ސުވާލު: ޢަރަފާތްދުވަހު ކިޔުމަށް ވާރިދުވެފައިވާ ވަކި ޚާއްޞަ ޛިކުރުތަކެއް ހުރޭހެއްޔެވެ؟
ޖަވާބު: ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. ސަލާމާއި ޞަލަވާތްލެއްވުން އެދި ދުޢާކުރަނީ އެކަލާނގެ ރަސޫލާއަށެވެ. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަމެވެ.
ޢަރާފާތުގައި ހުންނަ ހުރުމުގައި ގަދައަޅާ، އިޚްލާޞްތެރިކަމާއެކު ދުޢާކުރުމަކީ ކޮންމެ މުސްލިމަކުމެ ޚާއްޞަ ސަމާލުކަމެއްދީގެން ކުރަންޖެހޭ ކަމެކެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ދުޢާއާއި އެނޫންދުޢާވެސް ކުރެވިދާނެއެވެ. އެންމެ އިތުރުކަން ބޮޑު ދުޢާއަކީ ޢަރަފާތްދުވަހުގެ ދުޢާކަމުގައި އެއްރިވާޔަތަށްވުރެ ގިނަ ރިވާޔަތުގައި އައިސްފައި ވެއެވެ.
މިގޮތުން އަލްއިމާމުއްތިރްމިޛީ އެކަލޭގެފާނުގެ ސުނަނުގައި ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ: (خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ) އެންމެ ހެޔޮދުޢާއަކީ ޢަރަފާތްދުވަހުގެ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އިހަށް ވަޑައިގެން ނަބިއްޔުން ކިޔުއްވި އެންމެ ހެޔޮ އެއްޗަކީ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މިއެވެ. މީގެ މުރާދަކީ، “ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް ބައިވެރިޔަކު ނުވާ، އެއްކައުވަންތަ ރަސްކަލާނގެއެވެ. ހުރިހާ ވެރިކަމަކާއި ޙަމްދެއް މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ.”
އައްތިރްމިޛީ ޝަރަޙައެއްކަމުގައިވާ تحفة الأحوذي ގައި المباركفوري މި ޙަދީޘް ޝަރަޙަކުރައްވަމުން ވިދާޅުވެފައި ވެއެވެ. “މިޙަދީޘުގެ ޢިބާރާތުން ކޮންމެހެން لا إله إلا الله.. މި ދުޢާ ކިޔުން ލާޒިމު ނޫންކަން އޮޅުމެއްނެތި އެނގެއެވެ. އަދި އޭގެ ބަދަލުގައި އެންމެ ހެޔޮ ދުޢާގެ މުރާދަކީ ޢަރަފާތްދުވަހު ކިޔާ ދުޢާކަން އެނގެއެވެ. އެއީ ކޮންމެ ދުޢާއެއްކަމުގައި ވިއަސް މެއެވެ. ތިމަންކަލޭގެފާނު ކިއުއްވި އެންމެ ހެޔޮ އެއްޗެއްކަމުގައި ޙަދީޘް ކުރެއްވި ކުރެއްވުމުގައި އިޝާރާތްކުރައްވާފައި އެވަނީ، ދުޢާ ފިޔަވައި އެހެން ޛިކުރަކަށެވެ. ތިމަންކަލޭގެފާނު ވިދާޅުވި އެއްޗެއްގެ މާނައަކީ، ‘ތިމަންކަލޭގެފާނު ކިއުއްވި ދުޢާ’ ކަމުގައި ހެދުމުގެ މާނައެއް ނެތެވެ. ފަހަރުގައި މި ޛިކުރަކީ ދުޢާކިއުމުގެ ކުރިން ﷲ އަށް ޘަނާކިއުން މުސްތަޙައްބުވެގެންވާތީ، އެދުޢާތައް ފެށުމުގެ ކުރިން ކިޔާ އެއްޗެއްގެ ގޮތުގައި ވުންވެސް އެކަށީގެންވެއެވެ.”
މިހެން މިކަން އޮތުމުން އިތުރަށް އޮޅުބޮޅުން އިތުރުކުރުމަކަށް ދުޢާތަކެއްގެ ވާހަކައެއް ނުދައްކާނަމެވެ. ނަމަވެސް މިދުވަހު ރަސޫލާ ކިޔުއްވިކަމަށް ވާރިދުވެފައި ހުރި ދުޢާތައް އެބަހުއްޓެވެ. ނަމަވެސް މިދުވަހު ކުރާ ދުޢާ އިތުރުވެގެންވާކަމަށްޓަކައި ވަކި ލަފްޒަކަށް ދިއުމެއް ނެތި ދޫކޮށްލުމަކީ ދުވަހުގެ ޘަވާބު ޙާޞިލުވެފައި މީސްތަކުންނަށް ފަސޭހަވާނެގޮތްކަމުގައިވާތީ، އެފަދަ ދުޢާތައް ދަންނަ ފަރާތްތަކުން އެފަދަ ދުޢާތަށް ކިއުމަކަށް ހުރަހެއް ނެތެވެ. ސަބަބަކީ فضائل الأعمال ގައި ޢިލްމުވެރިން ބަޔާންކުރައްވާ ޝަރުޠުތަކާ އެކުގައި ޟަޢީފުކަން ހުރިނަމަވެސް އެފަދަ ރިވާޔަތުގެ ބޭނުން މިފަދަ މަޤާމުގައި ކުރެވިދާނެކަމުގައި ޢިލްމުވެރިން ބަޔާންކުރާތީއެވެ.
މީގެ އިތުރުން އިމާމު ނަވަވީ المجموع في شرح المهذب ގައި މި ޙަދީޘް ގެންނެވުމަށްފަހު މިފަދައިން ވިދާޅުވެފައި ވެއެވެ. އަޑުހަރުކޮށް ތަލްބިޔާ ކިޔުމާއި ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުﷲ ގެފާނުގެ މައްޗަށް ޞަލަވާތްކިޔެވުން ހުއްޓެވެ. ބައެއްފަހަރު ޛިކުރުކޮށް، އަނެއްބައިފަހަރު ތަހުލީލުކިޔާ، ބައެއްފަހަރު ތަކުބީރުކިޔާ ތަސްބީޙަކިޔާނީއެވެ. އަދި އަނެއް ބައި ފަހަރު ޤުރުއާން ކިޔަވާނީއެވެ. އަނެއްބައިފަހަރު އިތުރު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާނީއެވެ. އަނެއް ބައިފަހަރު ދުޢާކިޔާނީއެވެ. ބައެއް ފަހަރު ދުޢާކުރާނީއެވެ. ބައެއްފަހަރު ގިނިކަންޏާ އަނެއްބައިފަހަރު ޖަމާޢަތުގައި އަމިއްލަ ނަފްސަށާއި، މައިންބަފައިންނަށާއި، ކިޔަވައިދިން އެދުރުންނަށާއި، ގާތްތިމާގެ މީހުންނަށާއި، ރަޙުމަތްތެރިންނަށާއި، ލޯބިވާ މީހުންނަށާއި ހެޔޮކަމެއްކޮށްދިން ކޮންމެ މީހަކަށާއި، އެންމެހައި މުސްލިމުންނަށެވެ. މިކަންކަމުގައި އެއްވެސް ޙާލެއްގައި ފަރުވާކުޑަނުކުރުން ހުއްޓެވެ. އެހެނީ އެހެންދުވަސްތަކާ ޚިލާފަށް މިއީ އެދުވަސްތަކުގެ ހެޔޮކަން އަނބުރާ ގެނެސްގަނެވޭނެ ދުވަސްތަކަކަށް ނުވާތީއެވެ. ގިނަގިނައިން އިސްތިޣްފާރުކުރުމާއި، ތިމާއަށް ކުރެވިފައިވާ އެންމެހައި ކުށްފާފަތަކަކުން ތައުބާވުމުގައި ހިތުގެ ފުންމިނުން ހިތާމަކޮށް ތައުވާބުން ހުއްޓެވެ. އަދި ރުއިމާއިއެކު ދުޢާކުރުމާއި ޛިކުރުކުރުން ހުއްޓެވެ. އިޚްތިޔާރުކުރެވިފައިވާ ދުޢާގެ ގޮތުގައި އިމާމު ނަވަވީ ގެންނަވާފައިވާ ދުޢާއެއް ނިންމާލަމުން ހިމަނާލާނަމެވެ.
“اللَّهُمَّ آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ اللَّهُمَّ إنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا كَبِيرًا وَإِنَّهُ لَا يَغْفِرُ الذُّنُوبَ إلَّا أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِك وَارْحَمْنِي رَحْمَةً أَسْعَدُ بِهَا فِي الدَّارَيْنِ وَتُبْ على توبة نصوحا لاأنكثها أَبَدًا وَأَلْزِمْنِي سَبِيلَ الِاسْتِقَامَةِ لَا أَزِيغُ عَنْهَا أبدا اللهم أنقلني عن ذُلِّ الْمَعْصِيَةِ إلَى عِزِّ الطَّاعَةِ وَاكْفِنِي بِحَلَالِك عَنْ حَرَامِك وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ وَنَوِّرْ قَلْبِي وَقَبْرِي وَاغْفِرْ لِي مِنْ الشَّرِّ كُلِّهِ واجمع لى الخير، اللهم إنى أسئلك الهدى والتقى والعفاف والفني، اللَّهُمَّ يَسِّرْنِي لِلْيُسْرَى، وَجَنِّبْنِي الْعُسْرَى وَارْزُقْنِي طَاعَتَك مَا أَبْقَيْتَنِي أَسْتَوْدِعُك مِنِّي وَمِنْ أَحْبَابِي وَالْمُسْلِمِينَ أَدْيَانَنَا وَأَمَانَاتِنَا وَخَوَاتِيمَ أَعْمَالِنَا وَأَقْوَالَنَا وَأَبْدَانَنَا وَجَمِيعَ مَا أَنْعَمْتَ بِهِ عَلَيْنَا”
މިފަދަ މަޤާމުތަކަކީ ﷲ އާ ކުއްތަންވެ އަޅުކަމުގައި މަޝްޣޫލުވެ އުޅެންޖެހޭ މަޤާމުތައްކަމުގައިވާތީ، ދުނިޔެވީ ކަންކަމުން އެއްކިވެ ވީވަރަކުން ކުއްތަންވެ އަޅުކަންކުރުން ހުއްޓެވެ. ޢަރަފާތުގައި ހުއްޓިވަޑައިގެން ތިއްބަވާ ހުރިހާފަރާތްތަކުގެ ކިބައިން އެދެނީ ހެޔޮދުޢާކޮށްދެއްވުމެވެ.


