حاميها حراميها: މިއީ ކޮން މުނާސަބަތެއްގައި ބުނެއުޅޭ ބަހެއްހެއްޔެވެ؟

حَامِيْهَا حَرَامِيْهَا މިބަސް ޢާންމުކޮށް ބުނެއުޅެނީ، އަނިޔާލިބިފައިވާ މީހެއްގެ ޙައްޤު ހޯދުމަށްޓަކައި، އަނިޔާވެރިޔާގެ ގާތަށް ދާންޖެހޭ ޙާލަތުގައެވެ.

ޖަންގައްޔަކީ، ގަދަ އެއްޗަށް ގަދަގޮތް އޮންނަތަނެކެވެ. އެތަނުގައި ޙައްޤުގެ ބަހުރުވައަކީ ބާރެވެ. ނަމަވެސް އިންސާނާ މާތްކުރައްވާފައިވަނީ ބުއްދިއާއި ޟަމީރުގެ ސަބަބުންނެވެ. މި ބުނި ކަންކަމަކީ ޖަންގަލީގައި އުޅޭ މިނިކާ ޖަނަވާރާއި، ދޫނިސޫފާ ސޫފީގެ ކިބައިގައި ހުންނާނެކަމެއް ނޫނެވެ. މިހެންވެ އެތަނުގައި އޮންނަނީ ބާރުވެރިކަމުގެ މިނިވަންކަމެވެ. ޢަދުލުވެރިކަމެއް ނޫނެވެ.

އިންސާނުންގެ މުޖްތަމަޢެއްނަމަ ކުރިލިބެންވާނެ އެއްޗަކީ ބުއްދިއާއި ޟަމީރާއި މިދެކަމުން އުތުރިއަރާ އަޚްލާޤެވެ. މިބުނެވުނު ރިވެތި ހަމަ ނެތްނަމަ އިންސާނީ މުޖްތަމަޢުވެސް ޖަންގައްޔަކަށް ބަދަލުވެ އަޚްލާޤު ނެތި ހިނގައިދާނެއެވެ.

އޭރުން ބާރުވެރިކަމުގެ މިނިވަންކަން ލިބި ޢަދުލުވެރިކަން އެއްކިބާވެގެން ހިނގައިދާނެއެވެ. އޭރުން ނިކަމެތިންނަށް އަނިޔާލިބެންފަށާނެއެވެ. ޙައްޤު ހޯދަން ދުއްވައިގަންނަ އިރު އެތަނުގައި އިންނާނީ އަނިޔާވެރިވީމީހާއެވެ. އޭރުން އެ އަންނަނީ، حاميها حراميها  ގައި އެކުލެވިގެންވާ މާނައެވެ. “ޙިމާޔަތްކުރާމީހާއަކީ ޙަރާމީއެކެވެ.”

މިގޮތަށް ބުނެވޭ ކޮންމެ ބަހަކީ އިންސާނުން ތަޖުރިބާ ކޮށްފައިވާކަންކަން ކުރުކޮށް ސާދާކޮށް ބުނެދެވޭ ބަސްތަކެވެ. އެއީ އެތަކެއް ކަމެއް ދިމާވެގެން އޭގެ ޖުމްލަ ނަތީޖާއިން އުފެދޭ މުހާވިރާއެވެ. އެއީ ބުނެ ދޫކޮށްލެވޭ އާދައިގެ ބަހަކަށްވުރެ ބޮޑަށް، ފުންކޮށް ވިސްނަންޖެހޭ ބާވަތުގެ މިސާލުބެހެކެވެ.  

މިހަރުބަހަށް ވިސްނާއިރު، ޢާއިލާއެއްގައިވެސް، ޖަމާޢަތެއްގައިވެސް، މުއައްސަސާއެއްގައިވެސް، އެނޫންވެސް އިންސާނީ ޖަމާޢަތެއް ގައި ވަކިކަމަކަށް މީހަކު އިސްކުރާނަމަ އަޅުގަނޑުމެންނަށް އޮންނަ އިޚްތިޔާރު އަމާނާތްތެރިކަމާއެކު ބޭނުންކުރަން ދަސްކުރުމުގެ މުހިއްމުކަން އަންގައިދެއެވެ. ހެޔޮމަގަށް ކަންކަން ގެންދިއުމުގައި ތިމާ ހިއްސާވާގޮތާ މެދު ވިސްނުމަށް ބާރުއަޅައިދެއެވެ. މިނޫންވެސް މިބަހުން ދޭ އިރުޝާދާއި ހެޔޮނަސޭހަތާމެދު ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބްރަތްތަކެއް ވެއެވެ.

އިންސާނުން ކަންކަން ތަންފީޛުކުރުމުގެ ކުރިން، ކުރާކަމެއް ސިކުނޑީގައި ކުރަހާލައެވެ. އެއަށްފަހު އެ ތަންފީޛުކުރަންފަށައެވެ. އެއެއްޗަކުން ނިކުންނާނީ އެ އެއްޗެއްގައި ހުރި ދިޔައެކެވެ. މިހެންވެ، ކަންކަން ހަވާލުކުރާއިރު ހުރީ ކޮންދިޔައެއްތޯ ބަލަންޖެހެއެވެ. ނެތް ތާސީރެއް ނުނިކުންނާނެއެވެ. އިންސާނާގެ ކަރާމަތާއި ޢިއްޒަތާއި ފުށުއަރާމަގަށް ކަންކުރުމަކީ އިންސާނީ މުޖްތަމަޢު ފަނާވެ ނެތިހިނގައިދާނެކަމެކެވެ. އޭރުން އެއްކަލަ ޙަރާމީ ވެށި އުފެދޭނެއެވެ. އޭގެ ގެއްލުން ޚުދު ޙަރާމީންނަށްވެސް އޮންނާނެއެވެ.

އަޅުގަނޑުގެ ރައްޓެއްސަކު އެއްދުވަހެއްގައި ކިޔައިދިން ވާހަކައެކެވެ. ރާއްޖެއަށް އަލަށް އައި ޓުއަރިސްޓަކު މަގުމަތީގައި ހުއްޓައި އެތަނުން ދިޔަޓެކްސީއެއް މަޑުކޮށްލިއެވެ. ޓެކްސީ މަޑުކޮށްލުމާއެކު ޓުއަރިސްޓުމީހާ އޭނާއާ ސުވާލުކުރިއެވެ. މިވެނިތަނެއް ކޮބާހެއްޔެވެ؟ އޭނާ ބުންޏެވެ. ޓެކްސީއަށް އަރަނިކޮށް ގެންގޮސްދީފާނަމެވެ. ދެން ޓުއަރިސްޓުމީހާ ޓެކްސީއަށް އެރުމުން ޓެކްސީ ދުއްވަންފެށިއެވެ. ދެތިން މިނެޓްތެރޭގައި އެތަނަކަށް ގޮސް ޓެކްސީ ހުއްޓައިފިއެވެ. ހުއްޓީ ކޮންތާކަށް ހެއްޔެވެ؟ ޓުއަރިސްޓުމީހާ ޓެކްސީއަށް އެރިތަނަށެވެ.

ވިސްނާލަބަލާށެވެ! ބުއްދި ކޮބާހެއްޔެވެ؟ ޟަމީރު ކޮބާހެއްޔެވެ؟ އަޚުލާޤު ކޮބާހެއްޔެވެ؟ މިއިން މި ޙަރާމީއަށް ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟

ޝައްކެއްނެތެވެ. ވިސްނުމެއްނެތް، ހެޔޮޟަމީރެއްގެ ހަމައާ ޚިލާފަށް ކުޅަ މި ބޭއަދަބީ ކަމަކީ، އޭގެ ގެއްލުން ޚުދު އޭނާއަށް ފޯރާނެ ކަމެކެވެ. ކިހިނެއްހެއްޔެވެ؟ ޓެކްސީ ޑްރައިވަރަކީ މަސްއޫލިއްޔަތެއް އަދާކުރާ ފަރާތެކެވެ. ހަމަ އެކަނި އެއަށް އަރާ ފަރާތްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުން އޭނާގެ މަސްއޫލިއްޔަތު ފުރިހަމަވީއެއް ނޫނެވެ. އެއަށްވުރެ މާ މުޤައްދަސް ޒިންމާއެއް އޭނާގެ ކިބައިގައި އެބައޮތެވެ. އެއީ ޓެކްސީއަށް އަރާމީހާއަށް އަމާންކަން ލިބިގެންވާކަން ކަށަވަރުކޮށްދިނުމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ހުރިހާ މާނައެއްގައި ޙިމާޔަތްދިނުމެވެ. އޭނާގެ އަތުން ނުޙައްޤުން ފައިސާ އަތުލުމަކީ ޙިމާޔަތާ ރައްކާތެރިކަމާ ފުށުއަރާކަމެކެވެ.

މީގެ ނަތީޖާއަކީ ކޮބާހެއްޔެވެ؟ ދުނިޔެމަތީގެ ސުވަރުގެއެއްގެ ގޮތުގައި އޮންނަ މި ރާއްޖޭގެ ނަމާއި އަބުރު ކިލަނބުވުމެވެ. ނަން ހުތުރުވުމެވެ. މީހެއްގެ ނުވަތަ ޤައުމެއް އަބުރަކީ ވަރަށް މުހިއްމު އެއްޗެކެވެ. ފޭރޭ ވެއްޓެއްގެ ގޮތުގައި މެހެމާނުން ސިފަކޮށް އަމުދުން މިފަދަ ޒަމާނެއްގައި އެކި މަންސަ ތަކުގައި ލިޔެލާ އެއްޗަކީ މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރިގެންދާނެ އެއްޗެކެވެ. އަލިފާންކަންޏަކުން ބޮޑު އަލިފާންގަނޑަކަށް ބަދަލުވާފަދައިންނެވެ. އޭގެ އަސަރު މުޅި ޤައުމަށްކުރާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެއްކަލަ ޑްރައިވަރަށްވެސް އެ އަސަރުކުރާނެއެވެ. މިހެންވެ ޙިމާޔަތްކުރާމީހަކަށްވަމާތޯއެވެ!؟ ޙަރާމީއަކަށް ނުވަމާތޯއެވެ!؟

މިތަނުގައި މިސާލެއްގެ ގޮތުން ވަކި ހާދިސާއެއް ގެނެސްފައި އޮތަސް، އަދި އެ ހާދިސާއަކީ ވަކި ގިންތިއެއްގެ ބަޔަކަށް ނިސްބަތްވާ ކަމެއްކަމުގައިވިއަސް މިއީ ވަކި ގިންތިއަކަށް އަމާޒުކުރެވިފައިވާކަމެއް ނޫނެވެ. މިއީ ޢާންމުކޮށް މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ މީހަކަށްވެސް ނިސްބަތްވާ ނިސްބަތްވުމެކެވެ. ޤައުމުގެ އެކިފަންތީގެ ވެރިންނާއި، ފަނޑިޔާރުންނާއި ފުލުހުންނާއި، ސިފައިންނާއި މަސްއޫލިއްޔަތެއް އޮތް ކޮންމެ މީހަކަށެވެސް ނިސްބަތްވާނެއެވެ. މިއިން ފަރާތެއް ޙަރާމީއަކަށް ވެއްޖެނަމަ އެއްވެސް މީހަކަށް އަމާންކަމެއް ޙިމާޔަތެއް ނުއޮންނާނެއެވެ. (ނިމުނީ)

Scroll to Top