ސަމާވީ ޝަރީޢަތްތައް ބާވާލެއްވުމުގެ މައިގަނޑު ސަބަބު ބިނާވެފައިވަނީ، ޚާލިޤުވަންތަކަމުގެ ފިކުރުގެ މައްޗަށެވެ: ކައުނާއި ކައުނުގައި ވާ އެންމެހައި މަޚްލޫޤުން މިލްކުވެވޮޑިގެންވަނީ މަތިވެރި ޚާލިޤަކަށެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެ ޙިކުމަތާއި، ރަޙްމަތާއި ރުބޫބިއްޔަތު ނިޔާކުރާކަންކަމުގެ ތެރޭގައި، ކޮންމެ މަޚްލޫޤަކަށްވެސް އެ މަޚްލޫޤަކަށް ބޭނުންވާ، އަދި އެ މަޚްލޫޤެއްގެ ޠަބީޢަތާ ގުޅޭ، އޭގެ ހާލަތު ރަނގަޅުކޮށްދޭނެ ކަންކަން ފަހިކޮށްދެއްވާ، އެ މަޚްލޫޤަކު އެކަމަކަށްޓަކައި އުފެއްދެވުނު ބޭނުން ފުރިހަމަކޮށްދެއްވުން ހިމެނެއެވެ.
އިންސާނާ އަކީ އެންމެ ފުރިހަމަ މަޚްލޫޤެވެ. އޭނާއަށް އޭނާގެ ޚާލިޤުވަންތަ އިލާހުގެ ކިބައިން ހިދާޔަތް ބޭނުންވާނެއެވެ. އަދި އޭނާއާ ކައުނާ އޮންނަ ގުޅުމަކީ ކޮބައިކަން އެފަރާތުގެ ކިބައިން އެނގެން ބޭނުންވާނެއެވެ. އަދި ހަމަ އެހެންމެ އޭނާ އުފެއްދެވުމުގެ މަޤްޞަދަކީ ކޮބައިކަންވެސް އެނގެން ބޭނުންވެއެވެ. އޭގެ އިތުރުން ދިރިއުޅުން ހިނގާނެ ގޮތާއި މުޖްތަމަޢުގައި ސުލޫކު ބަހައްޓާނެ ގޮތުގެ ބަޔާނެއް، ހެއްދެވި ފަރާތުން އެ އިންސާނާއަށް އެނގެން ބޭނުންވެއެވެ. ޙައްޤު މަގަކީ ކޮބައިކަން ބަޔާންކުރައްވާ އިރުޝާދެއް ދެއްވުމެއް ނެތި އަދި ސުލޫކީ ޤަވާޢިދުތައްވެސް ބަޔާންކޮށްދެއްވުމެއް ނެތި އިންސާނާ އިހުމާލުކޮށްލެވި ދޫކޮށްލެއްވުމަކީ ﷲ ގެ ޙިކުމަތާ ފުށުއަރާކަމެކެވެ. އަދި އެގޮތަށް ހީކުރާމީހާ އެހުރީ ބޮޑު ކުއްހީއެއްގެ މަތީގައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. (أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى) (القيامة: 36) “ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟” އެބަހީ: ޝާފިޢީގެފާނާއި އެނޫންވެސް ބޭކަލުން ވިދާޅުވެފައިވާފަދައިން އަމުރުކުރެއްވުމެއް ނަހީކުރެއްވުމެއް ނެތި ދޫކޮށްލެވޭނެ ކަމަށް ހީކުރަނީހެއްޔެވެ؟ އަމުރާއި ނަހީއަކީ ދިރިއުޅުމުގެ ސުލޫކީ މަންހަޖާއި، އިންސާނާއާ ގުޅޭ ތަފާތު ކަންކަން އިންތިޒާމުކުރަނިވި ޤަވާޢިދުތައް ބަޔާންކުރުން ފިޔަވާ ދެވަނަ އެހެންކަމެއް ނޫނެވެ. އަދި ޤާނޫނަކީވެސް އެއީއެވެ.
ހަމަކަށަވަރުން، ސަމާވީ ޝަރީޢަތްތަކުގައި ސިއްކަޖެހިގެންދިޔައީ، ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ މައްޗަށް ބާވާލައްވާ އެކަލޭގެފާނު މީސްތަކުންނަށް ފޯރުކޮށްދެއްވާފައިވާ ޝަރީޢަތުންނެވެ. އޭގެ ޙުކުމްތަކާއި އޭގެ ޤަވާޢިދުތައް އައިސްފައިވަނީ ޙަޔާތުގެ ހުރިހާކަމެއްގެ މައްޗަށް ޝާމިލުވެގެންވާގޮތެއްގައެވެ. އަދި ހުރިހާ ގުޅުންތަކެއް ތަރުތީބުކުރަނިވި ގޮތެއްގެ މައްޗަށެވެ. އެއީ މީސްތަކުންނާއި ވެރިރަސްކަލާނގެއާ ދެމެދު އޮންނަ ގުޅުމާއި، މީސްތަކުން އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުމާއި، ފަރުދުންނާއި ޖަމާޢަތާއި ދެމެދު އޮންނަ ގުޅުމާއި، އެއްޖަމާޢަތް އަނެއްޖަމާޢަތާއި އޮންނަ ގުޅުމެވެ. އިސްލާމީ ޝަރީޢަތަކީ، ޙަޤީޤަތުގައިވެސް ދީނާއި ދައުލަތް އެމައްޗަށް ބިނާވާގޮތަށް އޮތް ޝަރީޢަތެކެވެ. އިސްލާމީ މުޖްތަމަޢުގައި މި ޝަރީޢަތަށް މުޠުލަޤު ގޮތެއްގައި ޤާނޫނީ ސިޔާދަތު ލިބިގެން ދިޔަކަން ކަށަވަރެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި ޝަރީޢަތުގެ އަސާސުގެ މަތީގައި އިސްލާމީ ދައުލަތް ޤާއިމުވެގެން ދިޔައެވެ. އަދި މުޖްތަމަޢުގެ ކަންކަން އެ ޝަރީޢަތުގެ އުޞޫލުތަކާއި ޤަވާޢިދުތަކުގެ މަތީގައި ތަރުތީބުކުރެވުނެވެ. އިސްލާމީ ޙުކުމްތަކާއި އިސްލާމީ ނިޒާމާ އެއްގޮތަށް ފަރުދުންގެ ޙައްޤުތަކާއި ވާޖިބުތައް އެކަށައެޅިގެން ދިޔައެވެ. އަދި ޙަޔާތުގެ އެއްވެސްކަމެއް އެ ޝަރީޢަތުގެ ޙުކުމްތަކުން ބޭރުވެގެން ގޮސްފައެއް ނުވެއެވެ. އެ ޝަރީޢަތުގެ ސަބަބުން މީސްތަކުންނަށް ބާއްޖަވެރިކަން ލިބިގެންދިޔަކަން ކަށަވަރެވެ. އެ ބާއްޖަވެރިކަން، ﷲ ނިޔާކުރެއްވި ވަގުތަކާހަމައަށް ދެމިއޮތެވެ. އަދި އޭގެ ޙުކުމްތަކުގައި ހެވާއި ޢަދުލުވެރިކަން އެބައިމީހުން ދެކެފައި ވެއެވެ. އަދި އެބައިމީހުންގެ ޙައްޤުތަކާއި އެބައިމީހުންގެ ޝަރުޢީ މަޞްލަޙަތުތައްވެސް ޙިމާޔަތްވެގެންދިޔަތަން އެބައިމީހުން ދެކެފައިވެއެވެ. އެއަށްފަހު އިސްލާމީ ޝަރީޢަތް ތަޠުބީޤުކުރުން މަޑުމަޑުން ނެތެމުން ދިޔައެވެ. އަދި ދޫކުރުން ހެޔޮނުވާގޮތުގެ މަތިން މުސްލިމުން އިސްލާމީ ޝަރީޢަތް ދޫކޮށްލިއެވެ. އަދި ދިރިއުޅުމުގެ ޙަޤީޤަތްތަކާ އިސްލާމީ ޝަރީޢަތް އެކަހެރިކުރަމުންގޮސް ގިނަ އިސްލާމީ ޤައުމުތަކުގައި، އަޙްވާލުއްޝަޚްޞިއްޔާގެ ޙުކުމްތަކާއި، މަދު މަދަނީ މުޢާމަލާތެއްގައި ފިޔަވައި، އިސްލާމީ ޝަރީޢަތް ތަޠުބީޤުރުން އެއްކޮށް ހުއްޓާލިއެވެ.1
ޝައްކެއް ނެތްގޮތުގައި އިސްލާމީ ޝަރީޢަތާ ގުޅުންހުރި ކަންކަން މި ނަތީޖާއާހަމައަށް ދިޔުމަށް މެދުވެރިވި ކަންކަމާއި ސަބަބުތައް ވަރަށް ގިނައެވެ. މިއީ އޭގެ ތަފްޞީލުތައް ބަޔާންކުރުމުގެ މަޤާމެއް ނޫނެވެ. (ނުނިމޭ)
- ބައެއް ތަފްޞީލީ މައްސަލަތަކުގައި އިސްލާމީ ޝަރީޢަތުން ނަގާފައިވާ ޙުކުމްތައް ފިޔަވައެވެ. މިބާވަތުގެ ޙުކުމްތަކުގެ ތެރޭގައި، މަރުބަލީގައި އޮންނަ މީހާ ވިއްކާވިއްކުން، އަހުލިއްޔަތާއި ޝުފްޢާއާއި، އީޖާރާއި ވަޤުފާއި މިނޫންވެސް ކަންކަމާގުޅޭ ޙުކުމްތަކެމެވެ. ޢިރާޤުގައިވެސް ޢިރާޤުގެ މަދަނީ ޤާނޫނުވެސް ގޮސްފައިވަނީ، މިޞްރުގެ މަދަނީ ޤާނޫނު ދިޔަ މަގުންނެވެ. މިގޮތުން ފުރަތަމަ މާއްދާގެ ދެވަނަ ފިޤްރާގައިވަނީ: “ތަޠުބީޤުކުރެވޭނެ ޝަރީޢީ ނައްޞެއް ނެތްނަމަ، ކޯޓުން ޙުކުމްކުރާނީ ޢުރުފާ އެއްގޮތަށެވެ. އަދި އެކަމެއްގައި ޢުރުފެއްނަމަ ވަކި މަޛުހަބަކަށް ބެލުމެއްނެތި ޤާނޫނުގެ ނައްޞުތަކާ އެންމެ ގުޅޭ އިސްލާމީ ޝަރީޢަތުގެ ހަމަތަކާ އެއްގޮތަށެވެ. އެފަދަ ނައްޞެއް ނެތްނަމަ ޢަދާލަތުގެ ހަމަތަކާ އެއްގޮތަށެވެ. އަދި އެ ޤާނޫނުގައި ބަޔާންވެފައިވާ ޝުފުޢާފަދަ އަހުލިއްޔަތު ފަދަ އަދި އެނޫންވެސް ބައެއް ޙުކުމްތަކަކީ އިސްލާމީ ޝަރީޢަތުގެ ތަފާތު މަޛުހަބުތަކުންނާއި، މަޖައްލަތުލް އަޙްކާމުލް ޢަދުލިއްޔާއިންނާއި، ޢިރާޤުގެ ކުރީގެ މަދަނީ ޤާނޫނާއި ހަނަފީ މަޛުބުން ނަގާ ތަޤްނީނުކޮށްފައިވާ މާއްދާތަކެވެ. މިޞްރާއި ޢިރާޤުގެ ޤާނޫނަށް ފުންކޮށް ބަލައިފިނަމަ މިޞްރަށްވުރެ ބޮޑަށް ޢިރާޤުން އިސްލާމީ ޝަރީޢާގެ ޙުކުމްތައް ގިނައިން ނަގާފައިވާތީ ފެންނާނެއެވެ. ↩︎

