އިސްލާމީ ތާރީޚު ހުތުރުކޮށް އޮޅުވާލަމުން ދާކަން ހާމަވާ ގޮތްތައް
މިއީ، އިތުރު ދަލީލެއް ނުވަތަ ބަޔާނެ ބޭނުންވާ ކަމެއް ނޫނެވެ. އެކަން ޔަޤީންކުރަން ބޭނުންނަމަ، އަދި ތާރީޚު ހުތުރުކޮށް އޮޅުވާލުމުގެ މަލަމަތި ބަލަން ބޭނުންނަމަ މި ތާރީޚު ދިރާސާކުރާ މީހަކާ ސުވާލު ކޮށްލުން ފިޔަވައި އިތުރުކަމެއް ކުރާކަށް ނުޖެހޭނެއެވެ. އިބްތިދާއީ މަރުޙަލާއިން ފެށިގެން ޔުނިވަރސިޓި ތަޢުލީމާ ހަމައިން ކޮންމެ ފެންވަރެއްގެ މީހަކާ ސުވާލުކުރިއަސް ތާރީޚުގެ މަރުޙަލާތަކުގެ ތެރެއިން ކޮންމެ މަރުޙަލާއެއްގެ ސިފަ، ވަކިވަކި ކަލިމައިންނާއި ޖުމްލައިން ކުރަހާލަދޭނެއެވެ. ނުވަތަ ތާރީޚުގެ ތެރެއިން އެއްވެސް ދުވަސްވަރެއް ޚުލާޞާކޮށްދިނުމަށް އެދެފިނަމަ ތިބާގެ ހިތް ރޮއްވާލާފަދަ އަޑުތައް އިވެގެންދާނެއެވެ.
އަހުރެންގެ ދަރިވަރުންނާ ސުވާލުކޮށްގެން އަމިއްލައަށް މިކަން ތަޖުރިބާކުރީމެވެ. އަހުރެން ސުވާލުކުރީމެވެ: ޢުޘްމާނުގެ ފާނުގެ ޒަމާން އޮތްގޮތް ކުރުކޮށް ލިޔެލަދޭނީ ކޮން ކުއްޖެއްހެއްޔެވެ؟ ޖަވާބަކަށްވީ މިއެވެ. މިއީ ގާތްގަނޑަކަށް އެޖަވާބުގެ ޢިބާރާތް އޮތްގޮތެވެ. “މާތް ﷲ ރުއްސުންލެއްވި އެކަލޭގެފާނަކީ ޞާލިޙު ތަޤްވާވެރި ބޭކަލެކެވެ. އެކަމަކު އެކަލޭގެފާނަކީ މުސްކުޅިވެ ދުވަސްވެފައިވާ އެކަލޭގެފާނުގެ ކިބައިގައި ބަލިކަށިކަމެއް ހުރި ބޭކަލެކެވެ. އެކަލޭގެފާނުގެ ޢާއިލާއާއި ޤަބީލާއާ ގުޅޭ ކަންކަމުގައި ވަރަށް ބޮޑު ބަލިކަށިކަމެއް އެކަލޭގެފާނުގެ ކިބައިގައި ހުންނަކަމުގައި ވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުންނަށް ބިންކަނޑާ ދެއްވުމާއި، އަދި ޙައްޤު ނޫން ގޮތުގައި އެބައިމީހުން ވެރިކަމަށް އިސްކުރައްވާ ހެއްދެވިއެވެ. އަދި ދުނިޔޭގެ ދަހިވެތިކަން އެކަލޭގެފާނުގެ މައްޗަށް ވެރިވެފައި ވެއެވެ. މިގޮތުން މުސްލިމުންގެ މުދަލުގެ މައްޗަށް ވެރިވެގަންނަވާ އަރާމާއި ނިޢުމަތުގައި ގަނޑުވަރުތަކުގައި ދިރިއުޅުއްވިއެވެ” މިހެން އެ ދަރިވަރު ޖަވާބުދިނުމުން އޭނާގެ އެންމެހައި އެކުވެރިންވެސް އެއަށް އެއްބަސްވެ ތާއީދުކުރިއެވެ.
އަދި ދެވަނަ ތަޖުރިބާއަކީ އަހުރެން ދަރިވަރުންނާ މިއަންނަ ސުވާލުކުރި ހިނދު އެކުދިން ދިން ޖަވާބެވެ: އަހުރެންނަށް ހާރޫނުއްރަޝީދުގެ ދައުރު ޚުލާޞާ ކޮށްލަދޭނީ ކޮންކުއްޖެއްހެއްޔެވެ؟ އަހުރެން ހީކުރި ގޮތަށް ހުރިހާކުދިންގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. އެމީހުން ބުނާކަހަލައެވެ: މި މައުޟޫޢަށް ވާހަކަ ނުދައްކާ ވާނެގޮތެއް ހަދައިދޭށެވެ! އެއީ ދައްކަންހެޔޮނުވާ ވަރު ވާހަކަތައް ނުދައްކާ ވޭތޯ އެވެ !!
އިސްލާމީ ތާރީޚު ހުތުރުކޮށް އޮޅުވާލުމަކީ ޙަޤީޤަތުގައިވެސް ހިނގާފައިވާ ކަމެކެވެ. ދެކޮޅުހަދާމީހަކު ދެކޮޅު ހެދިނަމަވެސް، ތާރީޚާ ބެހޭ ކަންކަން ކިރިޔާ އެނގޭ މީހަކަށްވެސް، އެކަން ހިނގަމުންދާ ގޮތް، ދެއްކުމުގެ ބޭނުމެއްނެތް މިންވަރަށް ފާޅުކޮށް ފެންނާން ހުރެއެވެ. މީގެ މާނައަކީ، މިކަމަށް ދެކޮޅުހަދާމީހާ ހުރީ، އަޑުއެހި އެއްޗެއް ގަބޫލުކޮށް، ކީ އެއްޗެއް ތެދުކޮށް، ދައްކާފައިވާ ހުތުރު ސޫރައަކީ ޙަޤީޤަތްކަމަށް ޔަޤީންކޮށްގެންނެވެ.
ތާރީޚު އޮޅުވާލުމުގެ ވަސީލަތްތައް:
ފިކުރީ ހަނގުރާމައިގެ އެންމެހައި ހަމަލާތައް ފަދައިން، އިސްލާމީ ތާރީޚު ހުތުރުކޮށް އޮޅުވާލުމުގެ ކަންކަމަކީވެސް ވަރަށް ހަމަހިމޭންކޮށް ހިނގާ ކަންކަމެވެ. އަދި މީސްތަކުންގެ ހިތްތަކަށާއި ސިކުނޑިތަކަށް ވަދެގަތުމަށްޓަކައި ނިވާވެގެންތިބެ ހިންގާ ކަންކަމެވެ. އިސްލާމީ ތާރީޚު އޮޅުވާލުމުގެ ކަންކަމަކީ ވަކި އިމެއް މިނެއް އޮތް ކަންކަމެއް ނޫނެވެ. ނަމަވެސް އޭގެ މައިގަނޑު ނުކުތާތައް އަންނަނިވިފަދައިން ފާހަގަކުރެވިދާނެއެވެ:
ޢަސްކަރީ ކަންކަމަށް ސަމާލުކަން ދިނުން: ވަރަށް ގިނަފަހަރު، އިސްލާމީ ތާރީޚަކީ، ހަމައެކަނި ކީރިތި ރަސޫލާ ބައިވެރިވެވަޑައިގެން ހަނގުރާމަތަކާއި، ފުތޫޙާތުތަކާއި އެކިއެކި ހަނގުރާމަތަކާއި، ބަޠަލުންގެ ވާހަކަތަކުގެ ތާރީޚެއްގެ ގޮތުގައި ދައްކުވައިދެއެވެ. މިގޮތަށް ޢަމަލުކުރާއިރު، އިސްކަންދީފައިވަނީ ޢަސްކަރީ ކަންކަމަށެވެ. މިގޮތުން އެކަންކަން މަތިވެރިކޮށް ސަނާކިޔައެވެ. އަދި އެކިއެކި ޤުރުބާނީތަކާއި އާދަޔާޚިލާފު ކުޅަދާނަކަމާއި، ހުނަރުވެރި ޤިޔާދަތާއި، ހަނގުރާމައަށް ތައްޔާރުވުމުގެ ހުނަރުވެރިކަމުގެ ވާހަކަވެސް ދައްކައެވެ.
ބައެއް މީހުންނަށް މިއީ ރަނގަޅު ކަމެއްގެ ގޮތުގައި ފެނިދާނެއެވެ. އަދި އެހުށަހަޅައިދިނުންތަކަކީ ވަރަށް އަގުހުރި ހުށަހެޅުންތަކެއްގެ ގޮތުގައިވެސް ފެނިދާނެއެވެ. އޭގެ ސަބަބުން މީސްތަކުންގެ ކިބައިގައި ފޯރިއާއި ހިތްވަރު އުފައްދާ އިހުތިބިންނާއި އެފަރާތްތައް ހޯދާފައިވާ މަތިވެރި ކާމިޔާބުގެ ސަބަބުން ހިތްތައް ފުރިގެންދާ (މުޅި ދުނިޔެ ހާސްކޮށްލާ ބަލިކޮށްލާވަރުގެ) ކަމެއްގެ ގޮތުގައި ފާހަގަވެދާނެއެވެ. އަދި މިއީ އޭގެ ފަހަތުގައި ބޭނުމެއް އޮތް، އެދެވިގެންވާ ކަމެއްގެ ގޮތުގައިވެސް ފަހަރުގައި ޤަބޫލުކުރެވިދާނެއެވެ.
ނަމަވެސް އިސްލާމީ ތާރީޚު މިގޮތަށް ހުށަހެޅުމުގެ ނުރައްކާތެރިކަމަކީ، އިސްލާމްދީން ފެތުރުނީ ކަނޑީގެ ބާރުންކަމަށް ބުނާ މީހުންނަށް މަގުފަހިވެގެން ދިއުމެވެ. އަދި މިއީ އެތުހުމަތުތައް ރައްދުކުރުމަށް އަހަރެމެންގެ ދަރިން ނުކުޅެދޭ ކަމެއްކަމުގައިވެސް ވެގެން ހިނގައިދާނެކަމެކެވެ.
ނަމަވެސް މި ޖޯޝާއި ފޯރި ކެނޑި ދިއުމަށްފަހު، ކުރެވޭނެ އިހުސާސަކީ ޙަޟާރަތަށާއި އިންސާނިއްޔަތަށް އިސްލާމީ އުއްމަތް އެއްވެސްކަމެއް ކޮށްދީފައިނުވާކަމުގެ އިޙްސާސެވެ.
ތިބާ މިކަމުގެ ދަލީލަކަށް ބޭނުންވާނަމަ، އިބްތިދާއީ ނުވަތަ އިޢުދާދީ ނުވަތަ ޘާނަވީ މަދަރުސާއެއްގައި ނުވަތަ ޔުނިވަރސިޓީއެއްގައި އިސްލާމީ ތާރީޚު ކިޔަވައިދޭ ފޮތެއް ބަލައިލުން ފިޔަވައި އިތުރުކަމެއް ކުރާކަށް ނުޖެހޭނެއެވެ. ވަކިފޮތެއް އިޚުތިޔާރުކުރުމުގެ ގަސްދެއްނެތި ކުއްލިއަކަށް އަހަރެންގެ ކުރިމަތީގައި އޮތް ދެފޮތެއް ނެގީމެވެ. އެތަނުން އެއްފޮތަކީ، ޤާހިރާ ޔުނިވަރސިޓީގެ ކުއްލިއްޔަތުލް އާދާބުގެ އުސްތާޛެއްކަމުގައިވާ ޑޮކްޓަރ ޢަލީ އިބްރާހީމް ޙަސަން ލިޔުއްވާފައިވާ “التاريخ الإسلامي العام” އެވެ. އެނެއްފޮތަކީ ދިމިޝްޤުގެ ޔުނިވަރސިޓީގެ ކުއްލިއްޔަތުލްއާދާބު ގެ އުސްތާޛެއްކަމުގައިވާ ޑޮކްޓަރ ނަބީހް ޢާޤިލް ލިޔުއްވާފައިވާ “تاريخ العرب القديم وعصر الرسول” މިފޮތެވެ. މި ދެފޮތަކީވެސް ޔުނިވަރސިޓީގައި ކިޔަވައިދޭ ދެފޮތެވެ. ފުރަތަމަ ފޮތުގައި ޢަސްކަރީ ހަނގުރާމަތަކުގެ ވާހަކަ ދައްކާފައިވާ ޞަފްޙާތަކުގެ ނިސްބަތަކީ 18:82 އެވެ. މީގެ މާނައަކީ %80 ޞަފްޙާގައި ދައްކާފައިވަނީ، ޢަސްކަރީ ކަންކަމާ ގުޅޭ ވާހަކައެވެ. އަނެއް ވިހިޕަސެންޓުގައި ވާހަކަ ދައްކާފައިވަނީ އެހެނިހެން މައުޟޫތަކާ ބެހޭގޮތުންނެވެ. މިގޮތުން އޭގައި ހިމެނިފައިވަނީ، ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އުފަންވެވަޑައިގަތުމާއި، އެކަލޭގެފާނަށް ކިރުފޮދުއެރުވުމާއި، އެކަލޭގެފާނު ބޮޑުފުޅުވެވަޑައިގަތުމުން ފެށިގެން އަވަހާރަވުމާ ހަމައަށް ހިނގާދިޔަ ކަންކަމެވެ.
ދެވަނަ ފޮތަކީ، ކުރީފޮތަށްވުރެ ވަކި ހާލަތު ރަނގަޅު ފޮތެއް ނޫނެވެ. އޭގައި “محمد* في المدينة” (މުޙައްމަދު* މަދީނާގައި) މިސުރުޚީގެ ދަށުން (އެކަލޭގެފާނުގެ މައްޗަށް ކިޔެވޭ ޞަލަވާތް ހިމެނުމެއްނެތި) ފަޞްލެއް ހިމަނާފައިވެއެވެ. މި ފަޞްލުގައި ޖުމްލަ 117 ޞަފްޙާ ހިމެނިފައިވެއެވެ. ޢަސްކަރީ އަދި ހަނގުރާމައިގެ ކަންކަމާގުޅޭގޮތުން ގާތްގަނޑަކަށް ސަތޭކައެއްހާ ޞަފްޙާގައި ވާހަކަ ދައްކާފައި ވެއެވެ. (ނުނިމޭ)

