މިހުރިހާ ކަމެއް މިހެން ހުރިނަމަވެސް އަހަރެމެން ޤަބޫލުކުރަނީ، މުސްތަޤުބަލު އޮތީ އިސްލާމީ ޝަރީޢަތަށްކަމަށެވެ. އަދި އަންނަނިވި ސަބަބުތަކަށްޓަކައި، ދުރުނޫން މުސްތަޤްބަލެއްގައި ޤާނޫނީ ސިޔާދަތުވެސް އެ ޝަރީޢަތަށް ލިބިގެންދާނެކަމުގައި ޤަބޫލުކުރަމެވެ.
ފުރަތަމަ ކަމަކީ: މުސްލިމުންގެ ނަޒަރުގައި، އިސްލާމީ ޝަރީޢަތް ތަޠުބީޤުކުރުމަކީ، އެބައިމީހުންގެ ޢަޤީދާގެ ބައެއްކަމުގައި ވުމެވެ. މިހެންވެ އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ތަޠުބީޤުކުރުމަށް އެބައިމީހުން ނުހަނު ބޭނުންވެއެވެ. އަދި އެބައިމީހުންގެ ލިޔުންތެރިންނާއި ޢިލްމުވެރިންގެ ދޫތަކުން އެކަމަށް ގޮވައެވެ. އެބައިމީހުންގެ މި ގޮވާލުމުގައި، ޤާނޫނީ ކަންކަމާ ގުޅުންހުރި ފަރާތްތަކާއި ބުއްދީގެ އަހުލުވެރިންވެސް ބައިވެރިވާން ފަށާފައި ވެއެވެ. މީސްތަކުން އެދޭގޮތަށް ސަރުކާރުތަކުން އިޖާބަދޭނެކަމީ ބޮޑަށް ބެލެވޭ ގޮތެވެ.
ދެވަނަ ކަމަކީ: ޤާނޫނަކީ ކޮންމެ އުއްމަތެއްގެވެސް ޟަމީރުގެ ބައެއްކަމުގައާއި، އުއްމަތުގެ އުއްމީދުތައް ދައްކުވައިދޭ މަންޒަރެއްކަމުގައާއި، ޢަޤީދާއާއި މަޞްލަޙަތުގެ ޙިމާޔަތެއްކަމުގައި ބެލެވޭ އެއްޗެކެވެ. އަދި ޤާނޫނަކީ، އުއްމަތުގެ އާދަކާދައާއި މަތިވެރި އަޚްލާޤީ އަގުތަކާއި، ޙަޔާތުގެ އެކިއެކި ކަންކަމުގައި ވިސްނާގޮތާއި، އަދި މުސްތަޤުބަލާމެދު ކުރާ އުއްމީދާއި ޙާޞިލުކުރަން ބޭނުންވާ ކަންކަން އޭގެ އަލީގައި ހަމަޖެހިގެންދާ އެއްޗެއްކަމުގައިވެސް ބެލެވެއެވެ. ދެމިގެންދާ އަދި އުއްމަތުގެ ރުހުން އޮންނަ ޤާނޫނެއްކަމުގައި ވެގެންދާނީ، މިބުނެވުނު މާނަތަކާއި އެނޫންވެސް އެފަދަ މާނަތައް އޭގައި އެކުލެވޭ ޤާނޫނަކަށް ވެގެންނެވެ. އެންމެ ކުޑަމިނުން އިސްލާމީ ދައުލަތްތަކުގައި މިހުރިހާ މާނައެއް ފުރިހަމަކޮށްދޭނެ ހަމަ އެކަނި ޤާނޫނަކީ އިސްލާމީ ޝަރީޢަތެވެ. ބުނެވިދިޔަ ސަބަބުތަކަށްޓަކައި، އިސްލާމީ ޝަރީޢަތަކީ، އިސްލާމީ ޤައުމުތަކުގެ ޤާނޫނާއި، އެ ޤައުމުގައި ހެދޭ ހުރިހާ ޤާނޫނެއްގެ އަސާސްކަމުގައި ވެގެންދިއުމަކީ، ޠަބީޢީކަމެކެވެ. އަދި މިއީ ބުއްދީގެ ހަމައިން ބެލިއަސް، އަދި ކަންކަން ނިޔާކުރާ ގޮތާއި، އުއްމަތުގެ މަޞްލަޙަތަށް ބެލިއަސް އެކަން ހިނގާނެ މަގެވެ.
ތިންވަނަ ކަމަކީ: އިސްލާމީ ޝަރީޢަތަކީ -ދީނެއްކަމުގައި ވުމުގެ އިތުރުން- ކޮންމެ ޒަމާނަކަށް ކޮންމެ ތަނަކަށް ފެތޭގޮތަށް އައިސްފައވާ ޝަރީޢަތެކެވެ. އަދި މިއީ، މީސްތަކުންނަށް ދިމާވަމުންދާ ކަންކަމަށް ދަތިކަމެއް ނާންނަ، އަލަށް ދިމާވާ ހާލަތްތަކާއި، ކަންކަމާއި، އެބައިމީހުންގެ ޝަރުޢީ މަޞްލަޙަތުތައް ޙަޤީޤަތަކަށް ހަދައިދޭނެ ޝަރީޢަތެކެވެ. ޤާނޫނު ދިރާސާކުރާ ފަރާތްތަކުން މި ޙަޤީޤަތް ވަރަށް ރަނގަޅަށް ދެނެގަނެ، މިކަން ވަނީ ދަ ހޭގްގައި 1938 ގައި ބޭއްވުނު، “އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ކޮމްޕެރެޓިވް ލޯ” ގައި އިޢުލާނުވެސް ކޮށްފައެވެ. މިގޮތުން މި ކޮންފަރެންސްގައި ބައިވެރިވި ހުޅަނގުގެ ޤާނޫނީ ޢިލްމުވެރިންވަނީ، އިސްލާމީ ޝަރީޢަތަކީ، ތަޝްރީޢީ ޢާންމު މަޞްދަރުތަކުގެ ތެރެއިން މަޞްދަރެއްކަމަށާއި، އެއީ ދިރިހުރި، ހާލަތާއެއްގޮތަށް ބަދަލުއައުމުގެ ޤާބިލުކަންހުރި، ތަރައްޤީކުރެވޭނެ، އޭގެ ޛާތުގައި ޤާއިމުވެގެންވާ، އެހެން އެއްޗަކުން ނެގިފައިނުވާ ޝަރީޢަތެއްކަމަށް ނިންމާފައެވެ. ހަމަ އެހެންމެ 1948 ގައި ދަހޭގްގައި ބޭއްވުނު، ޤާނޫނީ ވަކީލުންގެ ކޮންފަރެންސްގައި އަންނަނިވި ނިންމުން ނިންމާފައި ވެއެވެ: “އިސްލާމީ ޤާނޫނުގައި ހިމެނޭ ބަދަލަށްފަހިކަމާއި، އޭގެ މުހިއްމު މަޤާމަށް އިޢުތިރާފުވާ ހާލު، ބައިނަލްއަޤްވާމީ ވަކީލުންގެ ޖަމްޢިއްޔާއިން ނިންމާފައިވަނީ، މިޝަރީޢަތް މުޤާރަނާކޮށް ދިރާސާކުރުމަކީ، އެ ޖަމްޢިއްޔާއިން ބަލައިގަނެ ހިތްވަރުދޭންޖެހޭ ކަމެއްކަމަށެވެ.”
ހުޅަނގުގެ ޢިލްމުވެރިން މިކަން ބަލައިގަނެ ބުނެފައިވާ ބުނުމަކީ، އަހަރެމެންގެ ޝަރީޢަތުގެ ޤާބިލުކަމާމެދު އަހަރެމެންގެ ހިތުގައި ޝައްކުކަމެއް އޮވެގެން ފާހަގަކުރިކަމެއް ނޫނެވެ. ނުވަތަ އެހެންބައެއްގެ ހެކިބަހަކަށް ބޭނުންޖެހިފައިވާތީ ފާހަގަކުރާކަމެއްވެސް ނުމެނޫންމެއެވެ. އަހަރެމެން މިކަން މި ބަޔާންކުރަނީ، ހަމައެކަނި ހިތްހަމަޖައްސާލުމަށްޓަކައެވެ. މިހެން ދަންނަވަންޖެހުނު ސަބަބަކީ، ޤާނޫނު ރަނގަޅުވަނީ އޭގެ ޛާތާއި ޠަބީޢަތާއި އޭގެ ޙުކުމްތަކާއި އޭގެ ނިޒާމުގެ ސަބަބުންނެވެ. ޘަނާ ކިޔާމީހެއްގެ ޘަނާއަކުން އަދި މަދަޙަކިޔާ މީހެއްގެ މަދަޙައަކުންވެސް ނުމެނޫންމެއެވެ. (ނުނިމޭ)

