ކޮންމެ އުއްމަތެއްގެ ތާރީޚަކީ، އެ އުއްމަތެއްގެ މުސްތަޤްބަލުގެ އަލިކަމާއި، މިހާރުގެ ފަޚުރުކަމުގައިވާނަމަ، އިސްލާމް ދީނުގެ ތާރީޚަކީ މިހުރިހާ ކަމަކަށްވުރެ މަތިވެރި، އަދި އެހެން ހުރިހާ ތާރީޚަކަށްވުރެ އޭގެ ނުރައްކާތެރިކަން ބޮޑު ތާރީޚެކެވެ. އޭގެ ސަބަބަކީ، ޙަޤީޤަތުގައި އިސްލާމީ ތާރީޚަކީ އިސްލާމް ދީން ޢަމަލީގޮތުން ތަޠުބީޤު ކުރުންކަމުގައި ވާތީއެވެ. ވީމާ، އިސްލާމީ ތާރީޚަކީ އިސްލާމްދީން ތަޠުބީޤުކުރެވި ތަންފީޛުކުރެވިފައިވާ ގޮތެވެ. ކީރިތިޤުރުއާނާއި ސައްޙަ ސުންނަތަކީ އިސްލާމް ދީނުގެ ޝަރީޢަތާއި އިސްލާމީ ހިދާޔަތްކަމުގައިވާނަމަ، ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ޙަޔާތްޕުޅާއި، އެކަލޭގެފާނަށް ފަހު އައި އެކަލޭގެފާނުގެ އަޞްޙާބުންނާއި މުސްލިމުންގެ ޙަޔާތަކީ އިސްލާމްދީން ތަޠުބީޤުކުރެވި ތަންފީޛުކުރެވިގެން އައި ގޮތެވެ. ފުރަތަމަ ޤަރުނުތަކުގައި އުޅުނު މުސްލިމުންނާއި އިސްލާމްދީނާ ވަކިކުރަން ތިބާ އުޅެފިނަމަ، ތިބާ ތިޔަވަނީ ދެކަމެއްގެ ދެމެދުގައެއެވެ. ދެކަމަކީވެސް ނުރައްކާތެރި ދެކަމެވެ. ނުރައްކާތެރިކަމެކޭ ބުނެލައި ދޫކޮށްލާވަރަށްވުރެވެސް މާ ނުރައްކާތެރިކަމެކެވެ.
އަހަރެން ދެކޭގޮތުގައި މި ނުރައްކާތެރިކަމަކީ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެކެވެ. އެއީ ދެ ދިމާލަކުން ފެންނަން އޮތް ކަމެކެވެ:
ހ – އިސްލާމްދީނުގެ ސޫރަ އޭގެ ޛާތުގައި ހުތުރުކޮށްލުން: އެގޮތުން، އިސްލާމްދީން ތަންފީޛު ކުރުމާއި، މީސްތަކުންނާ ގުޅުންހުރި ދުނިޔެވީ ކަންކަމުގެ ސިޔާސަތު ހިންގާ އެމީހުންގެ ވެރިކަން ހިންގުމަށް ނުކުޅެދިގެންވާކަން ދައްކުވައިދެއެވެ. އިސްލާމް ދީނާ ދެކޮޅު މީހަކަށް މިހެންވެސް ބުނެވިދާނެއެވެ. އިންސާނިއްޔަތު ދުށް އެންމެ މަތިވެރި އެންމެ މާތް އުޞޫލުތަކާއި ހިދާޔަތާއި ޝަރީޢަތަކީ އިސްލާމްދީން ގެނެސްދިން ކަންކަމެވެ. ނަމަވެސް އެއީ އިންސާނުންނަށް އުފުލައިގަތުމަށް ކުޅަދާނަވެގެން ނުވާ، ރައްބާނީ މަންހަޖެކެވެ. އެހެންނޫންކަމަށްވާނަމަ، ޢުޘްމާނުގެފާނުގެ ޒަމާނުގެ ކުރިންކަމުގައި ނުވިއަސް، ޢުޘްމާނުގެފާނުގެ ޒަމާނުން ފެށިގެން، އިސްލާމްދީނަށް ޢަމަލުކުރެއްވުމުގައި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ އަޞްޙާބުން އަމިއްލަފުޅަށް ނުކުޅެދިގެންވުން ތަފްސީރުކުރާނީ ކިހިނަކުންހެއްޔެވެ؟ މިގޮތަށް ތާރީޚު ހުތުރުކުރެވެންދެން އަހަރެމެން އަޅާނުލައި ދޫކޮށްލައިގެން ތިބޭހިނދު، އެތިބެވެނީ ދެކޮޅުވެރިންނާއި އިންކާރުކުރާމީހުންނަށް މިފަދަ ބަސްބުނުމުގެ ފުރުޞަތު ދީގެންނެވެ.
ށ – ތަބާވެވޭ ނަމޫނާއާއި ރިވެތި މިސާލު ނެތިކޮލުން: އިސްލާމް ދީން، ދީނާއި ދައުލަތުގެ ގޮތުގައި އަދި ޢަޤީދާއާއި ޝަރީޢަތެއްގެ ގޮތުގައި ތަޠުބީޤުކުރުމަށް ގޮވާލާ ފަރާތްތަކުން ގޮވާލުމާއެކު މި ސުވާލުކުރާނެ މީހުން ތިބޭނެއެވެ: އިސްލާމްދީން ތަޠުބީޤުކުރާނީ ކޮންނިޒާމެއްގެ މައްޗަށްހެއްޔެވެ؟ ކޮން ގޮތަކަށްހެއްޔެވެ؟ މިވެނި އެވެނިހެން ޢަމަލުކުރި އުމަވީ ނަމޫނާގެ މައްޗަށްހެއްޔެވެ؟ ނުވަތަ ޢައްބާސީ ނަމޫނާގެ މައްޗަށް ހެއްޔެވެ؟ ނުވަތަ ޢުޘްމާނީ ނަމޫނާގެ މައްޗަށް ހެއްޔެވެ.. ؟ ؟
ޚުލަފާއުއްރާޝިދީން ގެ ނަމޫނާގެ މައްޗަށްކަމުގައި ބުނެފިނަމަ އެމީހުން ބުނާނެތެވެ: އެތަކެއް ފިތުނަވެރިކަމެއް އުއްމަތަށް ގެނެސްގަތް (މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި) ޢުޘްމާނު ބިން ޢައްފާނުގެ ނަމޫނާގެ މައްޗަށް ހެއްޔެވެ؟ (މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި) ޢުމަރުގެފާނު ނަމޫނާގެ މައްޗަށް ކަމުގައި ބުނެފިނަމަ އެކަމާ ދެކޮޅު ނުހަދަފާނެއެވެ. އެކަމަކު އެމީހުން ބުނާނެއެވެ. އެއީ ދިގުދެމިގެން ގޮސްފައި ނުވާ ޚާއްޞަ ޙާލަތެކެވެ. އެކަންވަނީ ޢުމަރުގެފާނު ޝަހީދުކޮށްލެވުމާއެކު ނިމިގޮސްފައެވެ. ދެން އެބައިމީހުން ބުނާނެއެވެ. ކުރުމުއްދަތެއްގެ ތެރޭގައި ވެއްޓިގެން ދާ ނިޒާމަކީ ނިޒާމެއްހެއްޔެވެ؟
އިސްލާމްދީނުގެ ދުޝްމަނުން ބުނަނީ މިފަދައިންނެވެ. އަނެއްކޮޅުން، ކޮމިޔުނިޒަމަށް ވަކާލާތުކުރާމީހުންނަށް ފެންނަނީ އެމީހުން އެގޮވާލާ ނަމޫނާއެވެ. އަދި ސީޒަރުންގެ ޒަމާނުގެ އަނދިރިކަމުން ބާރުވެރިކަމާއި ސިޔާދަތުގެ ޒަމާނަށް ރަޝިޔާ ގެނެވުނު ގޮތާއި، ދުނިޔޭގެ ދެބައިކުޅަ އެއްބައި ގެ މައްޗަށް ވެރިކަން ހިންގުމުގައި އެމީހުން ބައިވެރިވި ގޮތެވެ.
އަދި ކެޕިޓަލިޒަމަށް ވަކާލާތުކުރާ މީހުންނަށް ފެންނަނީ އެބައިމީހުން އެކަމަކަށް ގޮވާލާ ކަންތައް، މިނިވަން ދުނިޔޭގެ ލީޑަރުންކަމުގައިވާ އެމެރިކާގައި އޮތް ގޮތެވެ. އަދި ލިބަރަލިޒަމް އަށް ގޮވާލާ މީހުންނަށް ފެންނަނީ، މިނިވަންކަމާއި ޑިމޮކްރަސީގެ ނަމޫނާ އިނގިރޭސިވިލާތުގައި އޮތް ގޮތެވެ. އަދި ދެންވެސް ހުރި ނިޒާމު ތަކުގެ ވާހަކަ މިބީދައިން ދައްކައެވެ..
އަހަރެމެން މިހެން މި ބުނަނީ، އިސްލާމީ ތާރީޚު އޮޅުވާލުމާބެހޭގޮތުން ވާހަކަ ދެއްކުމާއި، އެ ތާރީޚު އަލުން ލިޔުމުގެ ބޭނުންތެރިކަމުގެ ވާހަކައަކީ، ބޭކާރުގޮތެއްގައި ދައްކާ ވާހަކައެއް ނޫންކަން ކަށަވަރުކޮށްދިނުމަށްޓަކައެވެ. އޭގެ ބަދަލުގައި އެއީ އަހަރެމެންގެ ވުޖޫދާއި، އަހަރެމެންގެ ޢަޤީދާއާއި ދީނުގެ ޖައުހަރާ ގުޅިފައިވާ ކަމެކެވެ. އަދި އަހަރެމެން ވުޖޫދުގައި ތިބުމާއި ނުތިބުމާއި ގުޅިފައިވާ ކަމެކެވެ. (ނުނިމޭ)

