މިއީ ޢިރާޤުގެ ޢާލިމެއްކަމުގައިވާ، ޢަބްދުލްކަރީމް ޒައިދާނު ލިއުއްވާފައިވާ ‘المدخل لدراسة الشريعة الإسلامية’ މިފޮތުން ހޮވާލެވިފައިވާ ބައިތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ފަށާ ސިލްސިލާއެކެވެ.
މުޤައްދިމާއެއް
އިބުނު ޚުލްދޫން އޭނާގެ މުޤައްދިމާ ގައި ބުނެފައިވާ ފަދައިން އިންސާނާ އެހެން އިންސާނުންނާ އެކުވެ އުޅުމަކީ ޒަރޫރީ ކަމެކެވެ. މިއާ އެންމެ ގުޅެނީ ފަލްސަފާވެރިން ކޮށްފައިވާ މި ތަޢުބީރާއެވެ. “الإنسان مدني بالطبع” (އިންސާނާއަކީ އެކުވެއުޅުމުގެ ސިފަ އޭނާގެ ޠަބީޢަތުގައި ލައްވާފައިވާ ފަރާތެކެވެ.) މީގެ މަނައަކީ އެކުވެ އުޅުމަކީ އިންސާނާއަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި އޭނާއާ އެއްފަދަ އަނެއް އިންސާނާއާއެކު ދިރިއުޅެންޖެހިފައިވާ މީހެކެވެ. އިބްނު ޚުލްދޫނު ގަބޫލުކުރާ މިގޮތަކީ އެކަން އޮތްގޮތެވެ. އަދި ޢަމަލީގޮތުން މިކަން ހިނގާކަމަށް ދަލީލު ލިބެނީވެސް މިގޮތަށެވެ. އިންސާނާ އުފަންވަނީ މުޖްތަމަޢަކަށެވެ. އެނޫން އެހެންތަނެއްގައި އޭނާއަކަށް ދިރިއެއްވެސް ނޫޅެއެވެ. އިންސާނަކު މުޖްތަމަޢުން ބޭރުގައި އުޅޭކަމަށް ތަޞައްވުރުކުރުމަކީ ވަހުމާއި ޚިޔާލުގެ ބާވަތެކެވެ. އޭގެ ޢަމަލީ ވުޖޫދެއް ހަގީގީ ދުނިޔެއަކު ނުވެއެވެ.
އެހެންމީހުންނާ ހިއްސާކުރާ މި ދިރިއުޅުމުގެ ތެރޭގައި އެކަކު އަނެކަކާ ދެމެދު ގުޅުންތަކާއި މުޢާމަލާތްތައް އުފެދިގެން އައުމާއި އޭގެ ނަތީޖާއެއްގެ ގޮތުން ޚުޞޫމަތްތައް އުފެދުމަކީ ނުވެނުދާނެކަމެކެވެ. ހަމަ އެފަދައިން މުޖްތަމަޢުގެ އެއްވެސް ފަރުދަކީ މުޠުލަޤު މިނިވަންކަމެއް ލިބިފައިވާ މީހެއް ނޫނެވެ. އެހެނީ އެކަމަކީ އަނެކާގެ މިނިވަންކަމާ ތައާރުޒުވާނެކަމެކެވެ. އަދި އޭގެ ސަބަބުން ދާއިމީ ދެބަސްވުންތައް އުފެދި، މުޖްތަމަޢު ފަނާވެދިޔުން ފިޔަވައި އިތުރުކަމެއް ނުވާނެއެވެ. މިހެން މިކަން ހުރުމުން ޤައިދެއް ނެތި ދޫކޮށްލެވިފައިވާ މިފަދަ މިނިވަންކަން އިންކޮށް އެ ގުޅުންތައް ތަރުތީބުކުރާނެ ޤަވާޢިދުތައް ހުންނަން ޖެހެއެވެ. އެއީ ކޮންމެ ފަރުދަކުވެސް އަމާންކަމާއެކުގައި ދިރިއުޅުމާއި، މުޖަތަމަޢުގައި ދެމިތިބުމާއި ހަމަޖެހުމުމުގެ މަގު ފަހިވުމަށްޓަކައެވެ. މި ޤަވާޢިދުތަކަކީ އެއީ ޤާނޫނެވެ. އިންސާނާއަށްޓަކައި މުޖްތަމަޢު ގެ ޒަރޫރަތު އޮންނަ ފަދައިން ޤާނޫނަކީވެސް މުޖްތަމަޢަށްޓަކައި ޒަރޫރީ އެއްޗެކެވެ. މިހެންވެ ދޭދޭ ފަރުދުންގެ ދެމެދުގައި އޮންނަ ގުޅުންތަކާއި، ފަރުދުންނާއި މުޖްތަމަޢާ ދެމެދުގައި އޮންނަ ގުޅުންތަކާއި، އެބައިމީހުންގެ ޙައްޤުތަކާއި ވާޖިބުތަކާއި އެބައިމީހުންނަށް ލިބިގެންވާ މިނިވަންކަމުގެ މިންވަރާ ގުޅޭ ކަންކަން ހަމަ މަގަށް އަޅުވާނެ ޤަވާޢިދުތަކެއް ކޮންމެވެސް ސިފައެއްގައި ނެތް މުޖްތަމަޢެއް އެހާރާއި މިހާރުވެސް ނުވެއެވެ.
ޤާނޫނަކީ ބައެއްފަހަރު އެންމެން އެއަށް ބޯލަނބާ އެ މުޖްތަމަޢެއްގައި އޮންނަ އާދަތަކާއި، ވާރުތަވަމުން އަންނަ އާދަކާދައާއި ޢުރުފުގެ ގޮތުގައި އޮންނަ އެއްޗެކެވެ. އަނެއްބައި ފަހަރު އެއީ ކިޔަމަންވެވޭ ފަރާތަކުން ކުރާ އަމުރެއް ނުވަތަ ނަހީއެއްގެ ސިފައިގައި އޮންނަ އެއްޗެކެވެ. އެފަރާތަކީ ޤަބީލާއެއްގެ ވެރިއެއް ނުވަތަ ރަސްކަލެއްފަދަ މީހަކަށްވެސް ވެދާނެއެވެ. އެނެއްބައިފަހަރު އެއީ ޤާނޫނު ތައް ހެދުމުގެ ބާރު މުޖްތަމަޢުގެ ފަރާތުން ހަވާލުކޮށްފައިވާ މުއައްސަސާއަކުން ޤަވާޢިދުތަކަކާއި އަމުރުތަކެއްގެ ސިފައި އޮންނަ އެއްޗަކަށްވެސް ވެދެއެވެ. މިހުރިހާ ބާވަތެއްގެ ޤާނޫނުގެ މަޞްދަރަކީ އިންސާނުންނެވެ. އެއީ ވަޟްޢީ ޤާނޫނެވެ. އަދި އިންސާނުން ނޫން މަޞްދަރުން އަންނަ ޤާނޫނުތަކެއް ހުރެއެވެ. އަދި ކީއްތޯއެވެ؟ އެއީ އިންސާނުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން އަންނަ ޤާނޫނުތަކެކެވެ. އެއީ އިލާހީ ނުވަތަ ސަމާވީ ޝަރީޢަތެވެ. މި ދެބާވަތުގެ ތަޝްރީޢު އިންސާނުންނަށް އެނގިފައިވެއެވެ. އެއީ ވަޟްޢީ ޝަރީޢަތާއި ސަމާވީ ޝަރީޢަތެވެ. ފުރަތަމަ ބާވަތަކީ އިންސާނާ އެކަށައަޅާ އުފައްދާފައިވާ އެއްޗެކެވެ. ދެވަނަ ބާވަތަކީ ﷲ ގެ އުފެއްދެވުމާއި އެކަލާނގެ ވަޙީއެވެ. (ނުނިމޭ)

