ޢަސްކަރީ ކަންކަމަށް އެކަށީގެންވާ ތަފްސީރުކުރުމާއި ސަބަބުތައް ބަޔާންކޮށްފައި ނުވުން
ޢަސްކަރީކަންކަމަށް ސަމާލުކަން ދިނުމާއި، އެކަމަށް އަހައްމިއްޔަތުކަން ދިނުމާއި އެކު، އެކަމުގައި އެކުލެވޭ ނުރައްކަލުގެ މައްޗަށް އިތުރު ނުރައްކަލެއް އެބައިމީހުން އިތުރުކުރެއެވެ. އެއީ އެފަދަ ޢަސްކަރީ ކަންކަން ތަފްސީރުކުރުމާއި ތަޙްލީލުކުރުމާއި އެކަންކަމުގެ ސަބަބުތައް ބަޔާންކުރުމަށް ދޭންޖެހޭ ހައްޤު ދީފައި ނުވާތީއެވެ. މިގޮތުން، އެފަދަ ޢަސްކަރީ ޢަމަލެއް ބަޔާންކުރުމުގައި އެފަދަ ޢަމަލެއް ހިނގާފައިވާ ހާލަތާއި، އެކަމަށް މަގުފަހިކުރި ސަބަބުތަކާއި، އެކަމުގެ ތެރެއަށް ވަން ސަބަބުތަކާއި ވަކިކޮށްލައިގެން ބަޔާންކުރެއެވެ.
މީގެ އެންމެ ފާޅުކަންބޮޑު މިސާލަކީ ބަދުރު ހަނގުރާމައެވެ. އެއީ މި ހަނގުރާމައިގެ ހާދިސާތަކާއި، ވާޤިޢާތައް ހުށަހެޅިފައިވަނީ، މުސްލިމުންގެ ހިތްވަރުގަދަކަމާއި، އެމީހުން ގެ ޢަދަދުގެ މަދުކަމާއި، އެބައިމީހުންގެ ޢަދުއްވުންގެ ޢަދަދުގެ ގިނަކަމާއެކުވެސް އެބައިމީހުން ނަޞްރުހޯދިގޮތް މަތިވެރިކުރުމުގެގޮތުން އެކަންޏެވެ.
ފުންނާބު އުސް މުއައްލިފަކު އިސްލާމީ ތާރީޚުގެ މުހިއްމު މަރުޖިޢެއްގެ ގޮތުގައި ބެލެވޭ ފޮތެއްގައި ލިޔެފައިވާ ލިޔުންކޮޅެއް ހުށަހަޅާލަދިނުމަކީ އެންމެ ރަނގަޅުކަމެއްކަމުގައި ދެކެމެވެ. މިދެންނެވީ ޑރ. ޙަސަން އިބްރާހީމް އޭނާގެ ފޮތް “تاريخ الإسلام” ގައި ލިއުއްވާފައިވާ ލިޔުމެއްގެ ވާހަކައެވެ. އެފޮތުގެ ފުރަތަމަ ޖުޒުއުގެ 109 ވަނަ ޞަފްޙާގައި އައިސްފައިވާ ސީދާ ނައްޞު އޮތްގޮތަށް މިތަނުގައި ހިމަނާލާނަމެވެ. “ހިޖުރައިން ދެވަނަ އަހަރު ގެ ރަމަޟާން މަހުގައި غزوة بدر الكبرى ހިނގިއެވެ. ޝާމުކަރައިން އައި ޤުރައިޝްވަންހައިގެ ވިޔަފާރި ގާފިލާއަކަށް ހުރަސްއެޅުމަށް ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުﷲ ގެފާނު މުސްލިމުންގެ ބަޔަކު ފޮނުއްވިއެވެ. އެމީހުންގެ ޤާފިލާގެ ވެރިޔަކަށް ހުރި ފަރާތްކަމުގައިވާ އަބޫސުފްޔާނަށް މިކަން އެނގި، މުސްލިމުން އެމީހުންގެ ވިޔަފާރި ޤާފިލާއަށް ހުރަސްއަޅަން އުޅޭކަމުގެ ޚަބަރު ދިނުމަށްޓަކައި ޤުރައިޝުންގެ ގާތަށް އޭނާ މީހަކު ފޮނުވައި، އެމީހުންގެ ވިޔަފާރި ޤާފިލާ ސަލާމަތްކުރުމުގެ ގޮތުން ލަޝްކަރު ތައްޔާރުކުރުމަށް އެދުނެވެ. އެއަށްފަހު، އަބޫ ސުފްޔާން، މަގު ބަދަލުކޮށް ކަނޑުގެ އައްސޭރިފަށާދިމާއަށް މިސްރާބުޖަހާ އެތަނުގެ ކައިރިން ދަތުރުކޮށް މުސްލިމުންތިބިތަން ފަހަނައަޅާ ގޮސް، ޤުރައިޝުންނަށް އެއްވެސް ގެއްލުމެއް ނުލިބި މައްކާއަށް ހިނގައްޖެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު މުޝްރިކުންނާ ބައްދަލުކުރެއްވީ ބަދުރުގެ ފެންވަޅުގެ ކައިރީގައެވެ. އެބައިމީހުންގެ ޢަދަދަކީ ނުވަސަތޭކައާއި އެއްހާހާ ދެމެދެވެ. އޭގެ ތެރޭގައި ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބީކަލޭގެފާނުގެ ބޮޑުބޭބޭފުޅު ޢައްބާސް ބިން ޢަބްދުލްމުއްޠަލިބު އާއި، އަބޫ ޖަހުލު ބިން ހިޝާމް ބިން އަލްމުޣީރާ ހިމެނެއެވެ. މި ހަނގުރާމައިގައި މާތް ﷲ މުސްލިމުންނަށް ނަޞްރު ދެއްވިއެވެ. މި ހަނގުރާމައިގައި ޤުރައިޝުންގެ ވެރިންގެ ތެރެއިން، 70 މީހުން ޤަތުލުވިއެވެ. އަދި މުސްލިމުންގެ ތެރެއިން 14 ބޭކަލުން ޝަހީދުވިއެވެ.
މި ހަނގުރާމައަކީ، އިސްލާމީ ތާރީޚަށް ވަރަށް ބޮޑު އަސަރެއް ކުރުވި ހަނގުރާމައެކެވެ. މިގޮތުން މިއީ މުސްލިމުންނާއި ޤުރައިޝުންނާއި ދެމެދު އެންމެ ފުރަތަމަ ހިނގި ޙަޤީޤީ ކުރިމަތިލުމެވެ. މިކުރިމަތިލުމުގައި މުސްލިމުން ކާފަރުންގެ މައްޗަށް ނަޞްރު ހޯދިއެވެ. އަދި މުސްލިމުން އެމީހުންގެ ޢަޤީދާގައި ހިފަހައްޓައިގެން ތިބި މިންވަރާއި އެބައިމީހުންގެ ދީނަށް ނަޞްރު ދިނުމުގައި އެބައިމީހުން ޤުރުބާންވާ މިންވަރު މި ހަނގުރާމައިން ފާޅުވެގެން ދިޔައެވެ. މިކަމުގެ ސަބަބުން ޤުރައިޝުންގެ ބޮޑުން ވަރަށް ބޮޑަށް ރުޅިއައެވެ. އަދި އެމީހުންނަށް އެއްބަސްވެވުނީ، އެމީހުންވީ ބަލީގެ ސަބަބުން ލިބުނު ހުތުރުނަން ފުހެލުމަށްޓަކައި، މުސްލިމުންނަށް އަމާޒުކޮށް އިތުރު ހަމަލާއެއް ދިނުމަށެވެ.” أهـ. މިއަށްފަހު، ބަދުރު ހަނގުރާމައިގެ ސަބަބުން މުސްލިމުންނަށާއި މުޝްރިކުންނަށް ކުރި އަސަރު ފިޔަވާ އިތުރު ވާހަކައެއް ނެތެވެ.
ބަދުރުހަނގުރާމައާ ބެހޭގޮތުން ލިޔެވިފައިވާ އެތަކެއް ފޮތްތަކެއް ގެނެވިދާނެއެވެ. މިއިން އެއްވެސް ފޮތަކުން މިނޫންގޮތަކަށް ހުށަހަޅާފައިވާތީއެއް ނުފެންނާނެއެވެ. މިހުށަހެޅުންތަކުގެ މެދުގައި ހަމަ އެކަނި ހުރި ތަފާތަކީ ޖުމްލަގޮތެއްގައި ބުނުމާއި ތަފްޞީލު ދިނުމުގައި ހުރި ތަފާތެކެވެ. ހުރިހާ ހުށަހެޅުމެއްގައިވެސް ބުނަނީ: ޤާފިލާތައް ދަތުރުކުރާ މަގަށް ނިކުމެ، ޤުރައިޝުންގެ ވިޔަފާރިއަށް ހުރަސްއަޅާ ޤާފިލާތަކުގައިވާ މުދާ އަތުލުމަށް ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ގޮވާލެއްވިކަމަށެވެ. އަބޫ ސުފްޔާން މުސްލިމުންނާމެދު ސަމާލުވެ އެމީހުންގެ ކިބައިން ސަލާމަތްވުމުން، މުސްލިމުން ބަދުރުގެ ބިމާ ދިމާއަށް ދަތުރުކުރިކަމަށެވެ. އަދި ޤުރައިޝުންގެ ޤާފިލާ ސަލާމަތްކުރަން އެތަނަށް އައި މީހުންނާ ހަނގުރާމަކޮށް ބަލިކުރިކަމަށެވެ.
އެވާހަކަ ގެނެވިފައިވަނީ މިބުނެވުނު ގޮތަށެވެ.. އެއީ މަގުފޭރުމެކެވެ. ވިޔަފާރިމުދަލުގެ މައްޗަށް ވެރިވެގަތުމެކެވެ. ނޫންނަމަ ވިޔަފާރި ޤާފިލާ ސަލާމަތްކުރަން އައިމީހުންނަށް ޙަމަލަދީ ބަލިކޮށްލުމެވެ. އަހަރެމެންގެ ޒުވާނުން އެބައިމީހުންގެ ނަބިއްޔާއާއި އެކަލޭގެފާނުގެ އަޞްޙާބުންނާ ބެހޭގޮތުން ޔުނިވަރސިޓީތަކުގައި ކިޔާނީ މިގޮތަށް ލިޔެވިފައިވާ ލިޔުންތަކެވެ. އަދި މީގެ ސަބަބުން އެ ޒުވާނުންގެ ހިތުގެ އެންމެ ފުންމިނަށް ފޭދޭ އެއްޗެއް ފޭދެންވީއެވެ. ދެން އެޒުވާނުންނަށް އަމާޒުކުރެވި އިސްލާމްދީނުގެ ހިދާޔަތުގައި ހިފަހައްޓައިގެން ތިބުމަށް ގޮވާލުމުން އެޒުވާނުންނަށް ޙައިރާންކަން ލިބި ހަދާނެގޮތް ހުސްވެއެވެ.
އަންނަނިވި ގޮތަށް އެލިޔުންތެރިއާއަކަށް ނުބުނެވޭނެހެއްޔެވެ؟ “އެއީ، ސަލާމާއި ޞަލަވާތްލެވި އިތުރު އެކަލޭގެފާނު މަދީނާގައި ޤާއިމުވެވަޑައިގަތުމާއެކު އާ ތާރީޚަކާއި އާނިޒާމެއް ފެށިގެން ދިޔަ ދިއުމެކެވެ. އެއީ މީގެ ކުރިން ޢަރަބި ޖަޒީރާ ދެކެފައި ނުވާކަމެކެވެ. އަދި މިއީ ދައުލަތެއްގެ ސަރަހައްދާއި ހަމަތައް ކަނޑައެޅި، އެންމެ ފުރަތަމަ ދައުލަތެއްގެ އުފަންވުން ފެށިގެން ދިޔަ ދިއުމެއްކަމަށެވެ. އެދައުލަތުގައި ތަބާވުން އޮތީ ޤަބީލާއަކަށް ލޭގެ ގުޅުމަކަށް، ޢަޞަބިއްޔަތަކަށް ނޫނެވެ. ދައުލަތް އުފަންވުމާއެކު މުސްލިމުންކުރެ މުހާޖިރުންނާއި އަންޞާރުން އަޚުކުރެވުނެވެ. އަދި ޤަބީލާތަކުގެ ތަފާތުކަމާއި، ގަބޫލުކުރުންތަކުގައި ހުރި ދުރުކަމާއި، އަދި އެބައިމީހުންގެ މެދުގައި އޮތް ހަމަނުޖެހުމާއި ހަނގުރާމަތަކާއެކުވެސް އަދި ކިއެއްހެއްޔެވެ؟ އެއް ޤަބީލާ އަނެއްޤަބީލާއާ ދެމެދުގައި ބާރާއި ބަލިކަށިކަމުގައި ހުރިތަފާތުތަކާއި، އަދި މަތިވެރިކަމާއި ދަރަޖައިގެ ގޮތުން ހުރި ތަފާތުތަކާއެކުވެސް މުސްލިމުން އެކަތިގަނޑަކަށް ވެގެންދިޔައެވެ. އެންމެ ފުރަތަމަ ޢަރަބި ޖަޒީރާގައި ޢަޤީދާއަކަށް އީމާންވާ ދައުލަތެއް އުފެދިގެން ދިޔައެވެ. އަދި އެ ޢަޤީދާގެ ދިދަ އުފުލިގެން ދިޔައެވެ. މިހެންކަމުން މި ދައުލަތަށް ސަރަހައްދެއް ކަނޑައެޅިގެންދިއުމަކީ ޠަބީޢީ ކަމެކެވެ. އަދި އެދައުލަތުގެ ސަރަޙައްދު ޙިމާޔަތްކޮށް ދިފާޢުކުރުމަކީ އެދައުލަތަށް ލިބިގެންވާ ޙައްޤެކެވެ. އަދި ދައުލަތުގެ ބިމުން އެ ޤާފިލާތައް ދަތުރުކުރާ މަގު ނެގިފައި އޮނަ ހާލަތުގައި، އެ މަގު ދައުލަތުގެ ބާރުގެ ދަށުގައި އޮތުމަކީ އެ ދައުލަތުގެ ޙައްޤެކެވެ. އަދި އެމަގުގެ ތެރެއިން ގެންދެވޭ ޢަދުއްވުންގެ ވިޔަފާރި މުދާ ހިފެހެއްޓުމަކީވެސް އެފަރާތުގެ ޙައްޤެކެވެ. މިއީ ޠަބީޢީ ޤާނޫނުތައް ނިޔާކުރާގޮތްވެސް މެއެވެ. “ބައިނަލްއަޤުވާމީ ޤާނޫނު” ގެ މި ޒަމާނުގައިވެސް އެ ޤައުމެއް ހުރަސްކޮށް އޮންނަ ބައިނަލްއަޤްވާމީ މަގުތައް އެ ޤައުމެއްގެ ބާރުގެ ދަށުގައި އޮތުމަކީ މިފަދަ ޤާނޫނުތައް ހުއްދަކުރާކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ ޤައުމަކާ ޢަދާވަތްތެރި ޤައުމުތަކުން މިގޮތަށް ހުންނަ މަގު ހުރަސްކުރުން މަނާކުރެއެވެ. އަހަރެމެންނަށް އެންމެ ފަސޭހައިން ވިސްނައިގަނެވޭނެ މިސާލަކީ، ސުވެސްކެނަލުން އިޒްރޭލުގެ އެއްވެސް މުދަލެއް ހުރަސްކުރާނަމަ އެމުދަލެއް ހިފެހެއްޓުމެވެ.
ހަމަ އެފަދައިން މިހެންވެސް ބުނެވެން އޮތެވެ. “މުސްލިމުން ޤުރައިޝުންގެ ވިޔަފާރި ޤާފިލާއަށް ހުރަސްއެޅުމަށް ނިކުތީ، ޖުމްލަގޮތެއްގައި ޤުރައިޝުންގެ ވިޔަފާރި ޤާފިލާގައި ހިމެނޭ މުދަލަކީ މުސްލިމުން ސިއްރިއްޔާތުގައި ހިޖުރަކުރި އިރު އެމީހުން ދޫކޮށްފައި ދިޔަ މުދާކަމުގައިވާތީއެވެ.
އަދި ހަނގުރާމައާ ގުޅޭ ހުރިހާ ކަމެއް ބަޔާންކުރަން ނުޖެހޭނެކަމަށާއި، ކުރު ނުވަތަ ދިގުކުރުމަކީވެސް އޭނާގެ އަމިއްލަ އިޚްތިޔާރުގައި އޮތްކަމެއްކަމުގައި ބުނެ އެއްވެސް މީހަކަށް ލިޔުންތެރިއާއާ ގުޅޭގޮތުން ޢުޛުރެއް ނުދެއްކޭނެއެވެ.
މި ގޮތަށް މި އުފައްދާ ސުވާލުގެ ޖަވާބުގައި ބުނަންއޮތީ: އެއީ ޤަބޫލުކުރެވޭނެ ޢުޛުރެއް ނޫންކަމަށެވެ. އެއީ ލިޔުންތެރިޔާ މި ހަނގުރާމަޔާއި މިހަނގުރާމައާ ގުޅުންހުރި ކަންކަމުގެ ވާހަކަ ކުރިއަށް ގެންގޮސްފައިވާތީއެވެ. މިގޮތުން ޣަނީމާތަކުގެ ވާހަކައާއި އެ ޣަނީމާތައް މުސްލިމުން ބެހިގޮތުގެ ވާހަކަ ވަރަށް ދިގުކޮށް ދައްކާފައި ވެއެވެ. މިގޮތުން އެކަމުގައި މުސްލިމުންގެ މެދުގައި އަރާރުންވުމާއި މުސްލިމުން އެކަމަށް ދަހިވެތިކަން އޮތްވާހަކަ ބަޔާންކޮށްފައިވެއެވެ. ޣަނީމާއާ ގުޅޭގޮތުން ލިޔެފައިވާ ބައި، ފޮޅުވަތްގުނައިގެން އަހުރެން ބެލީމެވެ. މިގޮތަށް ބެލިބެލުމުން، ހަނގުރާމައާއި އޭގެ ނަތީޖާއާ ގުޅޭގޮތުން ދައްކާފައި ހުރި ވާހަކައިގެ ދެބައިކުޅަ އެއްބަޔަކަށްވުރެ ޣަނީމާއާ ބެހޭގޮތުން ދައްކާފައިހުރިވާހަކަ އިތުރުކަން ފާހަގަކުރެވުނެވެ.
ޢަސްކަރީ ކަންކަން ހުށަހެޅެނީ، އެކަމުގެ ހާލަތާއި، ވަށައިގެންވާ ކަން އެކަހެރިކުރުމަށްފަހު އޭގެ ޙަޤީޤީ ސަބަބުތައް އެއްކިބާކުރުމަށްފަހުގައެވެ. އޭގެ ނަތީޖާއަކަށް ވެގެންދަނީ، އިސްލާމީ ތާރީޚުގެ ޞޫރަ ހުތުރުވެ އިސްލާމީ ތާރީޚަށް ނުބައި ބަސްތައް ރައްދުވެގެން ދިއުމެވެ. (ނުނިމޭ)

