އިސްލާމީ ޝަރީޢަތް ދިރާސާކުރުމަށް ބޭނުންވާނެ އަސާސީ ކަންކަން (4)

ޤާނޫނީ ބާރުވެރިކަމުގައި އިހުއޮތް މަޤާމަށް އިސްލާމީ ޝަރީޢަތް އައުމަށް އަހަރެމެން މިކުރާ އުއްމީދު ހަގީގަތަކަށްވެދާނެ ސަބަބުތަކެއް ވަނީ ފެންނަންފަށާފައެވެ. އޭގެ ތެރޭގައި، ޝަރީޢަތް ދިރާސާކުރުމާއި، އޭގެ އުސޫލުތަކާއި ޤަވާޢިދުތަކާއި ޙުކުމްތައް ބަޔާންކުރުމާއި، މުޖްތަމަޢުގެ ބޭނުންތައް ފުއްދައިދިނުމަށް އައު ގޮތްތަކާއި ޒަމާނީ ފާޑުވެރިކަމާއި، ފަސޭހައިން ދޭހަވާ ބަހުރުވައަކުން ހުށަހެޅުމުގެ ކަންކަން އުފެދި ކުރިއަރާދިޔަތަން ފެނިގެން ދިއުން ހިމެނެއެވެ.[1] މި ބުނެވުނު ކުރިއެރުމުގެ އަސަރުތައް އުދަރެހުން ފާއްދާލައި، ދުވަހެއްދުވަހަކަށް އެކަންކަން އިތުރުވަމުންދާތީވެސް ފެނެއެވެ. މިގޮތުން އައި ކުރިއެރުމުގެތެރެއިން ނިކުތް ފުރިހަމަ ނަތީޖާގެ ނިޝާންތައް، މިޞްރާއި އެނޫންވެސް ތަންތަނުގެ ޢިލްމުވެރިން، އިސްލާމީ ޝަރީޢަތާއި އެޝަރީޢަތުގެ މަބާދިއުތަކާއި އޭގެ މަޤްޞަދުތައް ސާފުކޮށްދިނުމުގެގޮތުންނާއި، އެ ޝަރީޢަތްތަކާއި ޤާނޫނުތަކާ އަޅާކިޔާފައިވާ ދިރާސާތަކުން ފެނިގެން ގޮސްފައި ވެއެވެ. ހަމަ އެހެންމެ މިއައި ކުރިއެރުމުގައި ބައެއް ރަސްމީ މުއައްސަސާތަކުން ބައިވެރިވާކަން ފާހަގަކުރެވިގެންވެސް ގޮސްފައި ވެއެވެ. އޭގެ ތެރޭގައި، މިޞްރުގެ އަޥްޤާފުގެ މިނިސްޓްރީން، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލިހެއް އުފަންކުރިތަން ފެނިގެން ދިޔައެވެ. މި މަޖިލިހުގެ ބޭނުންތަކުގެ ތެރޭގައި، މީސްތަކުންނަށް މަންފާ ހޯދުމަށް ފަސޭހަވާނޭހެން، އިސްލާމީ ތަރިކަ ދިރުވައި، ޢިލްމީ ޞޫރައެއްގައި އެތަކެތި ނެރުމާއި، އިސްލާމީ އެކިއެކި ޢިލްމުތަކުގެ މައުސޫޢާ (އެންސައިކްލޮޕީޑިއާ) ތައް ނެރުން ހިމެނެއެވެ.[2] އަދިވެސް މިގޮތުން ކުރެވެމުން ދިޔަ މަސައްކަތްތަކުގެ ތެރޭގައި، ބަޣްދާދާއި މިޞްރާއި ޝާމުކަރައާއި މިނޫންވެސް ތަންތަނުގެ ޝަރީޢަތާއި ޤާނޫނުގެ ކުއްލިއްޔާތަކުން، އިސްލާމީ ޝަރީޢަތް ދިރާސާކުރުމަށް، ސަމާލުކަން ދެމުންދިޔަކަން ފާހަގަކުރެވެއެވެ. ނަމަވެސް މިބުނެވުނު ދިރާސާތަކަކީ އިސްލާމީ ޝަރީޢަތުގެ ބައެއް ދިމަދިމާއަށް ހުއްޓިފައިވާ ދިރާސާތަކެކެވެ.

ތަފާތު ޢިލްމުތައް އުނގެނުމުގައިވެސް ޢަމަލުކުރާ ބީދައިން، އިސްލާމީ ޝަރީޢަތް ދިރާސާކުރުމުގައި އެންމެ ފައިދާހުރި ގޮތަކީ ޢާންމު ތަމްހީދެއް، ނުވަތަ މުޤައްދިމާ އަކުން (އެބަހީ: އިސްލާމީ ޝަރީޢަތް ދިރާސާކުރުމަށް ބޭނުންވާނެ އަސާސީކަންކަމުން) ފަށައިގަތުމެވެ. ޤާނޫނާއި، އިޤްތިޞާދާއި، އިޖްތިމާޢީ ކަންކަމާއި، މިހެންގޮސް ކޮންމެ ޢިލްމެއްވެސް ދިރާސާކުރުމަށް ބޭނުންވާ އަސާސީ ކަންކަން ބަޔާންކުރާ މަދުޚަލެއް އޮވެއެވެ. މިއީ، މިޞްރުގެ ޤާނޫނީ ކުއްލިއްޔާތަކުގައި ވަރަށް ކުރިއްސުރެ ނިންމާފައިވާ ނިންމުމެކެވެ. އެއަށްފަހު ޢިރާޤުގެ ޤާނޫނީ ކުއްލިޔާގައިވެސް އަށެއްކަ އަހަރުންސުރެ ފެށިގެން މިކަމަށް ޢަމަލުކުރެވެމުން އައިސްފައިވެއެވެ. ޙަޤީޤަތަކީ، އިސްލާމީ ޝަރީޢަތް މިގޮތަށް ކިޔަވައިދިނުމަކީ ކިޔަވާ ދަރިވަރަށް ވަރަށް ފައިދާހުރިގޮތެކެވެ. އެއީ އިސްލާމީ ޝަރީޢަތާގުޅޭގޮތުން އޭގެ ޠަބީޢަތާއި އޭގައި ހިމެނޭ ޚާއްޞަ ސިފަތަކާއި ފުރިހަމަކަމާ މައިގަނޑު ވިސްނުމެއް ގެނެސްދޭނެތީއެވެ. ހަމަ އެހެންމެ އެ ޝަރީޢަތުގެ މަޞްދަރުތަކާއި، އެ ޝަރީޢަތްފެށިގެން އައިގޮތުގެ ތާރީޚާއި، އެޝަރީޢަތް ގެނެސްދީފައިވާ ޤާނޫނީ ނިޒާމާއި، އިސްލާމީ ތަޝްރީޢީ ކަންކަންމާގުޅޭ ޙަރަކާތްތައް ކަޑައްތުކޮށްފައިވާ މަރުޙަލާތަކާބެހޭގޮތުންވެސް ވަށާޖެހޭގޮތެއްގައި އެނގިގެންދާނެއެވެ. ބުނެވިދިޔަމަގުން ދަރިވަރަށް ކަންކަން ފުރިހަމަވެ، އަދި އެކަންކަން ފުރިހަމައަށް ދޭހަވެއްޖެނަމަ، ޝަރީޢަތުގެ މުޞްޠަލަޙުތަކާއި، އަސާސީ ވިސްނުންތައް ދަރިވަރަށް ރަނގަޅަށް އެނގޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝަރީޢަތް ފަހުމުވުމަށް ފަސޭހަވާނެއެވެ. އަދި ކުރަން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ބުރައެއް އުފުލުމެއް ދަތިކަމެއް ނެތި ޝަރީޢަތުގެ ތަފްޞީލުތައް ދިރާސާކުރުމުގެ އެންމެ ފުނަށް ވަދެވޭނެއެވެ.

މި މަދުޚަލު ދެބަޔަކަށް ބައިކުރުމަށް ގަސްދުކުރަމެވެ.

ފުރަތަމަ ބައި ޚާއްޞަކުރާނީ: އިސްލާމީ ޝަރީޢަތާއި އޭގެ ޚާއްޞަ ޞިފަތަކާއި، އިސްލާމީ ފިޤުހާއި އޭގެ ތާރީޚާއި އޭގެ މަދަރުސާތަކާއި މަޞްދަރުތައް ބަޔާންކުރުމަށެވެ. އޭގެ ކުރިން އިސްލާމް ދީން އައުމުގެ ކުރިން، ޢަރަބިންގެ އިޖުތިމާޢީ، އަދި ޤާނޫނީ ޙާލަތު އޮތްގޮތް ބަޔާންކުރާނަމެވެ.

ދެވަނަ ބައި ޚާއްޞަކުރާނީ: އިސްލާމީ ޝަރީޢަތް ގެނެސްފައިވާ ބައެއް ޤާނޫނީ ނިޒާމުތައް ދިރާސާކުރުމަށެވެ. މިސާލަކަށް މިލްކުވެރިކަމުގެ ނިޒާމު، ނުވަތަ މިލްކުވެރިކަމުގެ ނަޒަރިއްޔާ (ތިއަރީ) އާއި ޢަޤްދުކުރުމު ގެ ނިޒާމު، ނުވަތަ ޢަޤްދުކުރުމުގެ ނަޒަރިއްޔާއާއި، ޖަރީމާއާއި ޢުޤޫބާތުގެ ނަޒަރިއްޔާ ހިމެނެއެވެ. (ނުނިމޭ)

[1] ޑޮކްޓަރު السنهوري އޭނާގެ الوسيط في شرح القانون المدني المصري الجديد ގެ ޞަފްޙާ 18 ގެ ހާމިޝްގައި ވިދާޅުވެފައި ވެއެވެ: “އަހަރެމެންގެ މަދަނީ ޤާނޫނު އެމައްޗަށް ބިނާވާ އެންމެ ފުރަތަމަ އަސާސްކަމުގައި އިސްލާމީ ޝަރީޢަތް ބޭއްވުމަކީ، ކުރެވޭ އުއްމީދުތަކުގެ ތެރެއިން ވަރަށް މަތިވެރި އުއްމީދެއްކަމުގައި މެނުވީ ނުވެއެވެ. އެއީ ހިތުގައި ހިނގަހިނގާ ހުންނަ، ވަންހަނާކުރެވިފައިވާ އުއްމީދެކެވެ. ނަމަވެސް މިއުއްމީދު ޙަޤީޤަތަކަށްވުމުގެ ކުރިން، އިސްލާމީ ޝަރީޢަތުގެ އަލީގައި އެކި ޤާނޫނުތައް އަޅާކިއުމުގެ ވަރުގަދަ ޢިލްމީ ކުރިއެރުންތަކެއް ޤާއިމުވާންޖެހެއެވެ.”

[2] މިޞްރުގެ ވުޒާރަތުލް އަޥްޤާފުގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހުގެ ޤަވާޢިދު 1960 ގެ ޤަވާޢިދު ގެ ފަސްވަނަ މާއްދާގެ ޕެރެގްރާފް (د) އަދި (ز).

Scroll to Top