عَنْ أَنَسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ بِأَعْرَابِيٍّ وَهُوَ يَدْعُو فِي صَلَاتِهِ، وَهُوَ يَقُولُ: يَا مَنْ لَا تَرَاهُ الْعُيُونُ، وَلَا تُخَالِطْهُ الظُّنُونُ، وَلَا يَصِفُهُ الْوَاصِفُونَ، وَلَا تُغَيِّرُهُ الْحَوَادِثُ، وَلَا يَخْشَى الدَّوَائِرَ، يَعْلَمُ مَثَاقِيلَ الْجِبَالِ، وَمَكَايِيلَ الْبِحَارِ، وَعَدَدَ قَطْرِ الْأَمْطَارِ، وَعَدَدَ وَرَقِ الْأَشْجَارِ، وَعَدَدَ مَا أَظْلَمَ عَلَيْهِ اللَّيْلُ، وَأَشْرَقَ عَلَيْهِ النَّهَارُ، لَا تُوَارِي مِنْهُ سَمَاءٌ سَمَاءً، وَلَا أَرْضٌ أَرْضًا، وَلَا بَحْرٌ مَا فِي قَعْرِهِ، وَلَا جَبَلٌ مَا فِي وَعْرِهِ، اجْعَلْ خَيْرَ عُمُرِي آخِرَهُ، وَخَيْرَ عَمَلِي خَوَاتِمَهُ، وَخَيْرَ أَيَّامِى يَوْمَ أَلْقَاكَ فِيهِ، فَوَكَّلَ رَسُولُ اللَّهِ صلى الله عليه وسلم بِالْأَعْرَابِيِّ رَجُلًا، فَقَالَ: «إِذَا صَلَّى فَائْتِنِي بِهِ» فَلَمَّا صَلَّى أَتَاهُ، وَقَدْ كَانَ أُهْدِيَ لِرَسُولِ اللَّهِ صلى الله عليه وسلم ذَهَبٌ مِنْ بَعْضِ الْمَعَادِنِ، فَلَمَّا أَتَاهُ الْأَعْرَابِيُّ وَهَبَ لَهُ الذَّهَبَ، وَقَالَ: «مِمَّنْ أَنْتَ يَا أَعْرَابِيُّ؟» قَالَ: مِنْ بَنِي عَامِرِ بْنِ صَعْصَعَةَ يَا رَسُولَ اللَّهِ قَالَ: «هَلْ تَدْرِي لِمَ وَهَبْتُ لَكَ الذَّهَبَ؟» قَالَ: لِلرَّحِمِ بَيْنَنَا وَبَيْنَكَ يَا رَسُولَ اللَّهِ، فَقَالَ: «إِنَّ لِلرَّحِمِ حَقًّا، وَلَكِنْ وَهَبْتُ لَكَ الذَّهَبَ لِحُسْنِ ثَنَائِكَ عَلَى اللَّهِ عز وجل[1]
އަނަސްގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. އަޢުރާބީއަކު ނަމާދުގައި ދުޢާކުރަން ހުއްޓައި އޭނާގެ ކައިރިން ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލުﷲ ގެފާނު ވަޑައިގަތެވެ. އޭނާ ކިޔަމުންދިޔައީ މިފަދައިންނެވެ. “ލޯތަކަށް ނުފެންނަ ތަޞައްވުރުވެސް ނުކުރެވޭ، ސިފަކުރާ ބަޔަކަށް ސިފަވެސް ނުކުރެވޭ، މަޚްލޫޤުންނަށް ބަދަލު އަންނަ ފަދައިން ބަދަލު އައުމެއް ނުވާ، އަދި ނުރައްކަލަކަށް ބިރުވެތިވެވޮޑި ނުގަންނަވާ، ރަސްކަލާކޯއެވެ! އެންމެހައި ފަރުބަދަތަކުގެ ބަރުދަނާއި، ކަނޑުގެ ލޮނުގަނޑުގެ މިންވަރާއި، އަދި ވާރޭތިކިތަކާއި، ގަސްގަހުގެ ފަތްތަކާއި، ރޭގަނޑުގެ އަނދިރިކަމާއި ދުވާލުގެ އަލިކަން އެމައްޗަށް ވެރިވި ކޮންމެ އެއްޗެއްގެ ޢަދަދު އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެއް އުޑުގެ ސަބަބުން އަނެއް އުޑު ދެކެވޮޑިގަތުމަށް، އަދި ބިމެއްގެ ސަބަބުން އަނެއް ބިން ދެކެވޮޑިގަތުމަށް، އެކަލާނގެއަށް ހުރަހެއް ނެތެވެ. އަދި ކަނޑުގެ (ފުންކަމުން އޭގެ) އަޑީގައިވާ އެއްޗެއް އެކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. އަދި ފަރުބަދައިގެ އަޑިގުނޑަންކަމާއި އުނދަގޫ ކަމުގެ ސަބަބުން ފަރުބަދައެއްގައިވާ އެއްވެސްކަމެއްވެސް އެކަލާނގެއަށް ވަންހަނާވެގެންނުވެއެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ޢުމުރުގެ އެންމެ ހެޔޮބަޔަކީ އޭގެ ފަހުކޮޅުކަމުގައި ލައްވާފާނދޭވެ! އަދި މިއަޅާގެ އެންމެ ހެޔޮ ޢަމަލަކީ އެންމެ ފަހުގެ ޢަމަލުކަމުގައި ލައްވާފާންދޭވެ! އަދި މިއަޅާގެ އެންމެ ހެޔޮދުވަހަކީ އިބަރަސްކަލާނގެއާ ބައްދަލުވާ ދުވަސްކަމުގައި ލައްވާފާނދޭވެ! ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެ އަޢުރާބީގެ ގާތަށް ބޭކަލަކު ފޮނުއްވަމުން ޙަދީޘްފުޅުކުރެއްވިއެވެ. އޭނާ ނަމާދުކޮށް ނިމުމުން ތިމަންކަލޭގެފާނުގެ އަރިހަށް އޭނާ ގެނެސްދޭށެވެ! އޭނާ ނަމާދުން ނިމިގެން ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނުގެ އަރިއަހަށް އޭނާ އައެވެ. އޭނާ އައުމުން އިތުރު އެކަލޭގެފާނަށް ހަދިޔާކުރެވިފައިހުރި ރަނުގެ ތެރެއިން ރަން ހަދިޔާކުރެއްވިއެވެ. އަދި ޙަދީޘްފުޅުކުރެއްވިއެވެ. ތިބާ ތިޔައީ ކޮން ޤަބީލާއެއްގެ މީހެއް ހެއްޔެވެ؟ އޭނާ ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ބަނީ ޢާމިރް ބިން ޞަޢްޞަޢާ ގެ މީހަކީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާއަށް ރަން ހަދިޔާކުރި ސަބަބު އެނގޭހެއްޔެވެ؟” އޭނާ ދެންނެވިއެވެ. އަހުރެމެންނާ ކަލޭގެފާ ދެމެދު އޮތް ރަޙިމުގެ ގުޅުމުގެ ސަބަބުންނެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ރަޙިމުގެ ގުޅުމަށް ޙައްޤެއް ވެއެވެ. އެހެންނަމަވެސް ތިމަންކަލޭގެފާނު ތިބާއަށް ރަން މި ހަދިޔާކުރެއްވީ ﷲ ޢައްޒަ ވަޖައްލަ އަށް ތިބާ ކީ ޘަނާގެ ރިވެތިކަމުންނެވެ.
މިއިން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި، ރިވެތި ޘަނާކިޔުމަކީ ދުޢާކުރުމުގައި ކުރަންޖެހޭކަމެއްކަން އެނގެއެވެ. އަދި އަމިއްލަ ލަފްޒުން ދުޢާކުރުމަކީ، ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުގެ ތަޤްރީރީ ސުންނަތުން ސާބިތުވެގެންވާ ގޮތުގައި ހުއްދަ ކަމެކެވެ. އަދި ކީއްތޯއެވެ. ޘަނާކިއުމާއި ދުޢާކުރުމުގައި ތިމާއަށް ވީ އެންމެ ފުރިހަމައަކަށް އެކަން ކުރުމަކީ އެދެވިގެންވާ ކަމެއްކަމާއި، އެކަމަށް ހިތްވަރު ދެއްވާ ކަމެއްކަންވެސް އެނގިގެން ދެއެވެ.
މާތް ﷲ ހެޔޮކޮށް ދުޢާކުރުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާ އަޅަމެންނީ ދުޢާ އިޖާބަވެގެންވާ ބަޔަކު ކަމުގައި ލައްވަވާށިއެވެ! އާމީން.
[1] އަލްޙާފިޡް އަލްހައިޘަމީ، (މަޖްމަޢުޒަވާއިދު 10/158 ގައި) ވިދާޅުވެފައި ވެއެވެ: “އައްޠަބަރާނީ އަލްއަޥްސަޠުގައި މި ޙަދީޘް ރިވާކުރައްވާފައި ވެއެވެ. މި ޙަދީޘުގެ ސަނަދުގައި ހިމެނޭ ފަރާތްތަކަކީ އައްޞަޙީޙުގައި ޙަދީޘްރިވާކުރައްވާފައިވާ ފަރާތްތަކެކެވެ. އެއީ ޢަބްދުﷲ ބިން މުޙައްމަދު އަބޫ ޢަބްދިއްރަޙްމާން އަލްއަޛްރަމީ ފިޔަވައެވެ. އޭނާއަކީވެސް ޘިޤާ އެކެވެ.”


