އިސްލާމީތާރީޚާމެދު އާނަޒަރަކުން (2): (މުޞްޠަލަޙުތަކާނުލައި ތާރީޚު މާނަކުރުން)

ތާރީޚުގެ މާނަ:

އަހަރެމެންގެ ތާރީޚު ގެ ނަން ހުތުރުކޮށް އޮޅުވާލުމަށް ކުރާ މަސައްކަތާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ކުރީގައި ތާރީޚުގެ މާނައާއި އޭގެ މަފްހޫމު ގެނެސްދިނުމަކީ މުނާސަބު ކަމެކެވެ.

ހުޅަނގުގެ މުޞްޠަލަޙުތަކާއި، ނުސާފު ޢިބާރާތްތަކުން އެއްކިބާވެ، ތާރީޚަކީ ކޮބައިކަން އަންނަނިވި ގޮތަށް ބުނެވިދާނެއެވެ: ތާރީޚަކީ މަޢުލޫމާތު ތަކަކާއި ހާދިސާތަކެއް ލިޔެވި، ޖަމާކުރެވިފައި އޮންނަ ފަތްފުށެއް ނޫނެވެ. އެހެންކަމަށްވާނަމަ އެވާނީ މުނިފޫހިފިލުވުމަށާއި، ފަޚުރުވެރިވުމުގެ ގޮތުން މާޟީގައި ހިނގާދިޔަކަމެއް ޞޫރަވާގޮތަށް ކުރެވޭ ތަކުރާރުކުރުމަކަށެވެ. އޭރުން އެ ދިރާސާކުރުމުގެ ބޭނުމެއް ނުއޮންނާނެއެވެ. އަދި ޙައްޤަށް ވަކާލާތުކުރާ ފަރާތްތަކަށާއި ތަރުބިޔަތުގެ މައިދާނުގައި އުޅޭ މީހުން އެކަމަށް އަހައްމިއްޔަތެއް ދިނުމާއި، އެކަމަށް ޢިނާޔަތްތެރިވުމާއި އެކަންކަމުގެ ޙަޤީޤަތް ހާމަކުރުމަކީވެސް ކޮންމެހެން ބޭނުންކަމެއް ނޫނެވެ. އިސްލާމީ ބޮޑު މުފައްކިރެއްކަމުގައިވާ އައްސައްޔިދު އަބުލްޙަސަން އައްނަދްވީ ވިދާޅުވެފައިވެއެވެ: ތާރީޚީ ފޮތްތަކުން އެކިއެކި ވާހަކަތަކާއި ހާދިސާތައް ކިޔަވައިދިނުން އިތުރުކުރަންޖެހެއެވެ. ޢިލްމީ މަޒްމޫނުތަކާއި މަންޠިޤާއި ހެކިތަކުން ނުކުރާ އަސަރު ހާދިސާތަކާއި ވާހަކަތަކުން ކުރެއެވެ. (نحو التربية الإسلامية ص 16)

ތާރީޚަކީ ހާދިސާތަކެއްގެ ފަތްފުށްތަކެއްކަމުގައި ނުވާނަމަ، އަދި މަޢުލޫމާތުގެ އަރްޝީފެއްކަމުގައި ނުވާނަމަ، ފަހެ ތާރީޚަކީ ކޮބައިހެއްޔެވެ؟

ޙަޤީޤަތުގައި ތާރީޚަކީ ‘ހަމައެކަނި ޙާދިޘާތަކެއް’ ނޫނެވެ. އަދި އެ ޙާދިޘާތައް ބަޔާންކޮށް ބާބުތަކަކަށް ބަހާލުމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި އެއީ މި ޙާދިޘާތައް ތަފްސީރުކުރުމެވެ. އަދި މި ޙާދިޘާތަކުގެ ވަކިވަކި ބައިތައް އެއްކޮށްލާ، މި ހާދިސާތަކުގެ މެދުގައި އޮންނަ އެތެރެފުށާއި ބޭރުފުށުގެ ގުޅުންތައް ދެނެގަތުމެވެ. އަދި އޭގެ ބޮޅުތައް އެކަތި އެނެކައްޗާއި ގުޅި އެކަތި ގަނޑެއްގެ ގޮތުގައި ބެލުމެވެ. އޭގެ ވަކިވަކި ބައިތައް އެކަތި އަނެކައްޗަށް ރައްދުކުރެވިގެން ދިއުމެވެ. ވަގުތާއި ވެއްޓާ އެކުގައި ގުޅި ލާމެހިގެންދާ އެއްޗެއްކަމުގައި ބެލުމެވެ. އެއީ ދިރުންހުރި އެއްޗަކާއި ވަގުތާއި ތަނާއި ދެމެދު އޮންނަ ގުޅުން ދެމިގެންދާ ފަދައިންނެވެ. (ސައްޔިދު ޤުޠުބު: في التاريخ : فكرة ومنهاج 37)

މިޒަމާނުގެ މުފައްކިރެއްކަމުގައިވާ ޑރ. ރުޝްދީ ފައްކާރު ވިދާޅުވެފައި ވެއެވެ: “މާޒީގައި ހިނގާފައިވާކަންކަމުގެ މައްޗަށް ފުރިހަމަ އެނގުމެއް އެނގިފައި ނެތުމަކީ، ތިނެސްކަން ބައްޓަމެއްގެ މިން ނޭނގޭ ފަޅިއެވެ. ތާރީޚު ޢިލްމުވެރިން އެމީހުންނަށް ފެންނަގޮތަކަށް ފާޅުކޮށްފައި ހުންނަ ޚިޔާލުތަކާމެދު ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ. އަދި އެމީހުން ލިޔެފައިވާ ތަކެތި، ރަނގަޅަށް ހޯދާ ބަލަން ޖެހެއެވެ. އެއަށްފަހު އޭގެ ޞައްޙަކަން ކަށަވަރުވެ ސާބިތުވެފައިވާ ހާދިސާތަކާއި ކަންކަން ތަޙުލީލުކުރުމާއި، ދިރާސާކުރުމާއި، ތާރީޚީ ފަލްސަފާގެ ތިލަފަތަށް ހުށަހަޅަންޖެހެއެވެ. އަދި ވަކިފަރާތަކަށް ބުރަނުވެ ކުރާ މައުޟޫޢީ ދިރާސާގެ ތެރެއިން އަހަރެމެންގެ މުސްތަޤްބަލާމެދުގައި ޔަޤީންކަން ދެނިވި ބޮޑު ޤާބިލުކަމެއް ލިބިގެންދިއުމުގެ މަގު ފަހިވުމަކީ އެކަށީގެންވާ ކަމެކެވެ. (މިއީ الإنسان العربي بين التأزم والانطلاق، މިސުރުޚީގެ ދަށުން ދެއްވާފައިވާ މުޙާޟަރާއެކެވެ.)  

ދަތި އުނދަގޫ ޙާލަތްތަކާއި މުޞީބާތްތަކާއި ކުރިމަތިވާއިރު، އުއްމަތްތަކުން އޭގެ ތާރީޚަށް ރުޖޫޢަވެ ޢިބްރަތާއި ނަޞޭޙަތް ލިބިގަތުމާއި އެއިން ހާޒިރާއި މުސްތަޤްބަލަށް އަލިކަމެއް ހޯދުމަށް އަވަސްވެގަންނަނީ ތާރީޚަށް ދީފައިވާ މި މަފްހޫމުގެ ތެރެއިންނެވެ.

މިމާނައިގައި ތާރީޚަކީ މާޒީގެ ޢިލްމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ހާޒިރާއި މުސްތަޤްބަލުގެ ޢިލްމެކެވެ. އަހަމެންގެ ތާރީޚު ގެ އަސަރުތައް ފުހެލައި އޭގެ ސިފަހުތުރުކޮށް އޮޅުވާލުމަށް އަހަރެމެންގެ ޢަދުއްވުން އެހާބޮޑަށް ދަހިވެތިވާ ސަބަބަކީވެސް، މިހާރު އޮޅުވާލުމާއި، މުސްތަޤްބަލަށް ދާން އޮތް މަގު ނެތިކޮށްލުމަށެވެ. (ނުނިމޭ)

Scroll to Top