަންޖެހެއެވެ. އަދި އޭގެ ޝިޢާރުތައް ތަޤުދީސްކޮށް އެކަމުގެ އިސްފަރާތްތަކާއި އެކަމަށް ގޮވާލާ މީހުން މަތިވެރިކުރެއެވެ. އަދި އެކަމުގެ އަދަބިއްޔާތާއި ތަޞްނީފުތަކުގައިވެސް އެކަމަށް ދަޢުވަތުދީ ހަދައެވެ. އެއާ ފުށުއަރާ ކޮންމެ ދީނަކާއި ނިޒާމަކާއި ފިކުރެއް ނިކަމެތިކުރެއެވެ. އަދި ހަމަ އެހެންމެ އެގޮތުގައި ހިފައިގެންތިބޭ ކޮންމެ ފަރާތަކީ އަޚުންކަމުގައި ބަލައެވެ. އެއަށް ތަބާވާ އަފްރާދުންނަކީ އެއް އުއްމަތެއްކަމުގައާއި އެއް ޢާއިލާއެއްކަމުގައާއި، އެއްކަމަކަށް ނިސްބަތްވާ ބައެކެވެ. (ނުނިމޭ)


