އިސްލާމީ ތާރީޚާމެދު އާ ނަޒަރަކުން: ތާރީޚީ ހާދިސާ ތަފްސީރުކުރުމުގެ މުހިއްމުކަން. (1)

މިއީ އަޅުގަނޑުގެ ލޮބުވެރި އުސްތާޛަކު އަޅުގަނޑާއި އަޅުގަނޑާއެކު ކިޔަވަން އުޅުނު ބައެއް ކުދިންނަށް ހަދިޔާކުރެއްވި ފޮތެއްކަމުގައިވާ نحو رؤية جديدة للتاريخ الإسلامي މިފޮތް ތަރުޖަމާކުރުމަށް އަޅުގަނޑު ގަސްދުކޮށް ފަށާފައިވާ މަސައްކަތެކެވެ. މި ގޮތުން މި ފޮތުގައި ހިމެނޭ މުހިއްމު ބައެއް ބައިތައް ސިލްސިލާއެއްގެ ގޮތުގައި ތިޔަބޭފުޅުންނާ ހިއްސާކުރުމަށް ގަސްދުކުރަމެވެ.

މި ފޮތުގެ މުޞައްނިފަކީ، މިޞްރުގެ ޢާލިމެއްކަމުގައިވާ أستاذ الدكتور عبد العظيم الديب އެވެ. މީނާ އުފަންވެވަޑައިގަތީ މިޞްރުގެ ހުޅަގުގެ މުޙާފަޡާއެއްގެ އަވަށަކަށް 1348ހ. / 1929މ. ގައެވެ. ތުއްތުއިރު ކީރިތި ޤުރްއާން ހިތުދަސްކުރައްވިއެވެ. މަޝްހޫރު ޢާލިމެއްކަމުގައިވާ دكتور يوسف القرضاوي އާއި އެކު الأستاذ البهي الخولي ގެ އަރިހުން ކިޔަވާވިދާޅުވިއެވެ. އަދި ތާރީޚީ ޢިލްމުވެރިއެއްކަމުގައިވާ محمود شاكر ގެ ދަރިވަރެއްވެސް މެއެވެ.  އަލްއަޒްހަރާއި ދާރުލްޢުލޫމުން ކިޔަވާ ވިދާޅުވިއެވެ. އަދި 1956 ގައި ގްރެޖުއޭޓު ވެވަޑައިގަތުމަށްފަހު، 1970މ. ގައި އަލްއިމާމުލް ޙަރަމައިނީގެ ފޮތް البرهان ތަޙުޤީޤުކުރައްވައިގެން މާސްޓަރސް ޑިގްރީ ޙާޞިލްކުރެއްވިއެވެ. 1975މ. ވަނަ އަހަރު ޕީ އެޗްޑީ ޙާޞިލްކުރައްވާފައިވަނީ އަލްއިމާމުލް ޖުވައިނީ ގެ ޢިލްމުވެރިކަމާއި، އެކަލޭގެފާނުގެ މަޤާމާއި، އެކަލޭގެފާނުގެ އަސަރު ގެ މައްޗަށެވެ. އެއަށްފަހު  1976މ. ވަނަ އަހަރު ޤަޠަރު ޔުނިވަރސިޓީއާ ގުޅިވަޑައިގަތެވެ.

އޭނާއަށް ނިސްބަތްވާ މުހިއްމު ބަސްފުޅެއް މިތަނުގައި ހިމަނާލުމަކީ މުނާސަބު ކަމެއްކަމުގައި ދެކެމެވެ. ” ފަލަސްޠީނުގެ އިންތިފާޟާއަކީ، ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން އެޅިފައިވާ އެންމެ ބަރަކާތްތެރި ފިޔަވަޅެވެ. އެއީ މަގުގެއްލިފައިވަނިކޮށް އެ މައްސަލަ ރަނގަޅު މިސްރާބަށް ގެނެސްފައިވާތީއެވެ. އެ މައްސަލައިގެ އިޞްލާޙަށް އެތަކެއް އަހަރުތަކެއްވަންދެން ކުރެވުނު ހުރިހާ މަސައްކަތެއްހެންވަނީ ފުނޑުފުޑުވެ، ލަނޑުދަނި ހާޞިލްނުވެފައެވެ. އެ މައްސަލަ ހަމަ މަގަށް ގެނެސް އެ އޮންނަންޖެހޭ މަޤާމުގައި ބޭއްވީ އިންތިފާޟާއެވެ. އެކަމަކީ ޔަހޫދީން އިންތިހާއަށް ބިރުގަންނަ އަދި އެކަމާ ހައްސަ ވިސްނުން ވިސްނާނެ ކަމެކެވެ.”

ކޮންމެހެން މުހިއްމު މުޤައްދިމާއެއް

މި ބަޙުޘްގެ ޚިޔާލާއި އަދި މިބަޙުޘްގެ އެންމެ ފުރަތަމަ  ފެށުން ގޮސް ހުއްޓެނީ، މީގެ އަހަރުތަކެއް ކުރިއަށެވެ. ގާތްގަނޑަކަށް ޢަރަބި އެކުވެރި ޤައުމެއްކަމުގައިވާ ސޫދާނުގައި އުޅުމުގެ ނަސީބު އަހުރެންނަށް ލިބިފައިވީ ދުވަސްވަރު މީގެ މަދު އަހަރުކޮޅެއް ކުރިއަށެވެ. ދިރާސާތަކާއި ފޮތްތައް އަހުރެންގެ ސިނކުޑިއަށް ތަޞައްވުރު ކޮށްދިފައިވާ ގޮތާއި ތަފާތުކޮށް އެތަނުގެ ދިރިއުޅުން އަހުރެންނަށް ފެނިގެން ދިޔައެވެ. އެރަށުގެ ޝައިޚުންނާއި އެރަށް އާބާދުކުރާ ފަރާތްތަކާ އެއްމަޖިލިހުގައި އިނދެ އެމީހުންގެ ހަނދާންތަކާއި އެބައިމީހުންގެ ޒުވާންދުވަސްވަރުގެ ވާހަކަތައް އަހުރެން އަޑުއެހީމެވެ. އެބައިމީހުން އެވާހަކަތައް ކިޔައިދެނީ ޝުޢޫރާއި އިޙްސާސުން ފުރިގެންވާގޮތުގެމަތިން، ހިތަށްވެރިވަމުންދިޔަ ގޮތަށެވެ. މި ޤައުމުގެ ތާރީޚު އަހުރެންނަށް ފެނުނީ އަހުރެން ކީ ތާރީޚާ ތަފާތުކޮށެވެ. ކަންކަން ހުރީ އަހުރެން ތަޞައްވުރު ކުރި ގޮތާ ތަފާތުކޮށެވެ. ޙަޤީޤަތަށް ދަންނަވާނަމަ، އަހުރެންނަށް ތަޞައްވުރުކޮށްދެވުނު ގޮތާ ތަފާތުކޮށެވެ.

ހާދިސާތަކާއި އެކިކަންކަމުގައި އަހުރެންނަށް އަޑުއިވުނު ވާހަކަތަކާއި، ކިޔާފައި ހުރި އެއްޗަކާއި މާބޮޑު ތަފާތެއް ނެތެވެ. ނަމަވެސް މިހާދިސާތަކާއި ކަންތައްތައް ތަފްސީރުކުރުމުގައި ވަރަށް ފުން އަދި ބޮޑެތި ތަފާތުތަކެއް ހުއްޓެވެ.  

އެކަމާ ގުޅޭ އެއްމިސާލެއް ދަންނަވާލާނަމެވެ. އެއީ ސޫދާނުގެ ބޮޑެތި ސިޓީތަކުގައި ތިބި މަސީޙީ ޖަމާޢަތްތަކު ގެ ވާހަކައެވެ. އެމީހުންނަކީ މުސްލިމުންގެ އަނިޔާވެރިކަމާއި ޚުދުމުޚްތާރުކަމުގެ ސަބަބުން (މިޞްރުގެ) ވާދީ ގެ އުތުރުން ދެކުނަށް ފިލައިގެން އައިސްފައިވާ ބައެއްކަމުގަމުގައި ބުނެވޭ ބުނެވުމެވެ. މިވާހަކަ އެންމެ ފުރަތަމަ ލިޔުނު މީހުންކުރެ އިނގިރޭސީންނާއި މަސީޙީން މިވާހަކަ ފެތުރީ މިގޮތަށެވެ. އަދި އޭގެފަހުން ލިޔުންތެރިން މި މީހުންގެ ކިބައިން މިވާހަކަ މިގޮތަށް ނަޤުލުކޮށްފައި ވެއެވެ.

ނަމަވެސް މިކަންކަން ހިނގިއިރު އެތަނުގައި އެމީހުންނާ އެކުވެ އުޅު މީހުންނާއި މިހާދިސާތައް ހިނގިއިރު އެކަންކަން ދުށްމީހުން މި ޖަމާޢަތްތައް ވުޖޫދުވުމާ ގުޅޭގޮތުން ދީފައިވަނީ އެހެން ތަފްސީރެކެވެ. އެމީހުން ބުނެފައިވަނީ:

ސޫދާނު އިސްތިޢުމާރުކޮށްގެން ތިބި އިގިރޭސި އިދާރާއަށް މުވައްޒަފުންނާއި މަސައްކަތު މީހުން ގެ ބޭނުން އޮތީ އިންތިހާއަށް ޖެހިފައެވެ. މިހެންވެ މިޞްރުން ގެންނަ މީހުން ގެނައުމާއެކު ސޫދާނު މީހުންނާ އެކުވެ އެކައްޗަކަށްވެ ކައިވެނީގެ ގޮތުންވެސް ގުޅެން ފެށިއެވެ. މިހެންވެ ސޫދާނުގެ އަހުލުވެރިންނަށް އެމީހުންގެ ހިތުގައި ކުލުނާއި ހަމްދަރުދީ އޮންނާތީ، އިސްތިޢުމާރީ ބާރުން، ބާރުވެރިކަމާއި އަނިޔާވެރިކަން ދައްކަން ބޭނުންވާގޮތަކަށް ނުދެއްކެއެވެ. އެއަށްފަހު އެމީހުން ޝާމުކަރައިން މަސީޙީން ގެންނަން ނިންމާ އެމީހުން ބޭނުން ޢަދަދަށް މަސީޙީން ގެނައެވެ. ނަމަވެސް ސޫދާނުގެ ހޫނުމޫސުމަކަށް އެމީހުންނަކަށް ކެތެއް ނުކުރެވުނެވެ. މިހެންވެ އަނެއްކާވެސް މުވައްޒަފުންނާއި މަސައްކަތު މީހުން ގެނައުމަށްޓަކައި މިޞްރު ޚިޔާރުކުރަންޖެހުނީއެވެ. ނަމަވެސް ޝަރުޠަކީ މިޞްރުން ގެންނަ މީހުންނަކީ ނަޞާރާއިންކަމުގައި ވުމެވެ. އެއީ ސޫދާނު މީހުންނާއެކުވެ ކައިވެނީގެ ގޮތުން ގުޅުމުގެ ފުރުޞަތު ބަންދުކުރުމަށްޓަކައެވެ. އަދި އެމީހުންނަށް ވަޒީފާދީ މަސީޙީންނަށްވީތީ އަޚުވަންތަ ފަރާތްކަމުގައިވާ އިނގިރޭސިންނަށް އެމީހުންގެ ވަފާތެރިކަން އޮތުމުގެ ބޭނުމުގައެވެ.

މިޞްރުގެ ނަޞާރާ ޤިބްޠީން ސޫދާނަށް އައިގޮތަކީ މިއީއެވެ. އެތަނުގައި އެމީހުންގެ މުޖްތަމަޢުތައް ޤާއިމުކުރިގޮތަކީ މިއީއެވެ. ޙަޤީޤަތަކީ މިއީއެވެ! އެމީހުން މިޞްރުމީހުންގެ އަނިޔާވެރިކަމުގެ ސަބަބުން ފިލަން އައުމާއި އިސްތިޢުމާރީ ބާރަށް ޚިދުމަތްކުރުމުގެ ގޮތުން މަސައްކަތްކުރަން އައުމާއި މިއީ ވަރަށް ބޮޑު ތަފާތެއް ހުރި ދެކަމެވެ. އެމީހުން ނޫން ބަޔަކަށް މި މަސައްކަތުގައި ދެމިތިބުމުގައި ކާމިޔާބެއް ނުވިއެވެ.

އަހުރެން އެދުވަސްވަރުންފެށިގެން މި ބަޙުޘުގެ އޮށް އިންދައިފީމެވެ. އަދި އަހަރެމެންގެ އުއްމަތުގެ ތާރީޚު ބަލާ ހޯދަން ފެށީމެވެ. އަދި އެ ތާރީޚުގައި ހިނގާފައިވާ ކަންކަމާއި ހާދިސާތަކާމެދުގައި ވިސްނަންފެށީމެވެ. އަދި އަހުރެމެންގެ އިސްލާމީ ތާރީޚުގެ ޞަފްޙާތައް އުކަމުންދާއިރު، ކަންބޮޑުވުމެއް އޮތްކަމެއް ނުވަތަ ބޮޑު އޮޅުމެއްގެ ތެރޭގައި އޮތްކަމެއްނަމަ އެކަމަކާ ދޭތެރޭގައި އަހުރެން ދެވަނަ ވިސްނުމަކަށް ދަމެވެ.

އަދި އިސްލާމީ ތާރީޚާބެހޭގޮތުން ލިޔެވިފައި ހުންނަ ލިޔުންތަކާއި، އިސްލާމީ ތާރީޚާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އަހުރެންނަށް ވީވަރަކުން ހޯދާ ބަލަންފެށީމެވެ.

އަހަރެމެންގެ އިސްލާމީ ތާރީޚު ގެ ނަން ހުތުރުކޮށް އޮޅުވާލުމުގެ ގޮތުން ބޭނުންކުރެވޭ ބައެއް ވަސީލަތްތަކާއި އެކިއެކި ގޮތްތައް އަންނަނިވި ޞަފްޙާ ތަކުގައި ގެނެސްދިނުމަށް އަހުރެން މަސައްކަތްކުރާނަމެވެ. (ނުނިމޭ)

Scroll to Top